ޅ.ފެލިވަރުގައި މަހުގެ އުފެއްދުންތައް ބަންދުކުރާ އިތުރު ކާރުޚާނާއަކާއި ފިނިކުރާ ކޮށާރެއް ޤާއިމުކުރުމަށް އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުގެ ޕްރީކޮލިފިކޭޝަން މަރުޙަލާ އެބޭންކުން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައިވަނީ މިމިޝްރޫޢުގެ ދަށުން ފެލިވަރުގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، ދުވާލަކު 100 ޓަނުގެ މަސް ޕްރޮސެސްކޮށް، ދަޅުގައި އަދި ޕައުޗުގައި ބަންދުކުރެވޭނެ ކާރުޚާނާއެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެއިތުރުން ބްރައިން ފްރީޒިންގ ފެސިލިޓީއާއި، ރެފްރިޖަރޭޓަޑް ސީ ވޯޓަރ ފެސިލިޓީއާއި، ފިޝްމީލް ޕްލާންޓަކާއި އެހެނިހެން ވަޞީލަތްތައްވެސް ފެލިވަރުގައި ޤާއިމުކުރާނެއެވެ. މި މަޝްރޫޢުގެ ދަށުން ގއ.ގެމަނަފުށީގައިވެސް 50 ޓަނުގެ އައިސް ޕްލާންޓެއް ޤާއިމުކުރާނެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ރާއްޖޭގައި ބާނާ ގިނަ ޢަދަދެއްގެ މަސް، ގަނޑުކުރި މަހުގެ ގޮތުގައި އެކްސްޕޯޓް ކުރަން ޖެހިފައިވާތީ، މަހުން ލިބޭ އާމްދަނީ ދަށްވުމެވެ. އެހެންކަމުން މިކަމަށް އަލިމަގެއް ހޯދައި، މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއިން އެކްސްޕޯޓްކުރާ މަހުގެ ތެރެއިން ޕްރޮސެސްކުރުމަށް ފަހު ބޭރުކުރާ މަހުގެ މިންވަރު އިތުރުކުރުމެވެ. ނުވަތަ މަހުގެ އުފެއްދުންތައް އިތުރުކުރުމެވެ. މި މަޝްރޫޢުގެ ސަބަބުން މިފްކޯގެ މަސް ޕްރޮސެސް ކުރުމުގެ ޤާބިލުކަން ދެގުނައަށް ވުރެ ބޮޑުތަން އިތުރުވެގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވެއެވެ.
މަސްވެރިން ބާނާ މަސް ފަސޭހަކަމާއެކު ކިރޭނެ މަގުފަހިކުރުމީވެސް ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވާ ސިޔާސަތެކެވެ. އަދި ވަކިން ޚާއްޞަގޮތެއްގައި މަސްވެރިކަން ރަނގަޅު ދުވަސްވަރުގައި މަސްވެރިންނަށް ތަކުލީފަކާ ނުލައި މަސްކިރޭނެ އިންތިޒާމު ހަމަޖެއްސުމަކީ މަސްވެރިކަމުގެ ސިނާޢަތުގެ ތަރައްޤީއަށް ކޮންމެހެން މުހިއްމު ކަމެއްކަމުގައި ސަރުކާރުން ދެކެއެވެ. މިކަމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސް ގަނޑުކުރުމާއި، ގަނޑުކުރުމަށްފަހު ރައްކާކުރާ ސްޓޯރޭޖް ކެޕޭސިޓީ އިތުރުކުރުމެވެ.
އެހެންކަމުން މިމަޝްރޫޢުގެ ދަށުން ޤާއިމުކުރާ 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖާއި
ފްރީޓިންގ ފެސިލިޓީތަކުގެ ސަބަބުން މިކަންކަމަށްވެސް ވަރަށްބޮޑު ޙައްލެއް ލިބިގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މަސްވެރިކަމުގެ ސިނާޢަތުން މަސްވެރިންނަށާއި، މިފްކޯއަށާއި މުޅި ޤައުމުގެ އިޤްތިސާދަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެއެވެ.
އަދި މަސްވެރިން ބާނާ މަސް، ދަތިކަމަކާ ނުލައި ކިރޭނެ މަގު ފަހިކުރުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ވިސްނުންފުޅު ތަންފީޒްކުރުމަށް ވަރަށް ބޮޑު ބާރަކަށް މިމަޝްރޫޢުވެގެންދާނެއެވެ.