ކުޅިވަރު

ޔޫއޭއީގައި ކުޅުނު ފުރަތަމަ މެޗުން އަންހެން ޓީމު ބަލިވެއްޖެ


ޔޫއޭއީގައި ގައުމީ އަންހެން ޓީމް ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ގައުމީ ޓީމް ޔޫއޭއީގައި ކޭންޕް ކުރަމުންދަނީ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުންނެވެ. ޔޫއޭއީގެ އަންހެން ޓީމާއި ދެކޮޅަށް ކުޅުނު މިމެޗުން ގައުމީ އަންހެން ޓީމް ބަލިވެފައިވަނީ 5 ލަނޑު 1 ލަނޑުންނެވެ. މިމެޗްގައި ރާއްޖެއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ގައުމީ ޓީމުން ފުރަތަމަ ފަހަރަށް ޖާގަ ހޯދި އުމުރުން 16 އަހަރުގެ ރާނިޔާއެވެ. ޔޫއޭއީގެ އަންހެން ޓީމުން ޖެހި 5 ލަނޑުގެ ތެރެއިން 4 ލަނޑު ޖެހީ މެޗްގެ ފުރަތަމަ ހާފްގައެވެ.

ގައުމީ ޓީމު ތައްޔާރުވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން މެޗްތައް ކުރިއަށްދާނީ ތަޖަކިސްތާނުގައެވެ. ކޮލިފައިންގެ މެޗްތައް ތަޖަކިސްތާނުގައި ކުރިއަށް ދިޔަނަމަވެސް އޭއެފްސީ ވިމެންސް އޭޝިއަން ކަޕް މުބާރާތް ކުރިއަށްދާނީ އަންނަ އަހަރު އިންޑިޔާގައެވެ. ކޮލިފައިންގައި ރާއްޖެ ލައްވާލާފައިވަނީ ތަޖިކިސްތާން، ވިއެޓްނާމް އަދި އަފްގާނިސްތާނާއި އެއް ގުރޫޕެއްގައެވެ. ކޮލިފައިންގައި އަފްގާނިސްތާނު އޮތް ނަމަވެސް އެގައުމުގެ ސިޔާސީ ހަމަނުޖެހުމުގެ ސަބަބުން މިހާރު އެގައުމުން ކޮލިފައިންގެ މެޗްތަކުގައި ބައިވެރިވާނެކަމާމެދު ވަނީ ސުވާލް އުފެދިފައެވެ. ގައުމީ އަންހެން ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހުގައި ފެށިއިރު، ގައުމީ އަންހެން ޓީމުން ވަނީ އޭދަފުށީގައި ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅެފައެވެ.

ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ގައުމީ އަންހެން ޓީމްގެ އެއްވެސް ހަރަކާތެއް ކުރިއަކަށް ނުގެންދެއެވެ. ގައުމީ އަންހެން ޓީމް އެންމެ ފަހުން ވާދަކޮށްފައި ވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ޤައުމީ އަންހެން ފުޓުބޯޅަ ޓީމު ވަނީ ލޯ މެޑަލްއެއް ހޯދާފައެވެ.