ވިޔަފާރި

އެމެޒޯންއިން ގަންނަ ތަކެތިން ލިބޭ ގެއްލުމަށް 1000 ޑޮލަރުގެ ބަދަލެއް


އެމެޒޯންއިން ގަންނަ ތަކެތީގެ ސަބަބުން ލިބޭ ގެއްލުމަށް ބަދަލު ދޭނެ ކަމަށް އެމެޒޯން ކުންފުނިން ބުނެފިއެވެ.

އެމެޒޯންގެ ވެބްސައިޓް މެދުވެރިކޮށް ތަކެތި ގަންނައިރު އެ ތަކެތިން މީހަކަށް ގެއްލުމެއް ލިބިފައިވާނަމަ ނުވަތަ ގަންނަ ތަކެތި ހަލާކުވެފައިވާ ނަމަވެސް 1000 އެމެރިކާ ޑޮލަރަށްވުރެ ގިނަ ނުވާގޮތަށް ތަކެތި ގަނެފައިވާ ފަރާތްތަކަށް ފައިސާ ދޭނެކަމަށް އެމެޒޯންއިން ހާމަކުރެއެވެ. ނަމަވެސް މި އުޞޫލުގެ ދަށުން މިވަގުތަށް ފައިސާ ލިބޭނީ ހަމައެކަނި އެމެރިކާގެ ކަސްޓަމަރުންނަށް ކަމަށް އެކުންފުނިން ބުނެއެވެ.

އަދި ތިންވަނަ ފަރާތެއް މެދުވެރިކޮށް ތަކެތި ގަތްނަމަވެސް މި ފައިސާ ލިބޭނެކަމަށާއި މައްސަލައެއް ކުރިމަތިވެ ތިން ވަނަ ފަރާތުން އަޅާނުލައިފިނަމަ އެއަށްވުރެ ބޮޑު ޢަދަދެއްވެސް ލިބިދާނެ ކަމަށް އެމެޒޯން އިން ބުނެއެވެ. އަދި މި ފައިސާ ކުންފުނިން ސީދާ ތަކެތި ގަތްފަރާތާއި ޙަވާލުކުރާނެކަމަށްވެސް އެމެޒޯންއިން ބުނެއެވެ.

އެމެޒޯންއިން ޢާމްނުކޮށްފައިވާ ބްލޮގް ޕޯސްޓެއްގައި ބުނެފައިވާގޮތުން ގަންނަ ތަކެތީގައި މައްސަލައެއް އުޅޭނަމަ އެމެޒޯންގެ ކަސްޓަމަރ ސާރވިސްއަށް ގުޅުމުން ތަކެތި ވިއްކި ފަރާތާއި ގުޅުވައިދޭނެއެވެ. އަދި އެފަރާތުގެ އެއްވެސް ޚަބަރެއް ނުވެއްޖެނަމަ ސީދާ އެމެޒޯންއިން އެ މައްސަލައަށް ޙައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެކުންފުނިން ބުނެއެވެ. މީގެއިތުރުން އަންނަ ސެޕްޓެމްބަރުން ފެށިގެން ހަލާކުވެފައިވާ ތަކެތީގެ މައްސަލަތަކުގައި އެމެޒޯން އިން މިހާރަށްވުރެ ރަނގަޅަށް ކަންކަން ބަލަމުން ދާނެކަމުގައި އެމެޒޯންއިން ބުނެއެވެ.

އެމެޒޯންއިން މި އައު އުޞޫލު ކަނޑައަޅާފައި މިވަނީ އެމެޒޯން ވިއްކާފައިވާ 420،000 (ހަތަރުސަތޭކަ ވިހިހާހެއްހާ) ނުރައްކާތެރި ތަކެތި ވިއްކުމުގެ ކުރިން އޭގެ ނުރައްކާތެރިކަން ގަންނަ ފަރާތްތަކަށް ރަނގަޅަށް ހާމަނުކުރި މައްސަލައިގައި ކޮންސިއުމަރ ޕްރޮޑަކްޓް ސޭފްޓީ ކޮމިޝަން (ސީޕީއެސްސީ) އިން ކުންފުންޏާއި ދެކޮޅަށް މައްސަލަ ހުށަހަޅާފައިވާތާ އެއް މަސް ފަހުންނެވެ. ނަމަވެސް އެމެޒޯން އިން މިކަމާއި ދެކޮޅު ހަދައެވެ.