ބްރެޒިލް މާކެޓުގައި ރާއްޖެ އިސްތިހާރުކޮށް މަޤްބޫލު ފަތުރުވެރި މަންޒިލެއްކަން ހާމަކުރުމަށް ވިޒިޓް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ފެށި ފެމް ޓްރިޕް ސިލްސިލާގެ ދެވަނަ ބުރު ފަށައިފިއެވެ.
ބްރެޒިލްގެ މަޤްބޫލު ސޯޝަލް މީޑިޔާގައި ނުފޫޒުގަދަ މީހުންގެ ބައިވެރިވުމާއެކު ބާއްވާ މި ފެމް ޓްރިޕް ސިލްސިލާގެ ދެވަނަ ދަތުރުގައި ބައިވެރިވާ މީހާ ސެޕްޓެމްބަރު 8ވަނަ ދުވަހު ވަނީ ރާއްޖެ އައިސްފައެވެ.
މި ދަތުރުގައި ބައިވެރިވާ ބްރެޒިލްގެ މީހާ ރާއްޖޭގެ ހުވަފެން ފުށި ރިސޯޓު، ވެލައްސަރު ރިސޯޓު އަދި ތާޖް ހޮޓެލްސް ރިށޯޓަށް ޒިޔާރަތްކޮށް މިރިސޯޓުތަކުން ފަތުވެރިންނަށް ލިބޭ އެކި ޚިދުމަތްތައް ތަޖުރިބާ ކުރާނެއެވެ. ސްނޯކްލްކުރުމާއި، ސްޕާ, ވޯޓާ ސްޕޯޓްސް, އަދި ރާއްޖެއަށް ޚާއްސަ ބައެއް ކަންކަން އޭނާ ތަޖުރިބާކުރާނެއެވެ. މީގެ އިތުރުން މި ރިސޯޓްތަކުން ލިބެން ހުންނަ އެކި ޤައުމުތަކުގެ ކެއުންތައް ތަޖުރިބާކުރުމުގެ ފުރުސަތުވެސް އޭނާއަށް ލިބޭނެއެވެ.
ރާއްޖޭގައި ކުރާ ތަޖުރިބާތައް އޭނާ ސޯޝަލް މީޑިޔާގެ އެކި ވަސީލަތްތަކުގައި ހިއްސާކުރާނެއެވެ.
ވިޒިޓް މޯލްޑިވްސްއިން ވިދާޅުވީ މި ފެމިލަރައިޒޭޝަން ދަތުރުގެ މައިގަނޑު މަޤްސަދަކީ ބްރެޒިލްގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުން ކަމަށެވެ.
މި ސިލްސިލާގެ ފުރަތަމަ ޓްރިޕް ޖުލައި މަހުގެ 10ން 18އަށް ކުރިއަށް ގެންގޮސް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ. 3 ދަތުރަށް ބަހާލައިގެން ކުރިއަށްގެންދާ މި ސިލްސިލާގެ އެންމެ ފަހު ދަތުރު މި އަހަރު ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުތަކުގައި ސޯޝަލް މީޑިއާއާއި މީޑިއާގައި ނުފުޒުފަދަ ޖުމްލަ 5 މީހަކު ރާއްޖެ ޒިޔާރަތްކުރާނެއެވެ.
ބްރެޒިލް މާކެޓަށް އަމާޒުކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކުގެ ތެރޭގައި އޮންލައިން މާކެޓިން ޕްރޮމޯޝަންތަކާއި، ވަރޗުއަލް ފެއާ އަދި ރޯޑްޝޯވ ފަދަ ކެމްޕެއިންތައް ހިމެނެއެވެ.
ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައިވެސް ބްރެޒިލްގެ ގިނަ އަދަދެއްގެ ފަތުރުވެރިންވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔައަހަރު މި މާކެޓުން 5494 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިދިޔައަހަރު ދިވެހިރާއްޖެއަށް 24 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މާކެޓުންނެވެ.
މިއަހަރުގެ މޭ މަހުގެ ނިޔަލަށް މި މާކެޓުން 8460 ފަތުރުވެރިން ޒިޔާރާތްކޮށް، މި މާކެޓް ވަނީ އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި މާކެޓްތަކުގެ ލިސްޓުގެ 16ވަނައިން ޖާގަ ހޯދާފައެވެ.