މޫޑީސްގެ ރޭޓިން ދަށްކުރިއަސް، ދަރަނި ދެއްކޭނެ ކަމުގެ ޔަޤީން ކަން އެބައޮތް ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.
ޤައުމެއްގެ މާލީ ހާލަތު އެޤައުމުގެ ދަރަންޏާއި އިޤްތިޞާދީ ހާލަތަށް ބަލައި ވަޒަން ކުރާ މޫޑީސްއިން ރާއްޖޭ ރޭޓިން ދައްކޮށްފައިވަނީ "ބީ 3"އިން "ސީ.އޭ.އޭ.ޢޭ 1"އަށެވެ. މޫޑީސްއިން މިރޭޓިން ދެމުން ބުނެފައިވަނީ ރާއްޖޭގެ ރޭޓިން ދަށްކޮފައިވަނީ ކޯވިޑްގެ ސަބަބުން ރާއްޖޭގެ ޢާމްދަނީ ދައްވެ މޫޑީސްއިން ފުރަތަމަ އުއްމީދު ކުރިވަރަށްވުރެ ދަރަނި ބޮޑުތަނުން އިތުރުވެގެން ގޮސްފައިވާތީ އާއި ކުރިއަށްއޮތް އަހަރު ތަކުގައި ރާއްޖޭގެ ދަރަނި އިތުރުވެ ލޯންތަކެއް ނަގަން ޖެހިދާނެ ކަމަށް ލާފާ ކުރެވޭތީ ކަމަށެވެ.
މިކަމާއި ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ މޫޑީސްގެ މިރޭޓިން ރާއްޖޭގެ އިޤްތިޞާދަށް މިހާރު އަންނަމުންދާ ކުރިއެރުންތަކަށް ބަލާފައި ނުވާ ކަމަށެވެ. ސަރުކާރުން ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީ ނިސްބަތުން ދަރަނި 2019 އަހަރު %62.5 ގައި ހުރިއިރު ކޯވިޑް އާއި އެކު ޙަރަދުތަށް އިތުރުވެ، އާމްދަނީ ލިބޭ މިންވަރު ދައްވުމުން ދަރަނި %115 އަށް 2020ވަނަ އަހަރު އެރި ކަމަށެވެ. ނަމަވެސް، ސަރުކާރު އޮތީ އެއްވެސް ދަރަނި ޑިފޯލްޓުނުވެ ދެއްކޭ ހާލަތުގައި ކަމަށް ސަރުކާރުން ހާމަކުރައްވައެވެ.
އެގޮތުން ފަތުރުވެރިކަމުގެ ޙާލަތު ރަނގަޅުވެ ގެއްލުނުބައި ޢިޔާދަވަމުންދާކަމަށް ސަރުކާރުން ހާމަކުރެއެވެ. އެގޮތުން އޮގަސްޓު މަހުގެ ފުރަތަމަ ދެ ހަފްތާގައި ފަތުރުވެރިން އައިސްފައިވާ ނިސްބަތަށް ބާލާއިރު 2019ވަނަ އަހަރު މިމުއްދަތުގައި އައި ވަރަށްވުރެ އިތުރެވެ. މީގެ އިތުރުން މިހާރު މިއަހަރުގެ ޖީޑީޕީ %22.7އަށް އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ޢާމްދަނީ ލިބޭ މިންވަރު މިދިޔަ އަހަރު ދައްވި ނަމަވެސް މިއަހަރު ލަފާކުރެވުނު ވަރަށްވުރެ ރަނގަޅު ވެފައި 2023ވަނަ އަހަރާ ހަމައަށްދާއިރު ކޯވިޑުގެ ކުރިން އޮތް ޙާލަތަށްވުރެ ރަނގަޅުވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.
ސަރުކާރުން ވިދާޅުވީ ދާދި ފަހުން ވިއްކި ސުކޫކުންވެސް ސަރުކާރަށް ބޭރުގެ އިންވެސްޓަރުންގެ އިތުބާރު އޮތް މިންވަރު ދޭހަވެގެން ދިޔަ ކަމަށެވެ. އަދި މިވަގުތު އެކްސްޓާނަލް ކޮމާޝަލް އެހީތަށް ލިބެނީ މަތީ އިންޓްރެސްޓެއްގައި ނަމަވެސް، ޖުމުލަގޮތެއްގައި ސުކޫކު ހިމަނައިގެން ސަރުކާރގެ ދަރަނީގެ އެވްރޭޖް އިންޓްރެސްޓް ހުރީ، %3.5 ގައި ހިފެހެއްޓިފައި ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. މީގެ އިތުރުން ކުރިއަށްއޮތް ތަނުގައިވެސް ޑެޓް ކެޕިޓަލް މާކެޓުތަކުގައި ފިނޭންސްއިން ޙަރަކާތްތެރިވާނެކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. ސަރުކާރުން ބޮޑަށް ބުރަވަނީ ދޭދޭ ޤައުމުތަކުގެ އެހީތެރިކަމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެއިތުރުން ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ކޯވިޑް މެނޭޖުކުރެވިގެން ދިއުމާއެކު މިހާރު އިޤްތިޞާދު ކުރިއަރަމުންދާ މިންވަރު ދައްވެގެން ދާނެކަމަށް ނުބެލެވޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
މޫޑީސްއިން ރޭޓިން ދައްކޮށްފައިވީ ނަމަވެސް، "ނެގެޓިވް" އައުޓްލުކް އަކުން "ސްޓޭބަލް" އައުޓްލުކްއަކަށް ވަނީ ބަދަލުކޮށްފައެވެ. މިކަމަށް އިޝާރާތްކޮށް ފިނޭންސްއިން ވިދާޅުވީ، މޫޑީސްއިން ވެސް ސަރުކާރުން ދަރަނި މެނޭޖް ކުރާގޮތް ބަލައިގަންނަކަން މިކަމުން ހާމަވާ ކަމަށެވެ. މީގެ އިތުރުން ސުކޫކު ފައިނޭންސް ކުރެވެމުގެ ސަބަބުން މިއަންނަ އަހަރަށް ހަމަވާ ޔޫރޯ ބޮނޑުގެ %76.8 ދެއްކުނު އިރު، ސަރުކާރުގެ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގެ ތެރެއިން އިތުރު ލޯނަކަށް ނުގޮސް އެއްކޮށް ދެއްކެނޭ ކަމަށް މޫޑީސްއިން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި މިސުކޫކުގެ ސަބަބުން ސަރުކާރުގެ އިންވެސްޓަރ ބޭސް ފުޅާ ކުރެވިފައިވާ ކަން މޫޑީސްއިން ފާހަގަކުރާ ކަން ފިނޭންސުން ވިދާޅުވިއެވެ.
ސަރުކާރުން ވިދާޅުވީ، ރާއްޖެއަކީ މިހާތަނަށް އެއްވެސް ދަރަންޏެއް ނުދެއްކިވާ ޤައުމެއް ނޫން ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް އެކަން ޔަޤީން ކުރާނެ ކަމަށެވެ.