ވިޔަފާރި

ރިސޯޓް މުވައްޒަފުންގެ ތެރެއިން 93 އިންސައްތަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފި


ރާއްޖޭގެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ %93 މުވައްޒަފުން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިިނިސްޓްރީން ހަފްތާއަކު އެއްފަހަރު ނެރޭ ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުގައިވާގޮތުން މިމަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން %93 ދެ ޑޯޒް ފުރިހަމަކޮށްފައިވާކަމަށެވެ. އަދި %98 މުވައްޒަފުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާކަމަށްވެސް މިނިސްޓްރީން ހާމަކުރެއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ރާއްޖެ އަންނަ ފަތުރުވެރިންނާ އެންމެގާތުން މަސައްކަތްކުރާ މީހުންނަށް ވާތީ ވެކްސިން ޕްރޮގްރާމް ފެށުމާއެކު ޚާއްސަ ސަމާލުކަމެއް މިސިނާއަތަށް ވަނީ ދީފައެވެ. އެގޮތުން ރާއްޖޭގައި ކޯވިޑް ވެކްސިން ދިނުމުގެ ޤައުމީ ޕްރޮގްރާމް ފެށިތާ 3 ދުވަސްތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ފްރަންޓް ލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް ވަނީ ވެކްސިން ދޭން ފަށާފައެވެ.

ރާއްޖޭގައި މުޅި ޖުމްލަ 152 ރިސޯޓެއް އޮޕަރޭޓްކުރަމުން ދެއެވެ. މި 152 ރިސޯޓްގައި މުޅި ޖުމްލަ 41431 މުވައްޒަފުން މަސައްކަތްކުރެއެވެ.

ކޯވިޑު ބަލި ފެތުރުން ހުއްޓުމަށް އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއި ދީފައިވާއިރު ސަރުކާރުން ވަނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ރިސޯޓް މުވައްޒަފުންނަށް ކަރަންޓީންވުމަކާއި ނުލައި ރަށްރަށަށް ދަތުރުކުރުމުގެ ހުއްދަވެސްދީފައެވެ. އެގޮތުން ރިސޯޓް މުވައްޒަފުން ވެކުސިން ފުރިހަމަކޮށް 14 ދުވަސްވުމުން، ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއަކާއެކު ކަރަންޓީންވާން ނުޖެހި ރަށްރަށަށް ދަތުރުކުރެވޭނެ ކަމަށާއި ދަތުރުކުރުމުގެ ހުއްދަ ދޭނީ މޮނިޓަރިންގެ ހާލަތުގައި ނެތް ރަށްތަކަށްކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

ރާއްޖެއަކީ ކޯވިޑްގެ ވެކްސިން ޖަހާފައިވާ ބަޔަކު އުޅޭ މަންޒިލަކަށް ހެދުމަށް "އަހަރެން ވެކްސިން ޖަހައިފިން"ގެ ނަމުގައި މިދިޔަ އޭޕްރިލްމަހު ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީން ވަނީ ކެމްޕެއިނެއްވެސް ފަށާފައެވެ.

މި ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހުރިހާ އެންމެން ވެކްސިން ޖަހައި މުޅި ދުނިޔޭންވެސް އެންމެ ފުރަތަމަ "ފުލީ ވެކްސިނޭޓެޑް ޓޫރިޒަމް"އެއް ޤާއިމްކުރާ ޤައުމަށް ރާއްޖެ ހެދުމެވެ.