މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު އިތުރުވެއްޖެއެވެ.
މޯލްޑިވްސް ކަސްޓަމްސްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ފާއިތުވި އޮގަސްޓްމަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާބަލާއިރު 63 އިންސައްތަ ވަނީ އިތުރުވެފައެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 2.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮގަސްޓްމަހު މި ޢަދަދުވަނީ 3.5 ބިލިއަން ރުފިޔާ އަށް އިތުރުވެފައިކަމަށް ކަސްޓަމްސްގެ ތަހާސް ހިސާބުތަކުން ދައްކައެވެ.
އެކްސްޕޯޓަށް ބަލާއިރު މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއިން 675 މިލއަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮގަސްޓްމަހު އެކްސްޕޯޓްކޮށްފައިވަނީ 270 މިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން މިއީ 60 އިންސައްތައިގެ ދަށްވުމެއްކަމަށް ހިސާބުތަކުން ދައްކައެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ އޮގަސްޓްމަހު ދައުލަތަށް ލިބުނު އާމްދަނީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 182 އިންސައްތަ އިތުރުވެފައިވާކަމަށެވެ. އެގޮތުން 2020 ވަނަ އަހަރުގެ އޮގަސްޓް މަހު 102 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓްމަހު މި ޢަދަދު ވަނީ 288 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ފާއިތުވިމަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އިންޑިއާ، ޗައިނާ އަދި ޔޫ.އޭ.އީއެވެ. އިންޑިއާއިން 492 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޗައިނާ އިން 458 މިލިއަން ރުފިޔާގެ މުދާ އަދި ޔޫ.އޭ.އީން 447 މިލިއަން ރުފިޔާގެ މުދާ ފާއިތުވިމަހު ވަނީ އެތެރެކޮށްފައެވެ.