ކުރިއަށް އޮތް ދެއަހަރު ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ކޯވިޑް އާއި އެކު ބަދަލުވެފައިވާ މާލީ ހާލަތަށް ބަލައި، މާލީ އަދި ދަރަނީގެ ޔަޤީންކަން ދެމެހެއްޓެނިވި ކުރުމަށްޓަކައި މާލީ ސިޔާސަތުތަކުގެ މިސްރާބު ބަދަލު ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެވެ.
ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓްރެޓެޖީ އަދި ފިސްކަލް ސްޓްރެޓެޖީ އާއި ގުޅޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް ދިނުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. މިބައްދަލުވުމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ، 2020 ވަނަ އަހަރު ދައުލަތުގެ މާލީ ސިޔާސަތު ބައްޓަންވެގެން ދިޔައީ، ކޯވިޑް-19 ގެ އިމަޖެންސީއަށް ބޭނުންވާ ޚަރަދުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނާއި ވިޔަފާރިތަކަށް ލޮޅުން ކުޑަވާނެ ގޮތަށް ބަޖެޓު ތަންފީޒު ކުރުމަށް ކަމަށެވެ.
އަދި މިއަހަރުގެ މާލީ ސިޔާސަތުގައި އިސްކަމެއް ދީފައިވަނީ ދައުލަތުން ރާއްޖޭގެ އިޤްތިސާދަށް ދެމުންދިޔަ ސަޕޯޓު ދަމަހައްޓައި ނާޒުކު ރިކަވަރީ ޔަޤީން ކުރުން ކަމަށެވެ. އަދި ކުރިއަށް އޮތް ދެއަހަރުގެ މާލީ ސިޔާސަތުގެ އަމާޒަކަށް ވާނީ މިހާރު ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަނި އަދި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމަށްޓަކައި މިދިޔަ އަހަރާއި މިއަހަރު އެޅުނު ފިޔަވަޅުތަކަށް ބަލާ އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެގޮތުން މިސިޔާސަތު ތަންފީޒު ކުރުމަށް މައިގަނޑު 3 ކަމެއް ކަނޑައަޅާފައިވާ ކަން މިނިސްޓަރވަނީ ހާމަކުރައްވާފައެވެ. މީގެ ތެރެއިން ފުރަތަމަ ކަނޑައަޅާފައިވަނީ 2023 ނިޔަލަށް ދައުލަތުގެ ދަރަނީގެ ޖީޑީޕީ ނިސްބަތުން %105 ތިރިކުރުމެވެ. މިނިސްޓަރ އަމީރު ވިދާޅުވީ މިހާރު މިއަދަދު ހުރީ %115 އާއި %120 އާއި ދެމެދު ކަމަށެވެ.
ދެވަނައަށް ކަނޑައަޅާފައިވާ ލަނޑުދަނޑިއަކީ 2023 ގެ ނިޔަލަށް ޕްރައިމަރީ ބަޖެޓް ޑެފިސިޓް %5 އަށް ތިރި ކުރުމެވެ. ތިންވަނަ ލަނޑުދަނޑިއަކަށް ކަނޑައަޅާފައިވަނީ، ދައުލަތުގެ ޑެފިސިޓް އަދި ދައުލަތުގެ ދަރަނި އަހަރަކަށްފަހު އަހަރަކަށް ކުޑަވަމުންދާ މިސްރާބެއްގައި ދެމެހެއްޓުމެވެ. މިފަދަ އަމާޒުތަކެއް ކަނޑައަޅަން ޖެހެނީ މެދުރާސްތާގައި ދައުލަތަށް ލިބޭ އާމްދަނީން ޑޮމެސްޓިކް ބަޖެޓް ހަމަނުޖެހޭތީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އަޅުގަނޑުމެން އެބަޖެހޭ ދަރަނި ނަގަން. ރާއްޖޭގެ މާލީ ބާޒާރުން މިދަރަނި މުޅިއަކުން ހަމައެއް ނުޖެހޭނެ. އެހެންވީމަ ދަރަނި ހޯދުމަށް ބައިނަލްއަޤްވާމީ އިދާރާތަކަށާއި މާލީ ބާޒާރަށް ދާއިރު، ދަރަނި ހުރީ ދެމެހެއްޓެނިވި މިސްރާބެއްގައިކަން އިންވެސްޓަރުންނަށް އަޅުގަނޑުމެން ދައްކަން އެބަޖެހޭ. މިހާ ސަސްޓެއިނަބްލް ޕާތެއް އަޅުގަނޑުމެން ދައްކަން އެބަޖެހޭ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ޑެބްޓް ޓު ޖީޑީޕީ ނަންބާސް ގޯސްވެގެން ދިޔަ. އެކަމަކު އިންވެސްޓަރުން މިބަލަނީ ކުރީގެ މިންވަރަށް ގެންދެވޭނެ ޕާތެއް އެބަހުރިތޯ " އަމީރު ވިދާޅުވިއެވެ.
ދައުލަތުގެ މެދުރާސްތާ ދަރަނި އަދި މާލީ ސިޔާސަތު ސަރުކާރުން ހާމަކޮށްފައިވާއިރު، މެދުރާސްތާގައި ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް އާމްދަނީ އިތުރު ކުރެވޭނެ ގޮތްތަކެއް ވެސް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން 2022 ވަނަ އަހަރަށް 37 ބިލިއަން ރުފިޔާ ބަޖެޓަށް ހުށަހަޅާފައިވާއިރު ބަޖެޓު ހިފެހެއްޓުމަށް ޚަރަދު ކުޑަކުރަން ޖެހޭ ކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އަދި ކޯވިޑް އާއި ގުޅިގެން އިތުރުވާ ދަރަނި އަދާ ކުރުމަށް މެދުރާސްތާ ކޮންޓްރޯލް ކުރަންޖެހޭ ކަން ވަނީ ފާހަގަކޮށްފައެވެ.