ކުޅިވަރު

23 އަހަރުން ދަށުގެ ގައުމީ ޓީމް ހިންނަވަރު އަތުން ފަސޭހަ މޮޅެއް ހޯދައިފި


23 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމް ޅ.އަތޮޅު ހިންނަވަރު އަތުން ފަސޭހަ މޮޅެއް ހޯދައިފިއެވެ. ގައުމީ ޓީމް މިހާރު ތައްޔާރުވަމުންދަނީ ކުރިއަށް އޮތް އޭޝިއަން ކަޕް ކޮލިފައިންގައި ވާދަކުރުމަށެވެ. ޅ. އަތޮޅުގައި 23 އަހަރުން ދަށުގެ ޤައުމީ ޓީމް ކުރަމުންދާ ކޭންޕުގައި ކުޅުނު މެޗުން މޮޅުވީ 4 ލަނޑު 0 ލަނޑުންނެވެ.

އިއްޔެ ހަވީރު ހިންނަވަރުގައި ކުޅުނު މިމެޗްގައި ގައުމީ ޓީމްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ މުޙައްމަދު ސަޔާމް ސައީދާއި، މުޙައްމަދު ޖައިލަމް (އޮގީ) އާއި، އިސްމާޢީލް ޒާން އާމިރާއި، ނޫހު ތައުމީނެވެ. މިމެޗްގައި ގައުމީ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ހިންނަވަރު ޓީމަށް ކޯޗު ކޮށްދީފައިވަނީ ތަޖްރިބާކާރު ކޯޗު މުޙައްމަދު ނިޒާމެވެ. މުހައްމަދު ނިޒާމް މިވަގުތު ހިންނަވަރުގައި ފުޓްބޯޅަ ކޯޗިން ކޭންޕެއް ކުރިއަށް ގެންދާކަން ދާހަގަކޮށްލެވެއެވެ.

ގައުމީ ޓީމު މިހާތަނަށް ވަނީ މިކޭންޕުގައި ހަތަރު މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން ރ.މީދޫ ޓީމު ވަނީ 7 ލަނޑު 0 ލަނޑުން ބަލިކޮށްފައެވެ. ނައިފަރުގައި ކުޅުނު ތިން މެޗްގެ ތެރެއިން، ފުރަތަމަ މެޗް ވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ. ދެވަނަ މެޗް ހޮޅުދޫއާއި ވާދަކޮށް 1 ލަނޑު 1 ލަނޑުން ވީ އެއްވަރެވެ. ނަމަވެސް ތިންވަނަ މެޗްގައި ކުޑަފަރީގެ މައްޗަށް 23 އަހަރުން ދަށުގެ ޤައުމީ ޓީމު ވަނީ ބޮޑު ތަފާތަކުން މޮޅުވެފައެވެ. އެއީ 8 ލަނޑު 3 ލަނޑުންނެވެ. މިކޭންޕު ނިންމާލުމަށްފަހު 23 އަހަރުން ދަށުގެ ޓީމު މާލެ އައުމަށް ހަމަޖެހިފައިވަނީ މާދާމާގެ ވަގުތެއްގައެވެ.

މިޓީމަށް އިރުޝާދު ދެމުން އަންނަނީ ޓީމުގެ ދެ އެސިސްޓެންޓް ކޯޗުންކަމަށްވާ ނިއުރޭޑިއަންޓުގެ ކުރީގެ ކޯޗު ސަބާހު މުޙައްމަދު އިބްރާހީމާއި ވެލެންސިއާ ކުރީގެ އެސިސްޓެންޓް ކޯޗު މުޙައްމަދު ޝާހިދު (ޝާޑު)އެވެ. ޅ.އަތޮޅަށް ފުރުމުގެ ކުރިން މީޓީމުން ވަނީ މާލޭގައި ވެސް ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ. ޅ.އަތޮޅަށް ފުރާފައިވާ ޓީމުގައި 30 ކުޅުންތެރިން ހިމެނޭއިރު، ފުރަތަމަ ޑިވިޝަންގެ ކުލަބްތަކަށް ކުޅެފައިވާ ގިނަ ކުޅުންތެރިން ހިމެނެއެވެ.

23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށާފައިވަނީ އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ 23 އަހަރުން ދަށުގެ އޭޝިއަން ކަޕުގައި ރާއްޖެ ކުޅޭ ކޮލިފައިން މެޗްތަކަށް ތައްޔާރުވުމަށެވެ. މިކޮލިފައިންގައި ރާއްޖެ ހިމެނެނީ އިރާގް، ބަހުރައިން އަދި އަފްޣާނިސްތާނާ އެއް ގްރޫޕެއްގައެވެ. މިގުރޫޕްގެ މެޗްތައް ކުރިއަށްދާނީ އޮކްޓޫބަރު މަހު 23 އިން 31 އަށެވެ. ކޮލިފައި ވާނީ ގްރޫޕްތަކުގެ އެއް ވަނަ ހޯދާ ޓީމާއި ކޮލިފައިންގައި ހިމެނޭ 11 ގްރޫޕުގެ ތެރެއިން 2 ވަނަ ހޯދާ ޓީމުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ 4 ޓީމެވެ.