ކުޅިވަރު

އަމިއްލަ ގައުމުގައި ކުޅުމަކީ ތަށި ދިފާއުކުރަން ލިބޭ ރަނުގެ ފުރުސަތެއް - އިމްރާން


އެހެން އަހަރުތަކަށް ވުރެއް މިއަހަރުގެ ސާޗް ޗެންޕިއަންޝިޕް ފޯރިގަދަވާނެކަމަށް 17 އަހަރުވަންދެން ޤައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކީޕަރު އިމްރާން މުޙައްމަދު ބުނެފިއެވެ. މިއަހަރުގެ ސާފް ޗެންޕިއަންޝިޕް އެހެން އަހަރުތަކާ ތަފާތުވާނެއެވެ. އެގޮތުން މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައެވެ. އަދި މި މުބާރާތް ދެ ގުރޫޕްއަކަށް ބަހާލައިގެން ކުރިއަށްދާއިރު، މިއަހަރުގެ މުބާރާތް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަކެވެ.

2008ވަނަ އަހަރު ރާއްޖެއިން އެންމެ ފުރަތަމަ ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރު، އެޓީމްގެ ގޯލް ބެލެހެއްޓި އިމްރާން މުހައްމަދު މިހާރު މަސައްކަތް ކުރަމުންދަނީ ގައުމީ ޓީމްގެ ގޯލް ކީޕަރުން ޓްރެއިން ކުރުމުގައެވެ. ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމް މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. އިމްރާން މުޙައްމަދު ބުނީ އެހެން އަހަރުތަކަށް ވުރެއް މިއަހަރުގެ ސާފް ޗެންޕިއަންޝިޕް ފޯރިގަދަވާނެކަމަށެވެ. ހާއްސަކޮށް އެންމެ ފަހުން ބޭއްވި ސާޗް ޗެންޕިއަންޝިޕްގައި އިންޑިޔާ ބަލިވެފައިވުމުން އެޓީމުން މިފަހަރުގެ ސާފް ޗެންޕިއަންޝިޕާ ކުރިމަތިލާނީ ތަށި އަލުން ހޯދަންކަމަށް އިމްރާނު ބުންޏެވެ. އަދި މިމުބާރާތުގައި ވާދަކުރާ ބަންގްލަދޭޝް އާއި ނޭޕާލްވެސް ވަރަށް ވަރުގަދަވާނެކަމަށާއި މީގެ ކުރިން ފެނުނު ސްރީލަންކާ ޓީމަށް ވުރެއް މިހާރު ސްރީލަންކާ ޓީމުވެސް ވަރުގަދަވާނެކަމަށް ގަބޫލް ކުރާކަމަށް އިމްރާން ބުންޏެވެ.

"މިފަހަރުގެ މުބާރާތް ފޯރިގަދަވާނެ. އިންޑިޔާއިން ވެސް ބުނެފައި އެއޮތީ އެގައުމުން ފޮނުވާނީ އެމީހުންގެ އޭ ޓީމްކަމަށް. ކޮންމެ ފަހަރަކުވެސް އިންޑިޔާއިން ފޮނުވަނީ އޭ ޓީމް. ބީ ޓީމް ފޮނުވާފަހަރުގައި ވެސް ވަރަށް މަދު ކުޅުންތެރިންތަކެއް ބަދަލްވެފައިވަނީ. އާންމު ގޮތެއްގައި ސީނިއަރ ގިނަ ކުޅުންތެރިން ހިމެނޭ. ނަމަވެސް މިފަހަރު އެމީހުން ވަރަށް ސީރިއަސްކޮށް މިމުބާރާތް ކާމިޔާބުކުރަން ބޭނުންވޭ. މުބާރާތް ވާނީ ވަރަށް ވަރުގަދަ އަދި ވަރަށް ވާދަވެރި މުބާރާތަކަށް. ކޮންމެ ޓީމަކާއި ކޮންމެ ޓީމެއް ކުޅޭއިރު، މުބާރާތް ވަރަށް ފޯރިގަދަވާނެ. އަޅުގަނޑުމެންގެ ބާރަވަނަ ކުޅުންތެރިޔާގެ އެހީގައި އަދި އަމިއްލަ ގައުމުގައި ކުޅޭތީ، ހޯމް އެޑްވާންޓޭޖާއެކު މިއީ ނުވާވާރުގެ ކަމެއް ނޫން. އަޅުގަނޑުމެން އަމިއްލަ ގައުމުގައި ކުޅޭއިރު، އަޅުގަނޑުމެން ޖެހިލުންވާވަރުގެ ޓީމެއް ނޯންނާނެ. އެހެންވީމަ އަމިއްލަ ގައުމުގައި މުބާރާތް ކުޅެގެން ތަށި ނަގަން ފަސޭހަވާނެ. އަޅުގަނޑުގެ އެދުމަކީ މިވަގުތުވެސް ގައުމީ ޓީމާއެކު ދިވެހި ރައްޔިތުން ތިބުން." އިމްރާނު ބުންޏެވެ.

ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިމުބާރާތުގައި ވާދަނުކުރެވެއެވެ. އަދި ކޯވިޑް-19ގެ ސަބަބުން ޒަރޫރީ ބޭނުމެއްގައި ނޫނީ ދަތުރުފަތުރު ނުކުރަން ބޫޓާންގެ ސަރުކާރުން އެންގުމާއި ގުޅިގެން އެގައުމްގެ ފުޓްބޯޅަ ޓީމުން ވެސް ވަނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިނުވާން ނިންމާފައެވެ.

މިފަހަރުގެ ސާފް ޗެންޕިއަންޝިޕް މުބާރާތަކީ ރާއްޖެއަށް ވަރަށް ތާރީޚީ މުބާރާތެކެވެ. އެއީ ރާއްޖެ އެކަނިވެގެން ސާފް ޗެންޕިއަންޝިޕް މުބާރާތް ބާއްވާ ފުރަތަމަ ފަހަރަށް ވާތީއެވެ. 2008ވަނަ އަހަރުގެ މުބާރާތް ރާއްޖެއިން ބާއްވާފައިވަނީ އަވަށްޓެރި ސްރީލަންކާއާއިި ގުޅިގެންނެވެ. ގައުމީ ޓީމުގެ ގޯލް ކީޕަރ ޓްރެއިނަރ އިމްރާން މުހައްމަދު ބުނީ އަމިއްލަ ގައުމުގައި މިމުބާރާތް ބާއްވައިގެން ތަށި ދިފާޢުކުރުމަށް ލިބޭ ފުރުސަތު ބޭނުން ހިފަންޖެހޭކަމަށާއި ޓީމުގެ ކުޅުންތެރިންގެ އަޒުމަކީވެސް މިއީކަމަށް އިމްރާން ބުންޏެވެ.