ގަން އެއަރޕޯޓަށް ޖައްސަން ތައްޔާރުވަމުން ދިޔަ ފްލައިޓަކަށް ލޭޒާ ލައިޓު އެޅި މައްސަލައެއް ފެންމަތިވެ، އެފަދަ ތަކެތި އެ ސަރަހައްދުގައި ބޭނުން ނުކުރުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
މޯލްޑިވިއަންގެ ފްލައިޓް Q2-106 ފްލައިޓް ގަން އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމުގެ މަރުޙަލާ ފެށުމުގެ ތައްޔާރީތައް ވަމުން ދަނިކޮށް، ފެހިކުލައިގެ ލޭޒަރ އައްޔެއް މަތިންދާ ބޯޓަށް އެޅިފައިވާ ކަން، އައްޑޫސިޓީ ކައުންސިލުގެ ސަމާލުކަމަށް އެކުންފުނިން ގެނެސްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިކަމާއި ގުޅިގެން ނެރެފައިވާ އިއުލާނެއްގައި ބުނީ ފްލައިޓު ފުރާ އަދި ޖައްސާ ވަގުތަކީ، މުހިންމު އަދި ވަރަށް ނާޒުކު މަރުޙަލާއެއް ކަމަށާއި، މިފަދަ ވަގުތެއްގައި ފްލައިޓަށް ލޭޒާ އަލިއެޅުވުމަކީ އެކަމުގެ ސަބަބުން، ކޮކްޕިޓަށް އެ އަލި އެޅުމުގެ ފުރުޞަތު ބޮޑުވެ، ކޮންޓްރޯލްގައި ތިބޭ ޕައިލެޓުންގެ ފެނުމަށް ބުރޫ އަރާ މަތިންދާ ބޯޓްގެ ކޮންޓްރޯލް ގެއްލިދާނެފަދަ ކަމެއް ކަމަށެވެ. އަދި މިއީ ނުރައްކާތެރި ހާދިސާއަކަށް މަގުފައިވާ ފަދަ ޢަމަލެއް ކަން ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.
އެހެން ކަމުން ލޭޒާ އަލި އެއަރޕޯޓާއި ކައިރި ސަރަހައްދު ތަކުގައި ބޭނުން ނުކުރުމަށާއި އަދި ފްލައިޓަށް އެފަދަ އައްޔައް އެޅޭނެ ފަދަ އަމަލެއް ނުކުރުމަށް ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ.
ފްލައިޓު ނައްޓާ އަދި ޖައްސާ ވަގުތު ހުއްދަ ނެތި ފްލައިޓަށް އުނދަގޫވާ އެއްވެސް އާލާތެއް ބޭނުން ކުރުމަކީ، ޤާނޫނީ ގޮތުން ވެސް މަނާކަމެކެވެ.