ކުޅިވަރު

ބަޝުންދުރަ އަތުން ހޯދި ޕޮއިންޓާއެކު މޯހަން ބަގާން ދެވަނަ ބުރު ޔަގީންކޮށްފި


މެޗް އެއްވަރުވެ، ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައި އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއިން އޭއެފްސީ ކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދައިފިއެވެ. މިމެޗް އެއްވަރުވެފައިވަނީ 1 ލަނޑު 1 ލަނޑުންނެވެ.

މިމެޗަށް ނިކުތްއިރު ބަންގްލަދޭޝްގެ ބަޝުންދުރާއަށް ވުރެއް 2ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށް އޮތީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއެވެ. މި ގުރޫޕްގައި ކޮންމެ ޓީމެއްވެސް ދެ މެޗް ކުޅެފައިވާއިރު، ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މޯހަން ބަގާންއަށް ލިބޭތީއެވެ. ބަޝުންދުރާއަށް ދެ މެޗުން ލިބިފައި ވަނީ 4 ޕޮއިންޓެވެ. މޯހަން ބަގާން އާއި ބަޝުންދުރާ މެޗް އެއްވަރުކޮށްލައިގެން ވެސް ގުރޫޕް ޑީގެ އެއްވަނަ މޯހަން ބަގާންއަށް ލިބޭނެއެވެ. ނަމަވެސް ބަޝުންދުރާއިން މޯހަން ބަގާންގެ މައްޗަށް ކުރި ހޯދައިފިނަމަ، އެޓީމަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ލިބޭނެއެވެ.

މެޗް ފެށިގެން ދެ ޓީމުން ވެސް ދިޔައީ ވަރަށް ހަމަޖެހިލައިގެން ކުޅެމުންނެވެ. އެއްވެސް ޓީމެއް މާ ބޮޑަށް އަވަސް އަރުވާލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރިތަނެއް ނުފެނުއެވެ.
މެޗުގެ 13ވަނަ މިނެޓްގައި ބަޝުންދުރާގެ ޓޯޕޫ އަދި ރައުލްއަށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. މެޗްގެ ފުރަތަމަ ހާފްގެ 15 މިނެޓްގެ ކުޅުން ނިމުނުއިރު ބަޝުންދުރާއިން ހަމަލާތައް އުފެއްދި ނަމަވެސް މެޗްގައި ގޯލެއް ޖެހުމަށް އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ މޯހަން ބަގާންގެ ލިސްޓޮންއަށެވެ. ވިލިއަމްސް މޯހަން ބަގާންގެ ލިސްޓޮންއަށް ދިން ބޯޅަ ދިޔައީ ގޯލްގެ އަރިމަތި ދަނޑިކައިރިން ބޭރަށެވެ.

މެޗްގެ 16ވަނަ މިނެޓްގައި މޯހަން ބަގާންގެ ލިސްޓޮންއަށް ލިބުނު ފުރުސަތާއެކު، އެޓީމްއަށް ލިބުނު ހިތްވަރާއެކު، ފުލުފުލުގައި ދެ ތިން ހަމަލާއެއް މޯހަން ބަގާންއިން ވަނީ ބަޝުންދުރާގެ ގޯލާށް ފޮނުވާލާފައެވެ. ނަމަވެސް އެއިން އެއްވެސް ހަމަލާއެއް ކާމިޔާބެއް ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ބަޝުންދުރާ ކިންގްސްގެ ފެނާންޑޭޒްއެވެ. މެޗުގެ 27ވަނަ މިނެޓްގައި އޭރިޔާގެ ތެރޭގައި ހުރެފައި ފެނާންޑޭޒް ފޮނުވާލި ބޯޅަ ގޮސްވަނީ ގޯލްކީޕަރުގެ ހަނިކަނުން ގޯލްގެތެރެއަށެވެ. މިގޯލާއެކު މިގުރޫޕްގެ އެއްވަނަ ބަޝުންދުރާއަށް ލިބުނެވެ. ބަޝުންދުރާއަށް އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދެވެން ވެސް އޮތީ މިމެޗުން މޮޅުވެގެންނެވެ.

ބަޝުންދުރާއިން މިގޯލް ޖެހުމާއެކު އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއިން ކުރިއަށް ޖެހިލައިގެން ގޯލެއް ޖެހުމަށް މަސައްކަތް ކުރަމުންދިޔައެވެ. މެޗްގެ 39ވަނަ މިނެޓްގައި މޯހަން ބަގާންގެ ކްރިޝްނާއަށް ލިބުނު ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭގޮތެއް ނުވިއެވެ. އޭރިޔާގެ ތެެރޭގައި ހުރެފައި ކްރިޝްނާ ފޮނުވާލަން މަސައްކަތް ކުރި ބޯޅަވަނީ ބަޝުންދުރާގެ ޑިފެންޑަރު ޙާލިދުގެ ފައިގައި ޖެހިފައި މިސްރާބު ބަދަލްވެގެން ގޮސްފައެވެ.

ބަޝުންދުރާގެ ލަނޑަށް ފަހު އެޓީމުން ކުޅެމުންދިޔައީ ޑިފެންސަށް ސަމާލުކަން ދީގެންނެވެ. ބަޝުންދުރާގެ ޝުޝާންތަށް ވަނީ މެޗްގެ ފުރަތަަމަ ހާފް އިތުރު ވަގުތުކޮޅުގެ ތެރޭގައި އޭޓީކޭ މޯހަން ބަގާންގެ ފަހަތަށް ކުޅެމުންދިޔަ ސުބާސިޝްއަށް ފައުލް ކުރުމާއި ގުޅިގެން ރަތް ކާޑްއެއް ދައްކާފައެވެ. އެހެންކަމުން މެޗްގެ ދެވަނަ ހާފްގައި ބަޝުންދުރާއިން ކުޅެންޖެހުނީ އެއް ކުޅުންތެރިއެއް މަދުކޮށެވެ.

