ދެކުނު އިރުމަތީ އޭޝިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ޓެޓްލާ މެލޭޝިޔާއާ ގުޅިގެން ޑިޖިޓަލް ކެމްޕެއިނެއް ފަށައިފިއެވެ.
ސެޕްޓެމްބަރު މަހުން އޮކްޓޯބަރުމަހުގެ ނިޔަލަށް ކުރިއަށްދާ ކެމްޕެއިނަކީ މެލޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާ މާކެޓަށް އަމާޒުކޮށް ހިންގާ ކެމްޕެއިނެކެވެ.
މި ކެމްޕެއިނު އަމާޒުކުރާނީ މަތީ ފަންތީގެ ފަތުރުވެރިންނަށެވެ. އަދި މި ކެމްޕެއިނުގެ މަގުސަދަކީ މެލޭޝިޔާގެ ބޯޑަރު ދަތުރުފަތުރުކުރުމަށް އަލުން ހުޅުވާލުމުން ދިވެހިރާއްޖެއަކީ މެލޭޝިޔާގެ ފަތުރުވެރިން އެންމެ އަންނަ ބޭނުންވާ މަންޒިލަށް ހެދުން ކަމަށް ވިޒިޓް މޯލްޑިވްސްއިން ހާމަކުރެއެވެ.
ޓެޓްލާ މެގަޒިނަކީ މެލޭޝިޔާގެ އެންމެ މަގުބޫލު އެއް ލަގްޒަރީ ލައިފްސްޓައިލް މެގަޒިނެވެ.60,000 މީހުންގެ ރީޑަރޝިޕް, އަދި 10,000 ސާކިއުލޭޝަން ކޮޕީސް ހިމެނޭ މި މެގަޒިން 678,858 ފަތުރުވެރިންނަށް ފޯރާނެކަމަށް އެމެގަޒިންއިން ލަފާކުރެއެވެ.
މި މެގަޒިންގެ ވެބްސައިޓް އެޑިޓޯރިއަލް ވީ ނިއުސްލެޓާ ޑިސްޕްލޭ ބެނާސް އަދި ސޯޝަލް މީޑިޔާގެ ޒަރިއްޔާއިން ދިވެހިރާއްޖެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް (ރިޒޯޓް ގެސްޓްހައުސް، ލިވަބޯޑް ހޮޓެލް) އަދި ރާއްޖޭގެ ލަގްޒަރީ ތަޖުރިބާތައް އިޝްތިހާރުކުރާނެއެވެ.
ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު ދިޔައީ އިތުރުވަމުންނެވެ. މި ސަރަހައްދުން އިތުރު ޕްލައިޓްތައް ރާއްޖެއަށް ދަތުރުކުރަން ފެށުމުން ފަތުރުވެރިން ޒިޔާރަތްކުރުންވަނީ އިތުރުވެފައެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން 2019 ވަނަ އަހަރު މި ސަރަޙައްދުން 87,636 އަށްވުރެ ގިނަ ފަތުރުވެރިންނަށް ރާއްޖެއަށްވަނީ އައިސްފައެވެ.
ކޯވިޑް-19 ގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ހުރި ހުރަސްތަކާއެކުގައިވެސް ވިސިޓް މޯލްޑިވްސްއިން ދަނީ ރާއްޖެ، ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގައި އިޝްތިހާރުކޮށް ފަތުރުވެރިންގެ މެދުގައި ރާއްޖެއަކީ އެންމެ މަޤްބޫލު މަންޒިލެއްގެ ގޮތުގައި ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ބޯޑަރުތައް އަލުން ހުޅުވުމާއެކު ރާއްޖެއަކީ މިސަރަހައްދުގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ޝައުގުވެރިވާ މަންޒިލަށް ހެދުމަށްޓަކައި ތަފާތު މާކެޓިން ހަރަކާތްތަކެއް ދަނީ ކުރިއަށްގެން ދަމުންނެވެ.