ކުޅިވަރު

ދީމާއަށް ޓީއުނީޝީއާގެ ވިސާ ލިބި، ޕޯޗުގަލް ވިސާ ލިބުމުގައި ދަތިތަކެއް


ޓީއުނީޝީއާގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުނު އިރު، ޕޯޗުގަލްގައި ބާއްވާ ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހަނިވެއްޖެއެވެ. މި މުބާރާތަކީވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ.

ޓީއުނީޝީއާގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތުގައި ވާދަކުރުމަށް ޓިއުނީޝިއާގެ ވިސާ ދީމާއަށް ލިބިފައިވާއިރު، އެމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަދުވަހުއެވެ. ލަންކާގައި ދިރިއުޅެމުންދާ ދީމާ ޓީއުނީޝީއަށް މާދަމާ ފުރުމަށް ހަމަޖެހިފައިވާކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ. ޓީއުނީޝީއާގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތް މިމަހުގެ 13ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޕޯޗުގަލްގައި ބާއްވާ ވަރލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17ވަނަ ދުވަހުއެވެ.

ޢަލީ ރަޝީދު ވިދާޅުވީ ޓިއުނީޝިއާގެ ވިސާގެ ލިބުނީ މިއަދު ކަމަށާއި މާދަމާ ދީމާ ޓިއުނީޝިއާއަށް ފުރާއިރު، ޕޯޗުގަލްގެ ވިސާ ޖެހުމަށް ފެރެންޗް އެއްބަސީއަށް މިހާރު ހުރިހާ ލިއެކިއުންތަކެއްވެސް ހުށައަޅާފައިވާނެކަމަށެވެ. ނަމަވެސް ޕޯޗުގަލްގެ ވިސާ ޖެހުމަށް ސީދާ ޕާސްޕޯޓް ބޭނުންވާތީ، އެވިސާ ލިބުމުގައި އުދަގޫތަކެއް ހުރިކަމަށް ޢަލީ ރަޝީދު ވިދާޅުވިއެވެ. ނަމަވެސް ދީމާ ޓިއުނީޝިއާއަށް ދިޔަނަމަވެސް ރާއްޖޭގެ ފޮރިން މިނިސްޓްރީ މެދުވެރިކޮށް، ޕޯޗުގަލްގެ ވިސާ ޖެހުމަށް މަސައްކަތްތަކެއް ކުރާނެކަމަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވިއެވެ.

އަންނަ ހޯމަ ދުވަހު ތޫނިސްގައި ފަށާ މުބާރާތަށް ފަހު، ޕޯޗުގަލްގެ ލިޒްބަންގައި ބާއްވާ މުބާރާތުގައި ވެސް ދީމާ ވާދަކުރާ ގޮތަށް ކުރިން އޮތީ ހަމަޖައްސައިފައެވެ. ނަމަވެސް ޕޯޗުގަލްގެ ވިސާ އަދި ވެސް އޭނާ އަށް ހަމަޖެހިފައި ނުވާތީ ޕޯޗްގަލްގެ މުބާރާތުގައި ވާދަ ނުކުރާނެއެވެ.

ތޫނިސްގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ކޮންޓެންޑާ މުބާރާތުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓެގަރީގައެވެ. ޕޯޗުގަލްގެ ލިޒްބަންގައި ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސްޓާ ކޮންޓެންޑާ މުބާރާތުގައިވެސް ދީމާ ވާދަކުރުމަށް ހަމަޖެހިފައިއޮތީ 15 އަހަރުން ދަށުގެ ކެޓެގެރީގައެވެ.
ދީމާއަކީ ރާއްޖޭގެ ޓޭބަލް ޓެނިސްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީފައިވާ ދީމާ ޢަލީއަށް ޔޫރަޕްގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބުނު ނަމަވެސް ކޯވިޑް-19ގެ ސަބަބުން އެ މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ގެއްލިގެން ދިޔައެވެ. އިންޓަނޭޝަނަލް ޓޭބަލް ޓެނިސް ފެޑެރޭޝަނުން އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންއަށް ބަލާއިރު، 15 އަހަރުން ދަށުގެ ކުޅުންތެރިންގެ ލިސްޓުން ދީމާއޮތީ 15ވަނައިގައެވެ.

ދެހާސް ނަވާރަވަނަ އަހަރު ރީޔުނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ދީމާ ވަނީ ރާއްޖެއަށް ތިން ރަން މެޑަލް ހޯދައިދީފައެވެ.