ކުޅިވަރު

މިރޭ ނިއުކާސަލް މެޗްގައި ރޮނާލްޑޯ ކުޅޭނެ


ޕްރިމިއާ ލީގުގައި މިރޭ، ނިއު ކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި އެޓީމްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭނެކަމަށް އެޓީމުގެ ކޯޗް އޮލެ ގަނަ ސޯލްޝެއާ ބުނެފިއެވެ. ޔުނައިޓެޑާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ރޮނާލްޑޯ އެބުރި މެންޗެސްޓާ ޔުނައިޓެޑަށް އައިސްފައިވަނީ 13 އަހަރަށް ފަހުއެވެ.

ރޮނާލްޑޯ އައުމާއެކު އޭނާގެ ކުޅޭ ފުރަތަމަ މެޗް ބަލާލުމަށް ޔުނައިޓެޑްގެ ސްޕޯޓަރުން ތިބީ ކެތްމަދުވެފައެވެ. މިރޭ ނިއު ކާސަލްއާއި ދެކޮޅަށް ކުޅޭ މެޗްގައި ރޮނާލްޑޯ ކުޅޭނެކަން ސޯލްޝެއާ ޔަގީންކޮށްދީފައިވާއިރު، މެޗްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާކުޅޭނެކަން ސޯލްޝެއާ ޔަގީންކޮށްދީފައެއް ނުވެއެވެ.

މެންޗެސްޓާގެ އޯލްޑް ޓްރެފޯޑުގައި ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 7 ޖަހާއިރުއެވެ. ރޮނާލްޑޯ އަދިވެސް ބޭނުންވަނީ ޔުނައިޓަޑާއެކު ކާމިޔާބު ހޯދަންކަމަށާއި މިޓީމާއެކު ކާމިޔާބު ހޯދޭނެކަން ގަބޫލް ކުރާކަމަށްވެސް ރޮނާލްޑޯ ބުނެފައިވެއެވެ. އިޓަލީގެ ޔުވެންސްޓަސް ދޫކޮށްލުމަށްފަހު، ރޮނާލްޑޯ ގުޅޭނެކަމަށް ކުރިން ބޮޑަށް ބެލެވިފައިވީ ލީގް ޗެންޕިއަން މެންޗެސްޓަރ ސީޓީއަށެވެ. ނަމަވެސް ޔުނައިޓަޑުން ރޮނާލްޑޯގެ ސޮއި ހޯދުމަށް މަސައްކަތް ކުރުމާއެކު، ސިޓީންވަނީ ފަހުން ރޮނާލްޑޯ ހޯދުމުގެ މަސައްކަތް ހުއްޓާލާފައެވެ. ރޮނާލްޑޯ މިހާރު ޔުނައިޓަޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައިވާއިރު، އުމުރުން 36 އަހަރުގެ ރޮނާލްޑޯ ޔުނައިޓެޑާއި ގުޅުމަށްފަހު އެޓީމުގެ ވެބްސައިޓަށްދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އަދިވެސް ޔުނައިޓެޑާއެކު ކާމިޔާބު ހޯދަން ބޭނުންވާކަމަށާއި ޗެންޕިއަންސް ލީގު ވެސް ހޯދަން ބޭނުންވާކަމަށެވެ.

ފާގަސަން ކޯޗަކަށް ހުރިއިރު، ޔުނައިޓެޑުން އެންމެ ފުރަތަމަ 2003 ވަނަ އަހަރު ރޮނާލްޑޯ ގަތީ 16 މިލިއަން ޑޮލަރު ދައްކާފައެވެ. އެ ފަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ހަ އަހަރު ކުޅެފައެވެ. ޔުނައިޓެޑާއެކު 9 ތަށި ހޯދި ރޮނާލްޑޯ ހޯދާފައިވާއިރު، އޭނާ ވަނީ އެ ޓީމަށް 292 މެޗުން 118 ގޯލު ޖަހައިދީފައެވެ. އަދި ޔުނައިޓެޑްގައި ހުރެ 2008 ވަނަ އަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމް ރޮނާލްޑޯ ހޯދާފައިވެއެވެ.