ޚަބަރު

އިތުރު 330 މީހުން ކޯވިޑް ވެކްސިން ފުރިހަމަކޮށްފި


ރާއްޖޭގައި ކުރިއަށްދާ ކޯވިޑް ވެކްސިން ޕްރޮގްރާމްގެ ދަށުން އިތުރު 330 މީހުން، ކޯވިޑް ވެކްސިން ފުރިހަމަކޮށްފިއެވެ. މިއާއެކު ރާއްޖޭގައި ކޯވިޑް ވެކްސިން ފުރިހަމަކުރި މީހުންގެ ޢަދަދުވަނީ 302،512އިން މައްޗަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗް.ޕީ.އޭ)އިން އެންމެފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން އަންގާރަ ދުވަހު 1154މީހުންވަނީ ވެކްސިން ޖަހާފައެވެ. މީގެތެރެއިން 330 މީހުންނަކީ ވެކްސިންގެ 2ވަނަ ޑޯޒް ފުރިހަމަކުރި މީހުންނެވެ. މީގެ ތެރޭގައި މާލެ ސަރަހައްދުން ދެވަނަ ޑޯޒް ޖެހި 219 މީހުންނާއި، ރަށްރަށުން 2ވަނަ ޑޯޒް ޖެހި 111 މީހުން ހިމެނެއެވެ. މިއާއެކު ރާއްޖެއިން ވެކްސިން ފުރިހަމަކުރި މީހުންގެ ޖުމްލަ ޢަދަދު ވަނީ 302،512އަށް އަރާފައެވެ.

ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު 824 މީހުން ޖަހާފައިވެއެވެ. އެއީ މާލެ ސަރައްދުން ފުރަތަމަ ޑޯޒް ޖެހި 357 މީހުންނާއި، އަތޮޅުތަކުން ފުރަތަމަ ޑޯޒް ޖެހި 467 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 384،444އަށް އަރާފައެވެ.

މާލެ ސަރަހައްދުގައި ޢުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށް ސިނޯފާމް އާއި އެސްޓްރާޒެނަކާ ވެކްސިން ޖަހަމުން އަންނައިރު، އުމުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންނަށާއި އެޗްޕީއޭއިން ކަނޑައަޅާފައިވާ ޚާއްސަ ކެޓަގަރީ ތަކުގެ މީހުންނަށް މިހާރުވަނީ ފައިޒާ ވެކްސިންދޭން ފަށާފައެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވަމުން އަންނައިރު، އަތޮޅުތަކުގައި 176 ވެކްސިން ސެންޓަރުން އަންނަނީ ވެކްސިން ދެމުންނެވެ.

ސަރުކާރުން އެންމެ ފަހުން ހާމަކުރައްވާފައިވަނީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިރީސް ހާސް މީހުން ތިބިކަމަށެވެ.