ޚަބަރު

ވެކްސިން ފުރިހަމަކުރިޔަސް، މާސްކު އެޅުން ދޫކޮށްލުމުގެ ވިސްނުމެއް ނެތް: ހެލްތު މިނިސްޓަރ


ރާއްޖޭގައި ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުން ކަނޑައަޅަފައިވާ އާބާދީއަށް ވެކްސިން ފުރިހަމަކުރެވުނު ނަމަވެސް، މާސްކުއެޅުން ދޫކޮށްލުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އާބާދީގެ ވެކްސިންޖެހޭ ޢުމުރުފުރާގެ އެންމެ ކުޑަކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިއަދު ފެށުމާއި ގުޅިގެން ޢުމުރުން 12 އަހަރާއި 17 އަހަރައި ދެމެދުގެ ދަރިވަރުންނަށް ވަނީ ވެކްސިން ޖަހަން ފަށާފައެވެ. މިގޮތުން އެކި ސްކޫލްތަކަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގައި ފުރަތަމަ ވެކްސިން ޖަހަން ފަށާފައިވަނީ އަމީނިއްޔާ ސްކޫލްގެ ދަރިވަރުންނަށެވެ.

ސްކޫލް ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ފެށުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވީ، ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ހުރިހާ އެންމެނަށް މިހާރު ވެކްސިން ދޭން ފެށިފައިވާކަމަށެވެ.

ހެލްތު މިނިސްޓަރ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމާއެކު ކުރިއަށްގެންދަވަާ ވެކްސިން ޕްރޮގްރާމާއެކު އާބާދީގެ ނިސްބަތުން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ވެކްސިން ޖެހި ޤައުމަށް މިހާރު ރާއްޖެ ވާނެކަމަށެވެ. ރާއްޖެފަދަ ވެކްސިން ނުއުފައްދާ ޤައުމަކުން އެކާމިޔާބީއާ ހަމައަށް ދެވުނީ، ލީޑާރޝިޕްގެ ހަރުދަނާކަމުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް "ވަލްނަރަބަލް ޕޮޕިއުލޭޝަނެއް" އެޑިޔުކޭޝަން ދާއިރާގައި ކިޔަވާ ކުދިންނަކީ. އުއްމީދު މިކުރެވެނީ މިއަށްވުރެވެސް ދަށް ފަސް އަހަރުން މަތީގެ ކުދިންނަށްވެސް ވެކްސިން ފެށުމަށް. މިހާރު އެމެރިކާގަ ޓެސްޓްތަކެއް ކުރެވެމުންއެބަދޭ. އެހެންކަމުން އެ ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ޖެހޭކަމަށްވަންޔާ އެހިސާބުން ފެށޭނެކަމަށް މި އުއްމީދުކުރަނީ. މި މަސްނިމޭއިރަށް އެ ދިރާސާތައްކޮށް ނިމޭނެކަމަށް އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވަނީ. އިރާދަކުރެއްވިއްޔާ އެކަންވެސް އަޅުގަނޑުމެންނަށް ފަހިވެގެންދާނެ. އެކަން ފަހިވެއްޖެނަމަ އާބާދީގައި ވެކްސިން ނުޖެހޭ މީހުން ވަރަށް މަދުވާނެ"

ރާއްޖޭގެ ވެކްސިންޖެހޭ އާބާދީގެ 90 އިންސައްތަ މީހުންނަށް މިމަސް ނިމުގެކުރިން ވެކްސިން ފުރިހަމަކުރުމަށް ސަރުކާރުންވަނީ އަމާޒުހިފާފައެވެ. ހެލްތު މިނިސްޓަރ ވިދާޅުވީ، ސަރުކާރުގެ އެ އަމާޒަށް ވާސިލްވެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށެވެ. އަދި އެ އަމާޒަށް ވާސިލްވެވުނުނަމަވެސް މާސްކު އެޅުން ދޫކޮށްލުމަށް ނިންމާފައިނުވާކަމަށެވެ.

12 އަހަރާއި 17 އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ކުރިއަށްގެންދާ ޕްރޮގްރަމްގެ ދަށުން މިއަދު ގާތްގަނޑަކަށް 15 ސްކޫލެއްގައި އެޕްރޮގްރާމް ފެށިފައިވަކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ. މިގޮތުން މިއަދު އެކަނިވެސް 600 އެއްހާ ކުދިން ވެކްސިން ޖަހާނެކަމަށްވެސް ހެލްތު މިނިސްޓަރ ވިދާޅުވިއެވެ.

ސްކޫލް ކުދިންނަށް ވެކްސިން ޕްރޮގްރާމް ފެށުމާއި ގުޅިގެން އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޢަލީ ވިދާޅުވީ، ފާއިތުވި ދޮޅުއަހަރަކީ ވަރަށް ކަންބޮޑުވުން އޮތް ދަރިވަރުންގެ ކިޔެވުން ހުއްޓިދާނެތީ ބިރު އޮތް ދުވަސްވަރެއްކަމެވެ. ނަމަވެސް ސްކޫލް ކުދިންނަށް ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމާއެކު، ސްކޫލް ބަންދުކުރަން ނުޖެހޭނެކަމުގެ އުއްމީދު އައުވެއްޖެކަމަށެވެ.

"މިހާރު އުއްމީދު އައުވެއްޖެ، ދެނެއް އިތުރަށް ސްކޫލްތައް ބަންދުކުރަން ނުޖެހި އަޅުގަނޑުމެންނަށް ކުދިން ސްކޫލަށް ޙާޒިރުކޮށްގެން ކިޔަވައިދެވޭނެ. އެހެންވީމަ އެކަމަށް އަޅުގަނޑު ވަރަށް ބޮޑަށް ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރަން."

މިނިސްޓަރ ވަނީ 12 އަހަރާއި 17 އަހަރުގެ ދަރިވަރުންގެ ބެލެނިވެރިން ދަރިވަރުން ވެކްސިން ޖެހުމަށް އެއްބަރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ. ގާތްގަނޑަކަށް 40000 ދަރިވަރުންނަކީ ވެކްސިން ޖެހޭނެ ދަރިވަރުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.