އެމެރިކާގެ ސެނެޓުން ޢުމްރާނީ ތަރައްޤީއަށް ޚާއްސަކޮށްގެން އެއް ޓްރިލިއަން ޑޮލަރުގެ ބޮޑު ބަޖެޓެއް ފާސްކޮށްފިއެވެ.
ޖުމްލަ 1.2 ޓްރިލިއަން ޑޮލަރު ބަޖެޓް ކުރެވިފައިވާ މި ބިލަކީ މަގުތައް ހެދުމަށާއި، ޢާންމު ދަތުރުފަތުރުތައް ތަރައްޤީކޮށް އަދި އިންޓަރނެޓްގެ ޚިދުމަތް ރަނގަޅު ކުރުމަށް ކުރިއަށްއޮތް ފަސް އަހަރު ދުވަހަށް ބަހާލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފާސްކޮށްފައިވާ ބިލެކެވެ. މިއީ އެމެރިކާގެ އުމްރާނީ ތަރައްޤީއަށް އަހަރުތަކަށް ފަހު މިހާ ބޮޑު ބަޖެޓެއް ކަނޑައެޅި މަސައްކަތް ކުރުމަށް މަގުފަހިވެގެން ދިޔަ ފުރަތަމަ ފަހަރެވެ.
އެމެރިކާގެ ޑިމޮކްރެކްޓިކް ޕާޓީން ހުށަހެޅި މިބިލަށް އިދިކޮޅު ރިޕަބްލިކަން ޕާޓީންވެސް ތާޢީދުކޮށް އެކުގައި މަސައްކަތް ކޮށްދިނުމަށް ރައީސް ޖޯ ބައިޑަން ގޮވާލާފައިވާއިރު، މި ބިލް ސެނެޓުގެ ތެރެއިން ފާސްވެގެން ދިޔައީ ރިޕަބްލިކަން ޕާޓީގެވެސް ތާޢީދާއެކުއެވެ. މި ބިލް ސެނެޓުން ފާސްވެގެން ދިޔަ ނަމަވެސް އަދި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރީ ގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް އިން މި ބިލް ފާސްކުރަން ޖެހެއެވެ.
މި ބިލް ހައުސް އޮފް ރެޕްރެޒެންޓޭޓިވް އިން ފާސްކުރުމުން އެމެރިކާގެ ރައީސް ތަސްދީޤް ކުރައްވާނެއެވެ. މިއީ އެމެރިކާގެ ސިޔާސީ ދެ ފިކުރާއެކު މަސައްކަތް ކޮށް ޖޯ ބައިޑަން އަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.
އެގޮތުން މި ބިލްގެ ދަށުން މަގުތައް ހެދުމަށާއި ބޮޑެތި އެހެން ޕްރޮޖެކްޓްތަކަށް 110 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ހަމަޖެހިފައިވާއިރު، 66 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ފްލައިޓްތަކަށާއި ޕަސިންޖަރުން އުފުލާ އެހެނިހެން އުޅަނދު ތަކަށެވެ.
މީގެއިތުރުން ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމަށް 65 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާއިރު 65 ބިލިއަން އެމެރިކާ ޑޮލަރު އިންވެސްޓް ކުރާނީ އިންޓަރނެޓްގެ ޚިދުމަތް ރަނގަޅުކުރުމަށެވެ. އަދި 39 ބިލިއަން އެމެރިކާ ޑޮލަރު ޓްރާންސިޓްގެ ޚިދުމަތް ތަރައްޤީކޮށް ފުޅާކުރުމަށް އިންވެސްޓު ކުރާއިރު ފެނުގެ ޚިދުމަތް ރަނގަޅު ކުރުމަށް 55 ބިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ވަނީ ނިންމާފައެވެ.
މި ބިލާ ބެހޭ ގޮތުން އެމެރިކާގެ ސެނެޓުގެ މެޖޯރިޓީ ލީޑަރު ޗަކް ޝޫމާރ ވިދާޅުވީ، މި ބިލާއިއެކު ވަޒީފާގެ އިތުރު ފުރުސަތުތަކެއް ހުޅުވި ރައްޔިތުންނަށް މި ބިލުގެ ހެޔޮ ބަދަލުތައް ފެނިގެން ދާނެ ކަމަށެވެ.