ލަންކާގެ ހަންބަންޓޯޓާގައި ޒަމާނީ ފެންވަރުގެ ޔޮޓު ފަހަރު ބަންނަ ފެސިލިޓީ އެއް ޤާއިމު ކުރުމުގެ އެއްބަސްވުމުގައި ދިވެހި ކުންފުންޏަކުން ސޮއިކޮށްފިއެވެ.
ސީ ހޯސް ޔޮޓް ލިމިޓެޑް ނަމަކަށް ކިޔާ މިކުންފުންޏަކީ ދިވެހި ހިއްސާދާރުންތަކެއް ލަންކާގެ ހަންބަންޓޯޓާގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏެކެވެ. ހޯމަ ދުވަހު ސޮއިކުރި މި އެއްބަސްވުމުގެ އަގަކީ ގާތްގަނޑަކަށް 58 މިލިއަން ޑޮލަރެވެ. މިއީ ގާތްގަނޑަކަށް 894 މިލިއަން ދިވެހި ރުފިޔާގެ އިންވެސްޓްމެންޓެކެވެ.
މިއެއްބަސްވުމުގައި ސީ ހޯސް ޔޮޓްސްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ރައީސް އަލީ ހުސެއިން ދީދީއެވެ. ހަންބަންޓޯޓާ އިންޓަނޭޝަނަލް ޕޯޓް ގްރޫޕުގެ ފަރާތުން ސޮއިކޮށްފައިވަނީ، އެކުންފުނީގެ ސީއީއޯ ޖޯންސަން ލިއުއެވެ. މިއެއްބަސްވުމުގެ ދަށުން ޒަމާނީ ފެންވަރުގެ ޔޮޓް ބަންނަ ބޯޓް ޔާޑެއް ޤާއިމު ކުރެވޭނެއެވެ. އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފަރާތުން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވަ ސަފީރު އުމަރު އަބްދުލް ރައްޒާޤުގެ އިތުރުން ލަންކާގެ ޔޫތު މިނިސްޓަރ ނަމަލް ރާޖަޕަކްސަ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ލައްކާގެ ޔޫތު މިނިސްޓަރ ނަމަލް ވިދާޅުވީ ދިވެހި ރާއްޖެއާއި ލައްކާއިން އިޤްތިޞާދު ބިނާކޮށްފައި ވަނީ އަބަދުވެސް ކަނޑު ދަތުރު ކުރުމުގެ ދާއިރާގެ ތެރޭގައި ކަމަށްވާއިރު، މި ގުޅުން ދަމަހައްޓައި އިތުރަށް ބާރުވެރިކޮށް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރާނެ ކަމަށެވެ.
މިރަސްމިއްޔާތުގައި ދިވެހި ސަފީރު އުމަރު އަބްދުލް ރައްޒާޤު ވިދާޅުވީ، ލަންކާއާއި ދިވެހި ރާއްޖެ މީގެ އެތައް ސަތޭކަ އަހަރު ކުރިން ގުޅުން ބަދަހި ކުރީ ކަނޑުދަތުރު ފަތުރުގެ ތެރެއިން ކަމަށްވެފައި، މިއެއްބަސްވުމުގެ ދަށުން ބަންނަ ބޯޓުތަކަކީ ޒަމާނީ ފެންވަރުގެ އެންމެ ފަހުގެ އީޖާދީ ފަންނުވެރިކަމާއި އެކު ބަނދެވިގެން ދާނެ ބޯޓުތަކަކަށް ވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި މިފަދަ އެއްބަސްވުންތަކާއެކު ދެޤައުމު ދެމެދުގައި އޮންނަ ގުޅުން އިތުރަށް ހަރުދަނާވެ ބަދަހި ވެގެން ދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.
ލަންކާގެ ހަންބަންޓޯޓާގައި ޤާއިމު ކުރެވޭ މި ޔޮޓު ބަންނަ ފެސިލިޓީ އަކީ، ހަންބަންޓޯޓާ ޕޯޓުގެ ތަރައްޤީގެ މަގުޗާޓު ފުޅާ ކުރުމުގެ ތެރެއިން ހިންގާ މަޝްރޫޢެއް ކަމަށް އެކުންފުނީގެ ސީއީއޯ ޖޯންސަން ލިއު ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ތެރެއިން ސީ ހޯސް އަށް ބޭނުންވާ ގިނަ ހުއްދަތައް ހޯދައި ދިނުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދެމުންދާނެ ކަމަށެވެ.
ސީ ހޯސް ޔޮޓްސް ނުވަތަ ޝައި އަކީ ޒަމާނީ ޕްރިމިއަމް ޔޮޓް ބަންނަ ކުންފުންޏަކަށްވާއިރު ކުންފުނީގެ ޑިޒައިނަރުންނާއި އިނޮވޭޓަރުންނަކީ އިނގިރޭސި ވިލާތާއި ޔޫރަޕާއި ދެކުނު އެފްރިކާގެ މީހުންނެވެ.