ކުޅިވަރު

ދިވެހި ޓީޓީ ޓީމް ލަންކާގެ އައިސީބީޓީ ޔުނިވާސިޓީ ޓީމް ބަލިކޮށްފި


ސްރީލަންކާގެ އައިސީބީޓީ ޔުނިވާސިޓީގެ ޓޭބަލް ޓޭނިސް ޓީމާއި ރާއްޖޭގެ ގައުމީ ޓީޓީ ޓީމް ކުޅުނު އެކުވެރިކަމުގެ މެޗް ރާއްޖޭގެ ޓީމް ކާމިޔާބުކޮށްފިއެވެ. ސްރީލަންކާގެ އައިސީބީޓީ ޔުނިވާސިޓީގެ ޓޭބަލް ޓޭނިސް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް މާލެ އައިސްފައިވަނީ ހުކުރު ދުވަހުއެވެ. ރާއްޖޭގެ ޓީމްގެ ކުޅުންތެރިންނާއިއެކު ކުޅުނު އެކުވެރިކަމުގެ ޓީމް އިވެންޓް މެޗް ރާއްޖޭގެ ޓީމް ކާމިޔާބުކުރީ ފަސޭހަކަމާއިއެކު ސީދާ ތިން މެޗުންނެވެ.އައިސީބީޓީ ޔުނިވާސިޓީގެ ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިން ކުޅުނު ސިންގަލްސް މެޗުތަކުގެ ފައިނަލްގައި ވާދަކުރީ ރާއްޖޭގެ ދެ ކުޅުންތެރިންނެވެ. ފައިނަލްގައި ޒީސްތް ނަސީމްގެ މައްޗަށް ކުރި ހޯދީ ރާއްޖޭގެ އެއްވަނަ ފިރިހެން ޓީޓީ ކުޅުންތެރިޔާ މޫސާ މުންސިފެވެ. އައިސީބީޓީ ޔުނިވާސިޓީގެ އިތުރުން ސްރީލަންކާގެ އިތުރު ކޮލެޖްތައް އަދި ޔުނިވާސިޓީގެ ކުޅުންތެރިން މީގެ ކުރިންވަނީ ރާއްޖެ އައިސް މާލޭގައި އެކުވެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.