އިނގިރޭސިވިލާތުގެ އިޤްޠިޞާދު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 4.8 އިންސައްތައަށް ކުރިއަރާފައިވާކަމަށް އެ ޤައުމުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އިނގިރޭސިވިލާތުގެ އޮފީސް އޮފް ނޭޝަނަލް ސްޓެޓިސްޓިކްސް އިން ޝާޢިއުކޮށްފައިވާ ތަފާސް ހިސާބުތަކުން ދެވަނަ ކުއާޓަރުގައި އިޤްތިޞާދު ކުރިއަރާފައިވާކަމަށް ދެއްކިނަމަވެސް މިއީ ބޭންކް އޮފް އިންގްލޭންޑުން ލަފާކުރިވަރަށްވުރެ ދަށް ކުރިއެރުމެކެވެ. އަދި މިއީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން 2019 ގައި އިނގިރޭސިވިލާތުގެ އިޤްޠިޞާދު ކުރިއަރާފައިވާ މިންވަރާ އަޅާބަލާއިރު %4.4 ދަށް އަދަދެކެވެ.
ދެވަނަ ކުއާޓަރގައި އިނގިރޭސިވިލާތުގެ އިޤްތިޞާދު ކުރިއަރާއި ދިޔައީ ކޯވިޑްއާއިއެކު އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުންނެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާގޮތުން، ޖީޑީޕީ ކުރިއަރައި ގޮސްފައިވަނީ އޮފީސްތަކާއި ކެފޭ ރެސްޓޯރެންޓު ހުޅުވާލުމާއި ގުޅިގެންނެވެ. އަދި މިހާރު ސްކޫލްތައްވެސް ވަނީ އެޤައުމުގައި ހުޅުވާލާފައެވެ. މިހެންވުމާއިއެކު ޚަރަދުކުރާ މިންވަރު %7.3 ވަނީ އިތުރުވެފައެވެ.
އިނގިރޭސިވިލާތުގެ މާލީ ކަންކަމުގެ އިސްވެރިޔާ، ވިދާޅުވިގޮތުގައި މި ހިސާބުތައް ދައްކާގޮތުގައި އެ ޤައުމުގެ އިޤްޠިޞާދު މިވަނީ ކުރިއަށްވުރެ ބޮޑަށް ކުރިއަރާފައެވެ. ނަމަވެސް ޤައުމުގެ އިޤްޠިޞާދާއި މާލީ ހާލަތު އިތުރަށް ރަނގަޅުކޮށް ފުރިހަމަ ކުރުމަށް އަދިވެސް ވަގުތު ބޭންނުވާކަމަށް އޭނާ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ އިޤްޠިޞާދީ މާހިރަކު ވިދާޅުވީ ކޯވިޑްގެ ބަލިމަޑުކަމުގެ ކުރިން ޖީޑީޕީ ހުރިވަރަށް އަންނަ އޮކްޓޫބަރުމަހު އިނގިރޭސިވިލާތުގެ ޖީޑީޕީ ކުރިއަރާނެކަމަށާއި މިހާރު ލަފާކޮށްފައިހުރި ގިނަ ލަފާކުރުންތަކާއި އެއްގޮތަށް އޮކްޓޫބަރުމަހު އިޤްޠިޞާދު އާރާސްތު ވެގެންދާނެ ކަމަށެވެ.