ވިޔަފާރި

ތ. ކަޅުދިޔާފުށި ބީލަން އުސޫލުން ވިއްކާލުމަށް އިއުލާންކޮށްފި


ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ދޫކޮށްފައިވާ ތ. ކަޅުދިޔާފުށި ބިޑު އުސޫލުން ވިއްކުމަށް ބޭންކް އޮފް މޯލްޑިވްސްއިން އިއުލާންކޮށްފިއެވެ.

ކަޅުދިޔާފުށްޓަކީ ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ ހުރަވީ އިންޓަނޭޝަނަލަށް ދޫކޮށްފައިވާ ރަށެކެވެ. ހުރަވީ އިންވެސްޓްމެންޓުން އެ ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނަގާފައިވަނީ 2016 ވަނަ އަހަރުއެވެ. އެފައިސާ ނުދައްކައިގެން ބީއެމްއެލްއަށް އެ ރަށް ނަގާފައި ވަނީ 2019 ވަނަ އަހަރު ފެބްރުއަރީމަހު ސިވިލް ކޯޓުން ކުރި ހުކުމާއި ގުޅިގެނެވެ. މިހުކުމާއި އެކު 2019 ވަނަ އަހަރުވެސް ބީއެމްއެލްއިން އެރަށް 29.5 މިލިއަން ޑޮލަރަށް ވިއްކަން އިއުލާން ކުރިއެވެ.

ބީއެމްއެމްއެލް އަނެއްކާވެސް އެރަށް ވިއްކުމަށް އިއުލާން ކޮށްފައިވާއިރު، މިފަހަރު ހުޅުވާލާފައިވަނީ ބީލަން އުސޫލުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ވިއްކާ ގޮތަށެވެ. ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި ބީލަމަށް ހޮވޭ ފަރާތްތަކުން ފަރާތުން އެއްލައްކަ ޑޮލަރުގެ ޑިޕޮސިޓެއް ބޭންކަށް ދައްކަން ޖެހެއެވެ. ބީލަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީޙަކީ މިއަންނަ މަހުގެ 10 ވަނަ ދުވަހެވެ.

ގްރެން މެލިއާ ހުރަވީ މޯލްޑިވްސްގެ ނަމުގައި އެރަށް ތަރައްގީކުރަން ފެށީ 2016 ވަނަ އަހަރުގެ ތެރޭގައިއެވެ. އެރަށުގައި 97 ޕްރައިވެޓް ވިލާއާ 100 ކޮޓަރި އާއި ތިން ރިސޯޓް އެޅުމަށް ނިންމިއެވެ. މަސައްކަތް ނިންމައި ހުޅުވަން ނިންމާފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް މިހާތަނަށްވެސް އެރިސޯޓްގެ މަސައްކަތް ނިމިފައެއްނުވެއެވެ.