ޚަބަރު

ތަރައްގީގެ މަޝްރޫއުތަކަށް އަހަރުގެ މިހާތަނަށް 1.6 ބިލިއަން ރުފިޔާ


މިއަހަރު މިހާތަނަށް ތަރަައްގީގެ މަޝްރޫޢުތަކަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަށް ދައްކާގޮތުން މިއަހަރު މިހާތަނަށް 12 ދާއިރާއަކުން ސަރުކާރުގެ މަޝްރޫޢުތަކަށް ވަނީ ޙަރަދުކޮށްފައެވެ.

ތަރައްގީއަށްކުރާ މަސައްކަތުގެ ތެރެއިން ސަރުކާރުން މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ޙަރަދެއް ކޮށްފައިވަނީ ދަތުރުފަތުރުގެ ދައިރާގެ މަޝްރޫޢުތަކަށެވެ. އެގޮތުން މިދާއިރާގައި 397.5 މިލިއަން ރުފިޔާ މިހާތަނަށް ޙަރަދު ކޮށްފައިވާއިރު، މީގެ ތެރެއިން ބޮޑުބައެއް ޙަރަދު ކޮށްފައިވަނީ ބަނދަރު ހެދުމާއި ބަނދަރުތައް އިތުރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުތަކަށެވެ. އެގޮތުން މިމަޝްރޫޢުތަކަށް 253.9 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ.

ޕީއެސްއައިޕީގެ ދަށުން ދެވަނައަށް އެންމެ ބޮޑު ޙަރަދެއް މިހާތަނަށް ހިނގާފައިވަނީ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކަށްކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން އެމަޝްރޫއުތަކަށް މިހާތަނަށް 336.4 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ. މިއީ މިދިޔަ އަހަރު އެ ދާއިރާއަށް ހަރަދުކުރި 299.1 މިލިއަން ރުފިޔާއާ އަޅާބަލާއިރު 11 އިންސައްތަ އިތުރު އަދަދެކެވެ.

ބިން ހިއްކުމާއި މަގު ހެދުމުގެ މަޝްރޫއުތަކަށް ބަލާއިރު، އެ ދާއިރާއަށް 267.8 މިލިއަން ރުފިޔާ ވަނީ ޙަރަދުކޮށްފައެވެ. އޭގެތެރެއިން ރަށްރަށުގެ މަގު ހެދުމުގެ މަޝްރޫޢުތަކަށް 179.4 މިލިއަން ރުފިޔާ މިހާތަނަށް ވަނީ ހަރަދުކޮށްފައެވެ.

ދައުލަތުގެ ޕީއެސްއައިޕީ ބަޖެޓުން މިއަހަރު 8.4 ބިލިއަން ރުފިޔާ ޙަރަދުވާނެ ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފައެވެ. މިއީ 2020 ވަނަ އަހަރާއި އަޅާ ބަލާއިރު %41 އިތުރުވުމެކެވެ.