ކުޅިވަރު

ވާދަކުރީ މާޒިޔާއަށް ވުރެއް މާ މޮޅު ޓީމުތަކާ - ވިޑަކޮވިޗް


އޭއެފްސީ ކަޕްގެ ގުރޫޕްގެ ޑީގެ ޓީމްތަކާއި ވާދަކުރެވޭ ފެންވަރު މާޒިޔާގެ ކިބައިގައި ނެތްކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

މެޗްއަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް ރިސްޓޯ ވިޑަކޮވިޗް ބުނީ ގުރޫޕް ޑީގެ ޓީމުތަކާއި އަލާބަލާއިރު، މިވަގުތު މާޒިޔާއަށް ކައިކައިރީގައި އެއް ފެންވަރެއްގެ މެޗްތައްކުޅެވޭ ފެންވަރު ނެތްކަމަށެވެ. މިކަމުގައި ވަރަށް ގިނަ ސަބަބުތައް އެކުލެވިގެންވާކަމަށްވެސް ވިޑަކޮވިޗް ބުންޏެވެ. ލީގް މެދު ކަނޑާލުމާއެކު ތިން މަހަށް ވުރެއް ގިނަ ދުވަސްވަންދެން ވާދަވަރި މެޗެއް ނުކުޅެ، ފިޒިކަލީ ގޮތުން ވެސް ވަރުގަދަ ޓީމުތަކާއި ކުޅޭވޭ ފެންވަރު މިވަގުތު މާޒިޔާގައި ނެތްކަމަށް ވެސް ވިޑަކޮވިޗް ބުންޏެވެ. އަދި މިއީ މިވަގުތު ހަގީގަތްކަމަށާއި ފިޒިކަލީ އާއި މެންޓަލީ ގޮތުންވެސް އެއް ފެންވަރެއްގައި ކުޅުމަކީ މިވަގުތު މާޒިޔާއަށް ވާނެކަމެއް ނޫންކަމަށާއި ރޭގެ މެޗްގައި އެންމެ ބޮޑަށް ފެނިގެންދިޔައީ ފިޒިކަލީ ގޮތުން ބެންގަލޫރު ޓީމްގެ ތަފާތުކަންކަމަށް ވެސް މާޒިޔާގެ ކޯޗް ބުންޏެވެ. އަދި މިޓީމުތަކާ އެއް ފެންވަރަށް ދާންބޭނުންނަމަ، ވަރަށް ގިނަ މަސައްކަތް ކުރަންޖެހޭކަމަށާއި މިއީ އެއް ދުވަހުން ދެ ދުވަހުން ވާނެކަމެއް ނޫންކަމަށް ސާބިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.

"މިވަގުތަށް ބަލާއިރު މިއީ މާޒިޔާއަށް ވާނެކަމެއް ނޫން. އެހެން ޓީމްތަކުގެ ބަޖެޓަށް ބެލިނަމަވެސް މިކަން ވަރަށް ބޮޑަށް އެނގިގެންދާނެ. މިގުރޫޕްގައި އޮތް ޓީމްތަކުގެ ތެރެއިން، އެންމެ ކުޑަ ބަޖެޓެއް އޮތީ މާޒިޔާގަ. ފުޓްބޯޅަ ކުރިއަރުވާނަމަ، ބޮޑު ބަޖެޓަކާއެކު ހަރަދުވެސް ކުރަންޖެހޭ. މިސަރައްދުގެ ގައުމްތަކުން ބޮޑު ލީގް ކުޅޭއިރު އަހަރުންވެސް އެބަޖެހޭ އެލެވްއަށް ދާން. މިސާލަކަށް އިންޑިޔާ އާއި އެއްވަރަށް ދެވޭނީ ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން. އަދި މިފަދަ ވަރުގަދަ ޓީމްތަކާއި ގާތްގާތުގައި ކުޅޭނަމަ، ފިިޒިކަލީވެސް އެބަޖެހޭ ވަރަށް ބޮޑަށް ކުޅުންތެރިން ރަނގަޅުވާން." މާޒިޔާގެ ކޯޗް ވިޑަކޮވިޗް ބުންޏެވެ.

