މަކިޓާ 40 ސާޅީސްވަނަ ގައުމީ ފެތުމުގެ މުބާރާތުގެ އަންހެން އަދި ފިރިހެން ޗެމްޕިއަންކަން ނިއު ލެގޫންސް ސްވިމިންގ ކްލަބް ހޯދައިފި އެވެ. ގައުމީ ފެތުމުގެ މުބާރާތުގެ ޗެމްޕިއަން ޓީމްތަކަށާއި ވަނަ ވަނައަށް އައި އެތްލީޓުންނަށް އިނާމް ދިނުން އޮތީ މިއަދު ހަވީރު ޓްރެކް ސަރަހައްދުގައެެވެ. ގައުމީ ފެތުމުގެ މުބާރާތުގެ އެއްވަނަ ހޯދި ފިރިހެން ފެތުންތެރިންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. އަދި ގައުމީ ފެތުމުގެ މުބާރާތުގެ އެއްވަނަ ހޯދި އަންހެން ފެތުންތެރިންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމެވެ.މިއަހަރުގެ މުބާރާތުގެ މާސްޓާރސް ކެޓަގަރީން ފިރިހެން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމް ހޯދީ އިބްރާހިމް މޫސާއެވެ. ބާރަ އަހަރުން ދަށުގެ ބައިގެ ފިރިހެން އެއްވަނަ ފެތުންތެރިއަކަށް ހަސަން ޒައިން ހޮވުނު އިރު، ސާދަ އަހަރުން ދަށުގެ އުމުރުފުރާއިން އެންމެ މޮޅު ފިރިހެން ފެތުންތެރިއަކަށް ހޮވުނީ އިސްމާއިލް މުއުތަސިމް އަދުނާނެވެ. އަދި މުބާރާތުގެ ސާދަ އަހަރުން މަތީގެ އުމުރުފުރާގެ ފިރިހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވުނީ ނިޝްވާން އިބްރާހިމެވެ.މިއަހަރުގެ މުބާރާތުގެ މާސްޓާރސް ކެޓަގަރީން އަންހެން އެންމެ މޮޅު ފެތުންތެރިޔާގެ މަގާމް ހޯދީ ހައްވާ ނާސިހާއެވެ. ބާރަ އަހަރުން ދަށުގެ ބައިގެ އަންހެން އެއްވަނަ ފެތުންތެރިއަކަށް ހަމްނާ އަޙްމަދު ހޮވުނު އިރު، ސާދަ އަހަރުން ދަށުގެ އުމުރުފުރާއިން އަންހެން އެއްވަނައަށް ދެ ފެތުންތެރިންވަނީ ހޮވިފައެވެ. އެއީ އައިޝަތު ޒީބާ ހާމިދު އަދި އަނަމައު އަހްމަދު ސަލީމެވެ. އަދި މުބާރާތުގެ ސާދަ އަހަރުން މަތީގެ އުމުރުފުރާގެ އަންހެން އެންމެ މޮޅު ފެތުންތެރިއަކަށް ހޮވުނީ އާމިނަތު ޝަޖަންއެވެ.މުބާރާތުގެ ޓީމް އިވެންޓްގެ އަންހެން އަދި ފިރިހެން ޓީމް އިވެންޓްގެ ޗެމްޕިއަން ޓީމަކީ ނިއު ލެގޫން ސްވިމިންގ ކްލަބެވެ.މިދިޔަ ނޮވެމްބަރު މަހުގެ ނަވާވީހުން ޑިސެމްބަރ ފަހަކަށް ކުރިއަށްދިޔަ ގައުމީ ފެތުމުގެ މުބާރާތުގައި މިއަހަރު ޖުމްލަ 141 ފެތުންތެރިންވަނީ ވާދަކޮށްފައެވެ.