އައްޑޫގެ ގުޅިފައިވާ ރަށްތަކުގައި ކޯވިޑް ކޭސްތައް އިތުރުވަމުންދިއުމާ ގުޅިގެން އައްޑޫގެ ގުޅިފައިވާ އަވަށްތައް މޮނިޓަރިންއަށް ލައި ސްކޫލްތަކުގެ 9 އިން ދަށުގެ ގްރޭޑްތަކަށް އޮންލައިންކޮށް ކިޔަވާދިނުމަށް ނިންމައިފިއެވެ.
އައްޑޫސިޓީގެ އަވަށްތައް މޮނިޓަރިންއަށް ލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އައްޑޫގެ ގުޅިފައިވާ އަވަށްތައް މޮނިޓަރިންއަށް ލުމަށް ފަހު އައްޑޫގައި ރޭގަނޑު 9 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން ސްކޫލްތަކުގައި 9 އިން ދަށުގެ ގްރޭޑްތަކަށް އޮންލައިން ކޮށް ކިޔަވާ ދިނުމަށްވަނީ ނިންމާފައެވެ. އަދި ޖިމްތަކާއި ސެލޫންތަކުން ޚިދުމަތް ދިނުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން ގާޑިޔާ، ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ރޭގަނޑު 9:00 ގެ ނިޔަލަށް ހުޅުވައިގެން ޚިދުމަތް ދިނުމާއި، އަދި 00:00 އާ ހަމައަށް ޑެލިވަރީ ޚިދުމަތް ދެވޭނެ ކަމަށް އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރެއެވެ. މީގެ އިތުރުން އާންމުކޮށް މީހުން އެއްވެ އުޅުންވަނީ މަނާ ކޮށްފައިވެއެވެ. ނަމަވެސް ގުޅިފައިވާ ރަށްތަކުގައި މިވަގުތު ދަތުރު ކުރުން މަނާ ކުރެވިފައި ނުވިނަމަވެސް، ވަކިން އޮންނަ ހުޅުމީދޫއިން ދަތުރު ކުރެވެނީ ހުއްދަ ނަގައިގެންނެވެ.
އައްޑޫ މޮނިޓަރިން އަށް ލުމާއި ގުޅިގެން އައްޑޫ އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އާންމުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ އަޅާ ނުލާ ތިބެއްޖެނަމަ ދެރަ ގޮތްތަކެއް ދިމާވެދާނެ ކަމަށާއި، ހަފްތާއަކަށް ބެލުމަށްފަހު ހާލަތު ބަދަލުވެއްޖެ ނަމަ މޮނިޓަރިންގް އިން ނަގާނެ ކަމަށެވެ.
އައްޑޫގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 153 މީހުން އެބަތިބިއެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ މަރަދޫންނެވެ. އެގޮތުން މަރަދޫގައި 81 ކޭސް ފެނިފައިވާއިރު، ހިތަދޫން މިވަގުތު 36 ކޭސް ފެނިފައިވެއެވެ. އަދި މަރަދޫ-ފޭދޫން 28 ކޭސް، ފޭދޫން 19 އެކްޓިވް ކޭސް ވަނީ ފެނިފައެވެ. އައްޑޫގައި ކޭސްތައް އިތުރުވެގެން ދިޔައީ މަރަދޫން ގިނަ ކޭސްތަކެއް ފެނުމާއެކުއެވެ. އަދި މިކޭސްތަކާއި ގުޅިގެން ބައެއް ސްކޫލްތަކުގެ ބައެއް ގްރޭޑްތަކުގައި ކިޔެވުން ވެސް ހުއްޓާލާފައި ވެއެވެ.