މޯހަން ބަގާން ދެވަނަ ހާފް ފެށީވެސް ބޮޑަށް އެޓޭކަށް ވިސްނައިގެންނެވެ. މިގޮތުން ދެވަނަ ހާފް އެއްކޮށް ޑޮމިނޭޓްކޮށްގެން ކުޅެމުންދިޔައީ މޯހަން ބަގާން ޓީމުންނެވެ.

މެޗްގައި ރެފްރީގެ ބައެއް ނިންމުންތަކާއި ގުޅިގެން ދެ ޓީމްގެ ބެންޗުން ވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކުރިއެވެ.

ބަޝުންދުރާއިން އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިއުމުގެ ފައިދާ ނަގާ މޯހަން ބަގާއިންއިން ދިޔައީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅެމުންނެވެ. އަދި ބަޝުންދުރާއިން ދިޔައީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން އެޓީމަށް ލިބިފައިވާ ލީޑް ދިފާއު ކުރަމުންނެވެ. މެޗުގެ ނަތީޖާ ހަމަ ހަމަކުރި ލަނޑު އެޓީމަށް މެޗުގެ 62 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މޯހަން ބަގާންގެ އޮސްޓްރޭލިއާ ފޯވާޑް ޑޭވިޑް ވިލިއަމްސްއެވެ. އެއީ އަރިމަތިން ކުރިއަށް ކުޅެމުންދިޔަ ލިސްޓަން ނަގައިދިން ހުރަހަކުން މޯހަން ބަގާން ކާމިޔާބުކުރި ލަނޑެކެވެ.

މެޗްގެ ދެވަނަ ހާފްގައި ސުބަޝިޝްއަށް ގޯލެއް ޖެހުމަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 59ވަނަ މިނެޓްގައި ސުބަޝީޝް ގޯލާ ދިމާލަށް ފޮނުވާލީ ބޯޅަ ގޯލް ކުރިމަތިން ހުރަސްވެގެންދިޔައިރު، އޭރިޔާގެ ތެރޭގައި އެޓީމުގެ ކްރިޝްނާއަށް ހުރެވުނީ ހުއްޓިގެންނެވެ.

ގޯލެއް ޖެހުމަށް ބަޝުންދުރާއިން ވަނީ މެޗުގެ 67ވަނަ މިނެޓްގައި މިޑްފީލްޑަރު ބިޕްލޯ ކުޅެން އަރުވާފައެވެ. ބިޕްލޯއަކީ ވަރަށް ބޮޑަށް ކުރިއަރައިގެން ކުޅޭ ކުޅުންތެރިއެކެވެ. މެޗްގައި ބަޝުންދުރާއިން ގިނަ ހަމަލާތަކެއް އުދައްދަން މަސައްކަތް ކުރިނަމަވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިއުމުގެ ސަބަބުން އެޓީމަށް ވަނީ ހަމަލާތަށް އުފެއްދުމުގައި ގިނަ އުދަގޫތަކާއި ކުރިމަތިވެފައެވެ.

މެޗްގެ އެއްވަރުވެފައި އޮތުމުން މޯހަން ބަގާންގެ ކުޅުންތެރިން ވަރަށް ބޮޑަށް ވަގުތު ދުއްވާލުމަށް މަސައްކަތް ކުރާތަން ފެނިގެންދިޔައެވެ. މެޗްގެ ފަހު 10 މިނެޓްގެ ތޭރޭގައި ބަޝުންދުރާގެ ރޮބްސަންއަށް ގޯލެއް ޖެހުމަށް ވަރަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. އޭރިޔާގެ ބޭރުގައި ހުރެފައި ރޮބްސަން ފޮނުވާލީ ބޯޅަ ބިންމަތީ ޖެހިފައި ބައުންސް ވެގެންގޮސް އަރިމަތީ ދަނޑީގައި ޖެހިފައި ދިޔައީ ބޭރަށެވެ. އަދި އޭގެ މިނެޓެއް ފަހުން މޯހަން ބަގާންގެ މަންވީރު ސިންގް ގޯލާ ދިމާލަށް ފޮނުވާލި ބޯޅަ ގޯލް ކުރިމަތިން ހުރަސްވެގެންދިޔައިރު، އެބޯޅަ ޖާހާނެ ކުޅުންތެރިއަކު އޭރިޔާގެ ތެރޭގައި ނެތެވެ.

މި ގުރޫޕްގައި އޭޓީކޭ މޯހަން ބަގާއިން ކުޅުނު ދެ މެޗްވެސް އެޓީމު ވަނީ ކާމިޔާބުކޮށްފައެވެ. ނަމަވެސް ބަޝުންދުރާއިން އެޓީމް ކުޅުނު އެއް މެޗް ކާމިޔާބުކޮށް، އެއް މެޗުންވަނީ އެއްވަރުވެފައެވެ. މިމެޗް އެއްވަރުވުމާއި ގުޅިގެން އޭޓީކޭ މޯހަން ބަގާއަށް ވަނީ 7 ޕޮއިންޓް ލިބިފައެވެ. ބަޝުންދުރާއަށް ލިބުނީ 5 ޕޮއިންޓެވެ.