ކުޅިވަރު

ޓެނިސްގެ އެކްޝަން ޕްލޭން އެކުލަވާލައިފި


6 ކަމުގެ މައްޗަށް އެކުލެވޭ އެކްޝަން ޕްލޭނެއް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެކުލަވާލައިފިއެވެ. ކޯވިޑް-19އާއި ގުޅިގެން މިއަހަރު އެއްވެސް އެސޯސިއޭޝަނަކަށް ކަލަންޑަރުގައިވާ ގޮތަށް މުބާރާތްތައް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. އަދި ގިނަ އެސޯސިއޭޝަންތަކުން ވަނީ ގިނަ މުބާރާތްތަކެއް ކެންސަލްކޮށް އަނެއްގައި މުބާރާތްތައް ފަސްކޮށްފައެވެ. ކޯވިޑާއި ގުޅިގެން ޓެނިސް އެސޯސިއޭޝަންގެ އޭޖީއެމް ނުބޭއްވި ލަސްވެގެން، ދިޔަ ނަމަވެސް ރޭ ބޭއްވި އޭޖީއެމްގައި ވަނީ މުހިންމުކަންތައްތަކެއް ފާސްކޮށްފައެވެ. އެގޮތުން މިއޭޖީއެމްގައި ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ފާސްކޮށްފައެވެ. އަދި މިއަހަރުގެ އެކްޝަން ޕްލޭން ވަނީ މެންބަރުންނަށް ހުށައަޅާފައެވެ.

ރޭ ހުށައެޅި އެކްޝަން ޕްލޭން ވަނީ މުހިންމު 6 ކަމެއްގެ މައްޗަށް އަލިއަޅުވާލާފައެވެ. އެއީ ކޯޗިން ޕްރޮގްރާމް، ޔޫތު ޑިވޮލޮޕްމަންޓް ޕްރޮގްރާމް، އެސޯސިއޭޝަންއިން ރާއްޖޭގައި ރާވާ ހިންގާ މުބާރާތްތައް ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ބައިވެރިވުން، އުމްރާނީ ވަސީލަތްތަށް ތަރައްގީކުރުން، އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ރޭވިފައިވާ ކަންކަމުގެ މައްޗަށް ވަނީ އަލިއަޅުވާލާފައެވެ. މިގޮތުން ޔޫތް ޑިވޮލޮޕްމަންޓް ޕްރޮގްރާމުގެ ފެންވަރު މަތިކުރުމަށް އެސޯސިއޭޝަނުންވަނީ ނިންމާފައެވެ. އަދި ސްކޫލް ޓެނިސް ޕްރޮގްރާމް ފެށުމަށް މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.

ކޯވިޑް-19އާއި ގުޅިގެން މިއަހަރު ބޭއްވުމަށް ނިންމާފައިވާ ދެ މުބާރާތެއް ކަންސަލް ކުރަން ޖެހުނުއިރު، މިއަހަރު ނިމުމުގެ ކުރިން ގައުމީ ޓެނިސް މުބާރާތް ބޭއްވުމަށް އެސޯސިއޭޝަންއިން މަސައްކަތް ކުރުމަށްވަނީ ހަމަޖެހިފައެވެ. ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ޓެނިސް ކުޅުންތެރިން ބައިވެރި ކުރުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އެސޯސިއޭޝަނުން ވަނީ ރާވާފައެވެ. އަދި ތަމްރީނު ފުރުސަތުތަކުގައި ޒުވާން ކުޅުންތެރިން ފޮނުވުމަށް އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އުމްރާނީ ވަސީލަތްތައް ތަރައްގީ ކުރުމަށް ހުޅުމާލޭގައި ޓެނިސް ކޮންޕްލެކްސްއެއް ހެދުމަށް މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން މިއެކްޝަން ޕްލޭންގައި އެސޯސިއޭޝަންގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްހަމަޖެހިފަވެއެވެ.