ޚަބަރު

ފީފާ ސެންޗަރީ ކުލަބަށް ދަނގަޑޭ ވަނުން މުހިންމު: ސުޒޭން


ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ފީފާގެ ސެންޗަރީ ކްލަބަށް ވެއްދުމަށް މަސައްކަތް ކޮށްދޭނެ ކަމަށް ގައުމީ ޓީމްގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ. މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އަމާޒްކޮށް އެފްއޭއެމްއިންވަނީ ގައުމީ ޓީމްގެ ކޯޗިން ޓީމް އެއްކޮށް ދިވެހިންގެ އަތްމައްޗަށް ދޫކޮށްލާފައެވެ. ގައުމީ ކޯޗިން ޓީމުން މިއަދު ގަލޮޅު ބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަމުން ގައުމީ ޓީމްގެ ހެޑް ކޯޗް، އަލީ ސުޒޭން ބުނީ މިފަހަރުގެ ސާފް ޗެމްޕިއަންޝިފަކީ އަޝްފާގްގެ އެންމެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވާން ބޭނުން ނޫންކަމަށާއި އަދިވެސް މަސައްކަތްކޮށްފިނަމަ، ދަގަނޑޭއަށް މަދުވެގެން އެއް އަހަރު ގައުމީ ޓީމަށް ކުޅެވޭނެކަމަށެވެ.

ފީފާ ސެންޗަރީ ކުލަބަށް ވަނުމަށް ގައުމީ ޓީމަށް 100 މެޗް ކުޅެދޭންޖެހެއެވެ. ރާއްޖެއިން މިހާތަނަށް ފީފާ ސެންޗަރީ ކްލަބްގައި ހިމެނިފައިވަނީ ގައުމީ ޓީމްގެ ކުރީގެ އެއް ނަންބަރު ކީޕަރު އިމްރާން މުހައްމަދުއެވެ. އޭނާވަނީ ގައުމީ ޓީމަށް 109 މެޗް ކުޅެދީފައެވެ. ދަގަނޑޭ މިހާތަނަށްވަނީ ގައުމީ ޓީމަށް 85 މެޗް ކުޅެދީފައެވެ. އެހެންކަމުން ފީފާ ސެންޗަރީ ކުލަބަށް ވަނުމަށް ދަގަނޑޭއަށް 15 މެޗް ބޭނުންވެއެވެ. ދަގަނޑޭ ގައުމީ ޓީމަށް ކުޅެދިން 85 މެޗްގައި އޭނާވަނީ 55 ގޯލް ކާމިޔާބުކޮށްދީފައެވެ.

ގައުމީ ޓީމްގެ ކޯޗް އަލީ ސުޒޭން ބުނީ މިއަހަރުގެ ސާފް މުބާރާތަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާގެ ފަހު މުބާރާތަށް ވާން ބޭނުން ނޫންކަމަށާއި ބޭނުންވަނީ މިމެޗްތައްވެސް ހިމެނައިގެން ދަގަނޑޭއަށް 100 މެޗް ހަމަކުރުންކަމަށެވެ. އަދި މިހާތަނަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ދަގަނޑޭ ފިފާ ސެންޗަރީ ކުލަބަށް ވަނުމަށް ބޭނުން ނުވާނެ އެއްވެސް ދިވެހި ރައްޔިތަކު ނުހުންނާނެ ކަމަށް ސުޒޭން ބުންޏެވެ.

"އިމްރާންއަކީ ފީފާ ސެންޗަރީ ކުލަބްގެ ކުޅުންތެރިއެއް. އަޝްފާގަށް އެކަން ކުރުމުގެ ފުރުސަތު އެބައޮތް. އަދި އެވަގުތުވެސް އެބައޮތް. މިއީ ކޮންމެ މީހަކުވެސް ބޭނުންވާނެކަމެއް. ހުދު އިމްރާންވެސް ބޭނުންވާނެ. 100 މެޗް ހަމަކޮށް ފީފާ ސެންޗަރީ ކުލަބަށް ދަގަނޑޭއަށް ވަދެވެން އޮތްއިރު، އެކަން ނުކުރަންވީ ސަބަބެއް ނެތް. މިކަން ކުރާއިރު ސާފްގެ މެޗްތައް ވަރަށް މުހިންމުވޭ އެބަ. އަދި މަދުވެގެން އެއް އަހަރުވަރު ދަގަނޑޭއަށް ކުޅެވިދާނެ ގައުމީ ޓީމަށް. މިފަދަ ކުޅުންތެރިއެއް ސެންޗަރީ ކުލަބަށް ވަނުމަށް އެފުރުސަތުވެސް އެބަޖެހޭ ދޭން." ގައުމީ ޓީމްގެ ކޯޗް ސުޒޭން ބުންޏެވެ.

އެންމެ ފަހުން ރާއްޖެއިން 2018ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމްގައި ދަގަނޑޭ ނުހިމެނެއެވެ. އެއީ 2018 ވަނަ އަހަރު ކުރީކޮޅު ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސަށް ދަގަނޑޭ ހާޒިރުނުވުމުން އަދަބެއްގެ ގޮތުން އޭރުގެ ކޯޗް ޕީޓަރ ސެގާޓް ދަގަނޑޭ ޓީމުގައި ނުހިމެނުމުންނެވެ. އެންމެ ފަހުން ދަގަނޑޭ ސާފް ޗެންޕިއަންޝިޕްގައި ކުޅެފައިވަނީ 2015ވަނަ އަހަރުއެވެ.