ބެންގަލޫރު ޓީމްގެ ކޯޗް ޖަރުމަނުގެ މާކޯ ޕެޒޯލީ ބުނީ މެޗުން މޮޅުވުމުން ވަރަށް ހިތްހަމަޖެހޭކަމަށާއި ހާއްސަކޮށް ގުރޫފްގައި ކުރިއަށް ދިއުމަށް އެއްވެސް ފުރުސަތެއް ނެތް މެޗަކަށް ނިކުމެ ކުޅުންތެރިންގެ ފަރާތުން ފެނުނު ޕްރޮފެޝަނަލްކަމަށް ޝުކުރު ހައްގުކަމަށެވެ. އެއީ އާންމު ގޮތެއްގައި ހާސިލް ކުރާނެ ވަކިކަމެއް ނެތުމުން ކުޅުންތެރިންގެ ފަރާތުން ހިތްވަރު ނެރުމަކީ އުނދަގޫކަމަކަށް ވާތީއެވެ. ނަމަވެސް ޕެޒޯލީބުނީ މެޗުން ބޮޑު ތަފާތަކުން މޮޅު ވުމުގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ހިތްވަރު ފާހަގަކޮށްލެވޭކަމަށެވެ. އަދި މެޗްގައި ކުޅުންތެރިންގެ ފަރާތުން ފެނުނު ކުޅުމާއި މެދުވެސް ވަރަށް ހިންހަމަޖެހޭކަމަށް ޕެޒޯލީ ބުންޏެވެ.

"މިފަހަރުގެ މުބާރާތުގައި ބެންގަލޫރު ޓީމްއަށް މާރަނގަޅު ކުޅުމެއް ނުދެއްކުނު ނަމަވެސް، ކުރިއަށް ހުރި މުބާރާތްތަކުގައި ބަންގަލޫރު ޓީމްގެ ފަރާތުން ރަފާތު ފެނިގެންދާނެ. މިއީ މިހާރު ވަރަށް ޒުވާން ޓީމްއެއް. ރޭގެ މެޗްގައިވެސް ބައެއް ޒުވާން ކުޅުންތެރިންގެ ކުޅުން ފެނިގެންދިޔަ. ވަރަށް ޕޮޒިޓިވްކޮށް ޒުވާން ކުޅުންތެރިންގެ ކުޅުން ފެނިގެންދަނީ. މިއީ އިންޑިޔާގެ ފުޓްބޯޅައަށްވެސް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއް. މުސްތަބްބަލުގައި ބެންގަލޫރު ޓީމްއާއި ގުޅޭ ކުޅުންތެރިންނާއެކު މިޓީމް ވަރުގަދަވާނެ." ބެންގަލޫރު ޓީމްގެ ކޯޗް ފެޒޯލީ ބުންޏެވެ.

އޭއެފްސީ ކަޕްގައި ދެކުނު އޭޝިޔާއަށް ހާއްސަ ގުރޫޕް، ގުރޫޕް ޑީގައި މާޒިޔާ ކުޅުނު ތިން މެޗުންވެސް އެޓީމް ބަލިވެ، ގުރޫޕްގެ މެޗްތައް ނިންމާލިއިރު މާޒިޔާ އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. މި ފަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި 2 ލަނޑު 0 ލަނޑުން ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އަތުންވަނީ ބަލިވެފައެވެ. ދެ ވަނަ މެޗް 3 ލަނޑު 1 ލަނޑުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވިއިރު، ރޭ ކުޅުނު މެޗުން ބޮޑު ތަފާތަކުން އެޓީމު ވަނީ އިންޑިޔާގެ ބެންގަލޫރު އެފްސީ އަތުން ބަލިވެފައެވެ. އެއީ 6 ލަނޑު 2 ލަނޑުންނެވެ.