ވިޔަފާރި

ހިތަދޫ ގޭދޮށު މަސް ޕްލާންޓުގެ އެއްބަސްވުން ބާޠިލް ކުރަން ނިންމައިފި


އައްޑޫ ސިޓީ ހިތަދޫގައި ޤާއިމު ކުރުމަށް ނިންމާފައިވާ ގޭދޮށު މަސް ޕްލާންޓުގެ އެއްބަސްވުން ބާޠިލް ކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމަވައިފިއެވެ.

އިންޑިއާގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ މިމަޝްރޫޢުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މިއެއްބަސްވުން ނިމުމަކަށް ގެނައުމަށް ނިންމާފައިވަނީ މަސައްކަތް ޙަވާލު ކޮށްފައިވާ ކޮންޓްރެކްޓަރ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރިއަށް ނުގެންދާތީކަމަށް އައްޑޫސިޓީ ކައުންސިލުން ވިދާޅުވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް އައްޑޫ ޓްރަސްޓް ފަނޑުން އެކުންފުންޏަށް 9 ލައްކަ ދީފައިވެއެވެ. އެއްބަސްވުން އުވާލުމާއެކު އެފައިސާވެސް އަނބުރާ ހޯދުމަށް އައްޑޫސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

އައްޑޫސިޓީ ކައުންސިލުގެ 4ވަނަ ދައުރުގެ 14ވަނަ ޖަލްސާގައި މައްސަލައާ ގުޅޭ ގޮތުން އައްޑޫ ސިޓީ މޭޔަރ ޢަލީ ނިޒާރު ވިދާޅުވީ 4ވަނަ ދައުރުގެ ކައުންސިލް އިންތިޚާބު ވިއިރު މަސައްކަތް ކުރިއަށް ނުގޮސް އޮތުމުން މިމަސައްކަތުގެ ކޮންސަލްޓެންޓް ރިޔަން ޕްރައިވެޓް ލިމިޓެޑާއި ކޮންޓްރެކްޓަރ އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު އެކި ފަހަރު މަތިން ބޭއްވި ބައްދަލުވުން ތަކުން ކުރިއެރުމެއް ލިބިފައި ނެތްކަމަށެވެ. އަދި ކޮންސަލްޓެންޓުގެ ޕްރޮގްރެސް ރިޕޯޓުތަކުން ވެސް އެކަން އޮތީ އެގޮތަށް ފެންނަން ކަމަށް ނިޒާރު ވިދާޅުވިއެވެ.

" އެފަރާތުގެ [ކޮންސަލްޓެންޓް - ރިޔަން] ޕްރޮގްރެސް ރިޕޯޓުތަކުގައިވެސް އަޅުގަނޑުމެން މިކައުންސިލް ހަވާލުވިއިރުވެސް އެއްވެސް ކުރިއެރުމެއް އައިސްފައި ނެތް. މިކަމުގެ ސަބަބުން ޕްރޮޖެކްޓް ކޮންސަލްޓެންޓް ރިޔަން އިން މަޝްވަރާ އަރުވަނީ އެލްނާތާއި ހަވާލުވެފައި އޮތް މަސައްކަތް ޓާމިނޭޓް ކުރުމަށް. އެއްބަސްވުން ބާތިލު ކުރުމަށް އެ ފަރާތުން ހުށަހެޅީ. މިކަމާއި ގުޅިގެން ކައުންސިލާއި އެލްނާތާއި ރިޔަންއާ އެކީ ބޭއްވުނު ބައްދަލުވުމުގައިވެސް މިނޫން އޮޕްޝަނެއް އޮތްކަމަށް ކޮންސަލްޓެންޓް ލަފާ ނާރުވާ. އަދި ކައުންސިލަށް ވެސް ކުރިއަށް ދެވޭނެ މަގެއް ނުފެނޭ." ނިޒާރު ވިދާޅުވިއެވެ.

މި މަސައްކަތް މިދިޔަ އަހަރު މެއި މަހުގެ ފަހުކޮޅު އެލްނާތު ކުންފުންޏާ ޙަވާލު ކޮށްފައިވަނީ 280 ދުވަހުގެ ތެރޭގައި މަސް ޕްލާންޓު ތަރައްޤީކޮށް ހިންގަން ފަށާގޮތަށެވެ. މިމަޝްރޫޢަށް އިންޑިއާގެ ހިލޭ އެހީގެ ދަށުން 6 މިލިއަން ރުފިޔާ ޚަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. އެލްނާތު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން އޭރު ވިދޅުވެފައިވަނީ އެކުންފުނިން ތިން މިލިއަން ދެލައްކަ އެއްހާސް އަށްސަތޭކަ އަށްޑިހަ ފަސް ރުފިޔާ މަޝްރޫއުގެ ފުރަތަމަ ފޭސްގައި އިންވެސްޓްކުރާނެ ކަމަށެވެ.

އައްޑޫ ސިޓީ ހިތަދޫގެ އިތުރުން މަރަދޫ އަދި ހުޅުމީދޫގައިވެސް ގޭދޮށު މަސްޕްލާންޓް ޤާއިމު ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އައްޑޫސިޓީ މޭޔަރ ނިޒާރު ވިދާޅުވީ މިތަންތަނުގައި ވެސް ޢަމަލީ މަސައްކަތް އަދި ފެންނަން ނެތަސް އީއައިއޭ ހެދުމާއި ހޯދަން ޖެހޭ ހުއްދަތަށް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އައްޑޫގައި ޤާޢިމު ކުރާ ގޭދޮށު މަސް ޕްލާންޓްތަކުގައި 20 ޓަނުގެ އައިސް އުފައްދައި 10 ޓަނުގެ މަސް ރައްކާކުރެވޭނެއެވެ. އަދި މިމަސް ޕްލާންޓުތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާ ދެމެދުގެ ޢަދަދަކަށް މަސް ގަނެ ޕްރޮސެސް ކުރުމަށް މަގުފައިވެގެން ދާނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވެއެވެ.