ކުޅިވަރު

ގުރޫޕްގެ އެންމެ ފުލުގައި އޮވެގެން މާޒިޔާއިން އޭއެފްސީ ކަޕް ނިންމާލައިފި


ކުޅުނު ތިން މެޗުންވެސް ބަލިވެ، ގުރޫޕްގެ އެންމެ ފުލުގައި އޮވެގެން މަޒިޔާއިން އޭއެފްސީ ކަޕް ނިންމާލައިފިއެވެ. މިމެޗަށް ނިކުތްއިރު، ދެ ޓީމަށްވެސް ވަނީ އޭއެފްސީ ކަޕްގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ގެއްލިފައެވެ. މިމެޗަށް ނިކުތްއިރު ދެ ޓީމުގެ ފުރަތަމަ 11އަށް ވަނީ ބައެއް ބަދަލްތަކެއް ގެނެސްފައެވެ.

ބެންގަލޫރުން ވަނީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ ފުރަތަމަ 11ގައި ނުހިމަނައި ބެންޗުގައި ބައިންދާފައެވެ. މާޒިޔާއިން ވަނީ އެޓީމުގެ ބަދަލް ކީޕަރު ޝަރީފަށް ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. އަދި ޑިފެންޑަރު އަމްދާން އަލީއަށް ވެސް ވަނީ ފުރަތަމަ އެގާރައިން ފުރުސަތު ދީފައެވެ. ދެ ޓީމަށް ވެސް އެހާ މުހިންމު މެޗަކަށް ނުވާތީ ދެ ޓީމުންވެސް ފެށީ ބަދަލްތަކަކާއެކުއެވެ.

މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ ބެންގަލޫރު އެފްސީއިންނެވެ. މެޗްގެ 5ވަނަ މިނެޓްގައި ބެންގަލޫރަށް މިލަނޑު ކާމިޔާބުކޮށްދިނީ ގޯލް ތެރެއަށް ވައްދާލައިގެން އުދަންތާ ސިންގްއެވެ. ވާރޭގައި ކުޅުނު މިމެޗްގައި މާޒިޔާގެ ފަރާތުން ފުރަތަމަ ހާފްގެ ކުރީކޮޅުގައި މިސްޕާސްތައް ފެނިގެންދިޔައެވެ.

މެޗްގެ ފުރަތަމަ ކޮޅު ބެންގަލޫރު ޓީމުން ލަނޑެއް ޖަހައި ލީޑް ނެގިނަމަވެސް، އެޓީމަށްވަނީ ލީޑް އިތުރަށް ފުޅާކުރުމަށް ވެސް ދެތިން ފުރުސަތެއް ލިބިފައެވެ. ނަމަވެސް ގޯލް ކުރިމަތިން ހުރަސްވެގެންދިޔަ ދެ ބޯޅަވެސް ގޯލަށް އަމާޒުކޮށް ފޮނުވާލާނެ ކުޅުންތެރިއެއް ނުވިއެވެ. މާޒިޔާގެ ބިދޭސީ ފޯވާޑް ސްޓެވާޑަށް ގޯލް ޖެހުމަށް ލިބުނު ފުރުސަތު ބޭނުން ހިފޭގޮތެއް ނުވިއެވެ. އޭރިޔާގެ ތެރެއަށް ވަދެފައި ސްޓެވާޑް ފޮނުވާލި ބޯޅަވަނީ ކީޕަރު އަތުން ޖައްސާ ބޭރުކޮށްލާފައެވެ.

މެޗްގައި ބެންގަލޫރުންވަނީ މެޗްގެ 19ވަނަ މިނެޓްގައި ގޯލެއްޖަހައި ލީޑް ފުޅާކޮށްފައެވެ. ބިންމަތީގައި ޖެހިފައި ބައުސްވެގެންދިޔަ ބޯޅަ މާޒިޔާގެ ގޯލް ކީޕަރު ޝަރީފް ހިފަން އުޅުމުގެ ތެރޭގައި ބެންގްލޫރުގެ ކްލޭޓަންވަނީ ގޯލް ތެރެއަށް ބޯޅަ ވައްދާލާފައެވެ. މެޗްގައި ބެންގަލޫރުއިން ޖެހި ދެ ގޯލްގައިވެސް މާޒިޔާގެ ޑިފެންސްގެ މައްސަލަތައް ފެނިގެންދިޔައެވެ. މެޗްގެ 25ވަނަ މިނެޓްގައި މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފްގެ ފަރާތުން ރަނގަޅު ދެ ސޭވެއް ފެނިގެންދިޔައެވެ.

ބެންގަލޫރު ޓީމުން ގޯލެއް ޖެހުމަށް އުފެއްދި ދެ ފުރުސަތު ވެސް ޝަރީފް ވަނީ މަތަކޮށްފައެވެ. ނަމަވެސް މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފަށް އަނިޔާވެގެން ވަނީ ބަދަލްކޮށްފައެވެ. އޭނާގެ ބަދަލްގައި މާޒިޔާއިން ކުޅެން އަރުވާފައިވަނީ އެޓީމްގެ އެއްވަނަ ކީޕަރު މިރްޒޯހިދްއެވެ. ބެންގަލޫރުއިން ގޯލެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން އެޓީމުން ވަނީ މެޗްގެ 35ވަނަ މިނެޓްގައި އެޓީމުގެ 3ވަނަ ލަނޑު ޖަހާފައެވެ. އޭރިޔާގެ ތެރެއަށް ބޯޅަ ހިފައިގެން ލިއޯން ވަދެ، އޭނާވަނީ ހުރަސްކުރުމުގެ ބަދަލްގައި ގޯލްގެ އަރިމަތީ ކަނަށް ބޯޅަ ވައްދާލާފައެވެ.

