ކުޅިވަރު

މިހާރުގެ ކޯޗުންނަށް ރާއްޖެއަށް ސާފްގެ 3ވަނަ ތަށި ހޯދިދާނެ - އައްސަދު


ގައުމީ ޓީމުގެ މިހާރުގެ ކޯޗިން ސްޓާފުންނަށް ސާޗް ޗެންޕިއަންޝިޕްގެ ތަށި ރާއްޖެއަށް ތިންވަނަ ފަހަރު ހޯދައިދެވޭނެކަމަށް ގޯލްޑް ކެޕްޓަން އައްސަދު ޢަބްދުލް ޢަނީ ބުނެފިއެވެ. 2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާޗް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރި ޓީމްގެ ކެޕްޓަން އައްސަދު ބުނީ މިވަގުތު ރާއްޖޭގެ ޓީމުގެ ކޯޗިން ސްޓާފުންނަކީ ރާއްޖޭގެ ފުޓްބޯޅައާއި ގައުމީ ޓީމުގައި ތިބި ކުޅުންތެރިން ވަރަށް ރަނގަޅަށް ދަންނަ ކޯޗުންތަކެއްކަމަށެވެ. އަދި އެކޯޗުންނަކީ ވަރަށް ތަޖްރިބާކާރު ކޯޗުންތަކެއްކަމަށްވެސް އައްސަދު ބުންޏެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ތަޖްރިބާކާރު ކޯޗް ޢަލީ ސުޒޭން އަދި އެސިސްޓަންޓް ކޯޗަކަށް ހަމަޖައްސާފައިވަނީ އިސްމާޢީލް މަހްފޫޒް (އިންމަ) އަދި ގޯލްކީޕަރު ކޯޗުންގެ ގޮތުގައި ހުރީ ކުރިން ވެސް އެ މަގާމުގައި ހުރި އިމްރާން މުޙައްމަދާއި އަސްލަމް ޢަބްދުއްރަހީމެވެ. އަދި ޓީމުގެ ޑޮކްޓަރަކީ ޢަބްދުﷲ ރާފިއު (ރާއްޕެ) އެވެ. ކުރިން ސުޒޭން ހުރީ ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގައެވެ.

މިހާރު ގައުމީ ޓީމުގައި ތިބި ގިނަ ކުޅުންތެރިންނަށް ކޯޗްކޮށްދީފައިވާ ޢަލީ ސުޒޭންއަކީ ރާއްޖޭގެ އެންމެ ކާމިޔާބުއެއް ކޯޗެވެ. އިސްމާޢީލް މަހްފޫޒް ވަނީ މިހާރު ގައުމީ ޓީމްގައި ތިބި ކުޅުންތެރިންނަށް މީގެ ކުރިން ކްލަބްލެވެލްގައި ކޯޗުކޮށްދީފައެވެ. އަދި އަސްލަމަކީ ގައުމީ ޓީމްގެ ކީޕަރުންނާއި ބައެއް ކުލަބްތަކުގައިވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަދި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ގޯލް ކީޕަރެކެވެ. އަދި އަސްލަމްގެ ފަހަތުން މަސައްކަތް ކުރާ އިންރާންއަކީ ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކީޕަރެވެ.

މިކަމަށް އިޝާރާތްކޮށް އައްސަދު ބުނީ ގައުމީ ޓީމްގެ ކޯޗިން ސްޓާފުންނަކީ ވަރަށް ގާބިލް އަދި ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރެވޭ ފެންވަރުގެ ކޯޗުންތަކެއްކަމަށާއި ނަމަވެސް ސާކް ސަރަހައްދުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ ތަށި ކާމިޔާބުކުރަން ބޭނުންވާކަމަށްވާނަމަ، ޓީމެއްގެ ގޮތުގައި ކުޅެންޖެހޭކަމަށް އައްސަދު ބުންޏެވެ.

"އަޅުގަނޑު ގަބޫލް ކުރަނީ މި ޓީމް، ޓީމެއްގެ ގޮތުގައި ނެރެވިއްޖެކަމަށްވާނަމަ، ތަށި ކާމިޔާބުކުމަކީ މާ އުދަގޫކަމެއް ނޫން. ޓީމެއްގެ ގޮތުގައި ނެރެން އެބޭފުޅުންނަކީ އެކަން ކުރެވޭ ފެންވަރުގެ ބޭފުޅުން. ޓީމް ޓީމަކަށް ހަދައިގެން، އެކައްޗެއް ކިޔައިގެން ނެރުން މުހިންމީ. އެ އެކުވެރިކަމާއި އެމާހައުލުގެ ތެރެއިން ނެރެވިއްޖެކަމަށްވާނަމަ، މިހާރުގެ ކޯޗިން ސްޓާފުންނަށްވެސް ސާފް ޗެންޕިއަންޝިޕްގެ ތަށި ކާމިޔާބުކުރެވިދާނެ." އައްސަދު ބުންޏެވެ.

ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުވަނީ ގަތަރުގައި ކޭންޕްކޮށްފައެވެ. މި ކޭންޕްގައި ގައުމީ ޓީމު އެކުވެރިކަމުގެ 3 މެޗް ކުޅުމަށް ހަމަޖެހިފައިވެއެވެ. މާލޭގައި ސާފް ޗެންޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެއެވެ. ފަސް ޓީމާއެކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެއީ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލްގައި ކުޅޭ ގޮތަށެވެ.