ވިޔަފާރި

އަންނަ އަހަރަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވެނީ 23.6 ބިލިއަން ރުފިޔާ


އަންނަ އަހަރުގެ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާއިރު، ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 23.6 ބިލިއަން ރުފިޔާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިކަން ހާމަކޮށްފައިވަނީ ދައުލަތުގެ މެދުރާސްތާ ދަރަނީގެ ސްޓްރެޓެޖީ އަދި ފިސްކަލް ސްޓްރެޓެޖީ އާއި ގުޅޭ މައުލޫމާތު، ރައްޔިތުންގެ މަޖިލީހުގެ މާލީއްޔަތު ކޮމެޓީއަށް މައުލޫމާތު ދެމުންނެވެ. އެގޮތުން މިއަންނަ އަހަރަށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ އަމާޒަކީ ބަދަލުވެފައިވާ މާލީ ހާލަތުގައި ދަރަނި އަދި މާލީ ހާލަތު އެއް ހަމައެއްގައި ދެމެހެއްޓުންކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީން ވަނީ 2022 އިން 2024 އަށް މިހާރު އަންދާޒާ ކޮށްފައިވާ ބަޖެޓުގެ ތަފާސް ހިސާބުތައް އާންމުކޮށްފައެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މިއަންނަ އަހަރަށް ޖުމްލަ 37 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހުށަހަޅާފަައެވެ. އަދި މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބަޖެޓުގެ ރިކަރެންޓް ޙަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ވަނީ ކަނޑައެޅިފައެވެ. އަދި ކެޕިޓަލް ޙަރަދަށް 10.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ނިއު ޕޮލިސީ އިނިޝިއޭޓިވްގެ ދަށުން އައު މަޝްރޫޢުތަކަށް މިފަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 500 މިލިއަން ރުފިޔާއެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވީ މިފަހަރު މިއަދަދު މިވަރަށް ކަނޑައަޅާފައިވަނީ ބަޖެޓުގައި މިއަށްވުރެ އިތުރަށް ޖާގަ ދެވެން ނެތިގެން ކަމަށެވެ. މީގެ އިތުރުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 7.1 ބިލިއަން ރުފިޔާ ޙަރަދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި ކައުންސިލްތަކަށް ގްރާންޓުގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ދޫކުރާނެއެވެ. މިގޮތަށް ޖުމްލަ 33.8 ބިލިއަން ރުފިޔާ ބަޖެޓު ޙަރަދުގެ ގޮތުގައި ހަމަޖެހިފައިވާއިރު ބަޖެޓު ބާކީ އަކީ ލޯން އަނބުރާ ދެއްކުމަށް ހިނގާ ޙަރަދެވެ.

މިއަންނަ އަހަރަށް ލަފާ ކޮށްފައިވާ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 23.66 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ ތެރޭގައި ޓެކްސްގެ ގޮތުގައި 14.7 ބިލިއަން ރުފިޔާ ލިބޭއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 5.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ އަނދާޒާކޮށްފައިވާއިރު ނިއު ރެވެނިއު މެޝާސް ނުވަތަ އާމްދަނީ ހޯދުމުގެ އައު ސިޔާސަތުތަކުން 1.3 ބިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދައުލަތުގެ ބަޖެޓުގައި އަންނަ އަހަރަށް ލަފާ ކޮށްފައިވާ ތަފާސް ހިސާބުތަަކަށް ބަލާއިރު އަހަރުވެސް ހުށަހަޅާނީ ދަރަނި ބަޖެޓެކެވެ. އެގޮތުން އަންނަ އަހަރު ޑެފިސިޓް 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، ކުރިއަށް އޮތް ދެ އަހަރު ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް މުހިއްމު ސިޔާސަތުތަކެއް ސަރުކާރުން ތަންފީޒު ކުރުމަށް ވަނީ ނިންމާފައެވެ.