މެޗްގެ ފުރަތަމަ ހާފްގައި މާޒިޔާއަށް ގޯލެއް ޖެހުމަށް ލިބިފައި ވަނީ އެންމެ ފުރުސަތެކެވެ. ނަމަވެސް ބެންގަލޫރުއިން ޖެހި ގޯލްގެ އިތުރުން ވެސް ލީޑް ފުޅާކުރުމަށް ދެތިން ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. މެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ހަމްޒާ މުޙައްމަދުއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ހަމްޒާ ފޮނުވާލި ހިލޭ ޖެހުން ދިޔައީ ސީދާ ގޯލް ކީޕަރާއި ދިމާލަށެވެ.

މެޗުގެ ދެވަނަ ހާފް ފެށިގެން ބެންގަލޫރުއިން ވަރަށް ބޮޑަށް ކުރިއަރައިގެން ކުޅެމުންދިޔައެވެ. އަދި މާޒިޔާގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލާފައިވެއެވެ. މެޗްގެ ދެވަނަ ހާފް ފެށިގެން ފުރަތަމަ 5 މިނެޓްގެ ތެރޭގައި މާޒިޔާއަށް އުފެއްދިފައި ވަނީ އެންމެ ހަމަލާއެކެވެ. ބިދެސީ ފޯވާޑް ސްޓެވާޓް ގޯލް ކުރިމަށްޗަށް ހުރަސްކޮޮށްލި ބޯޅަ ޖަހާނެ ކުޅުންތެރިއެއް ނުވިއެވެ. މެޗްގެ ފުރަތަމަ ހާފަށް ވުރެއް ރަނގަޅަށް މާޒިޔާއިން ބޯޅަ ހިފައްހައްޓައިގެން ކުޅޭތަން ފެނިގެންދިޔައެވެ. ނަމަވެސް މާޒިޔާއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަކުގެ ފައިނަލް ޕާސް ގޯސްވެގެންދިޔަތަން ފެނުނެވެ.

މެޗުގެ 66ވަނަ މިނެޓްގައި މާޒިޔާއިން ވަނީ ލަނޑެއް ޖަހައި ލީޑް ހަނިކޮށްފައެވެ. ސްޓެވާޓްދިން ބޯޅައަކުން ހުސްކޮށް ހުރެފައި ހަމްޒާ މުހައްމަދު ފޮނުވާލި ބޯޅަ މަތަކުރުމަށް ބެންގަލޫރުގެ ކީޕަރު ގުރުޕުރީތުވެސް މަސައްކަތް ކުރިއެވެ. ނަމަވެސް ކީޕަރުގައި އަތުގައިވެސް ނުޖެހި ބޯޅަ ވަނީ އަރިމަތީ ކަނަށެވެ. މާޒިޔާއިން ލަނޑެއް ޖެހިތާ 4 މިނެޓްފަހުން ބެންގަލޫރުއިންވަނީ އެޓީމްގެ 4ވަނަ ލަނޑު ޖަހާފައެވެ. މާޒިޔާއިން ގެނައި ބަދަލްތަކާއެކު އެޓީމް ކުޅެމުންދިޔަ ގޮތަށް ކޮންމެވެސް ވަރެއްގެ ބަދަލްތަކެއް އައިސްފައިވެއެވެ. ނަމަވެސް އެބަދަލްތަކުގެ މާބޮޑު ފައިދާއެއް ކުރިތަން ފެނިގެން ނުދެއެވެ.

މެޗްގައި މާޒިޔާގެ ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް އަސަދުﷲ އަބްދުﷲވަނީ މާޒިޔާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މެޗްގެ 82ވަނަ މިނެޓްގައި އެޓީމްގެ ހަމްޒާ މުހައްމަަދު އޭރިޔާގެ ތެރެއަށް ވަދެ، ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ގޯލް ތެރެއަށް ވައްދާލީ އަސަދުﷲއެވެ. ނަމަވެސް މާޒިޔާއިން މިލަނޑު ޖެހިތާ މާ ގިނައިރުތަކެއް ނުވަނީސް ބެންގަލޫރުންވަނީ އެޓީމުގެ ފަސްވަނަ ލަނޑު ޖަހާފައެވެ. މިލަނޑު ބެންގަލޫރަށް ކާމިޔާބުކޮށްދިނީ ބިދިޔާޝާގަރު ސިންގްއެވެ.

ވާރޭގެ ތެރޭގައި ކުޅުނު މިމެޗްގައި މާޒިޔާއިން ދެވަނަ ލަނޑު ޖެހިފަހުން އެޓީމްއަށް މާރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ބެންގަލޫރު އެފްސީއިން ވަނީ މެޗްގެ އެންމެ ފަހު މިނެޓްގެ ތެރޭގައި އެޓީމްގެ 6ވަނަ ލަނޑު ޖަހާފައެވެ.  

މިނަތީޖާ އާއެކު މާޒިޔާ ކުޅުނު ތިން މެޗުން ޕޮއިންޓެއް ނުލިބި މައިނަސް ދިހަ ގޯލާއެކު ގްރޫޕްގެ ފުލުގައި އޮވެ މުބާރާތް ނިންމާލިއިރު މިމެޗުން މޮޅުވި ބެންގަލޫރު ޓީމަށް ލިބުނީ ގްރޫޕްގެ ތިން ވަނައެވެ. އެއީ ޖުމްލަ ހަތަރު ޕޮއިންޓާއެކުއެވެ.