ވެކްސިން ފުރިހަމަ ކުރާ އެމެރިކާ ވެންގާޑް ކުންފުނީގެ މުވައްޒަފުންނަށް 1000 އެމެރިކާ ޑޮލަރުގެ އިނާޔަތެއް ދިނުމަށް ދުނިޔޭގެ އެންމެ ބޮޑު އެއް އިންވެސްޓްމެންޓް ކުންފުނި، ވެންގްގާޑުން ނިންމައިފިއެވެ.
މިއާއެކު އަންނަ އޮކްޓޫބަރުމަހުގެ ނިޔަލަށް ވެކްސިން ޖަހާ ނިންމަންޖެހޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ. އަދި ކުންފުނިން މި އިނާޔަތް ދޭން ނިންމުމުގެ ކުރިން ވެކްސިން ފުރިހަމަކޮށްފައި ތިބި މުވައްޒަފުންނަށްވެސް އިނާޔަތް ދޭނެ ކަމަށް އެކުންފުނިން ބުނެއެވެ.
ގާތްގަޑަކަށް 16500 މުވައްޒަފުން މަސައްކަތްކުރާ ވެންގްގާޑުން ބުނާގޮތުގައި ވައިރަސް ފެތުރުން ހުއްޓުވުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ވެކްސިންޖެހުމެވެ. އަދި ވެންގާޑުން ދޭ 1000 ޑޮލަރުގެ އިނާޔަތުގެ ސަބަބުން ވެކްސިން ޖެހުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.
ކޯވިޑްގެ އައު ޑެލްޓާ ވޭރިއަންޓު ހަލުއިކަމާއެކު އެމެރިކާގައި ފެތުރެމުންދާތީ އެކި ކުންފުނިތަކުންދަނީ މުވައްޒަފުން ލައްވާ ވެކްސިން ފުރިހަމަކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ. އެގޮތުން މައިކްރޯސޮފްޓް އަދި ގޫގްލް އިންވަނީ އެތަންތަނުގެ ހުރިހާ މުވައްޒަފުން ވެކްސިން ފުރިހަމަކުރިތޯ ޔަޤީންކުރާނެކަމަށް ބުނެފައެވެ. މީގެއިތުރުން ވޯލްމާޓް އަދި އާރބަރ އިން ވަނީ އެ ކުންފުނިތަކުގެ އިސްވެރިންނަށް ވެކްސިންޖެހުމަށް އަންގާފައެވެ. ނަމަވެސް އެމެޒޯން އާއި އެޕަލް އިން ވެކްސިނާއިމެދު އަދި ގޮތެއް ނުނިންމައެވެ.
މިއާއެކު ވެކްސިން ފުރިހަމަކޮށްފައި ތިބި މީހުންވެސް އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުންވެސް މާސްކު އަޅަންޖެހޭނެކަމަށް އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ އިޢުލާނު ކޮށްފައެވެ. މީގެއިތުރުން ނިއުޔޯކް ސިޓީގެ ރެސްޓޯރެންޓްތަކާއި، ޖިމްތަކާއި، އެހެނިހެން އިންޑޯރ ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ޚިދުމަތްދެވޭނީ މުވައްޒަފުންނާއި ޚިދުމަތްހޯދާ ފަރާތްތައް ކޯވިޑްގެ ވެކްސިން ފުރިހަމަކުރުމުންކަމަށް އެސިޓީގެ ކަމާއިބެހޭ ފަރާތްތަކުންވަނީ ނިންމާފައެވެ.
އައު ވޭރިއަންޓް އެމެރިކާގައި ފެތުރެން ފަށާފައިމިވަނީ ވިޔަފާރިތަކާއި އެހެނިހެން ގިނަ ތަންތަން ހުޅުވާލައި ވެކްސިންދޭ މިންވަރު މަދުވެފައި އޮތް ދަނޑިވަޅެއްގައެވެ.