ކުޅިވަރު

ބަންގްލަދޭޝްގެ ކޯޗަކަށް ރާއްޖޭގައި މަސައްކަތް ކުރި އޮސްކާ


މާލޭގައި އޮންނަ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިވާ ބަންގްލަދޭޝް ޓީމަށް ކޯޗްކޮށްދޭން އޮސްކާ ބްރޫޒޮންއާއި ހަވާލްކޮށްފިއެވެ. އޮސްކާއަކީ ރާއްޖޭގެ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކޮށްފައިވާ ކޯޗެކެވެ. އޮސްކާއާއި ބަންގްލަދޭޝް ޓީމުގެ ކޯޗްކަން ހާވަލްކުރީ އެމަގާމުގައި ކުރިން ހުރި ޖެމީ ޑޭ ވަގުތީ ގޮތުން ދުރުކުރުމަށްފަހުއެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ގައުމީ ޓީމް ކޮމެޓީއިން ނިންމީ ކޯޗް ޖެނީ ޑޭ މާގާމުން ވަކިނުކޮށް، ދެ މަސް ދުވަހަށް އޭނާ މަގާމުން ދުރުކުރުމަށެވެ. މިއާއެކު ސާފް ޗެންޕިއަންޝިޕްގައި ބަންގްލަދޭޝް ޓީމަށް އިރުޝާދުދޭނީ އޮސްކާއެވެ.

2018ވަނަ އަހަރު ބަންގްލަދޭޝްގެ ގައުމީ ޓީމާއި ހަވާލުވުމަށްފަހު ޑޭއަށް ސާފް ޗެންޕިއަންޝިޕްގައި މާބޮޑު ކާމިޔާބީއެއް ހޯދިފައިނުވާއިރު، އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާއެކު ޑޭވަނީ އޭޝިއަން ގޭމްސްގައި ގަތަރު ބަލިކޮށް ތައިލެންޑާއި އެއްވަރުކޮށްފައެވެ. އަދި އެޓީމް ވަނީ އޭޝިއަން ކަޕްގެ ދެވަނަ ބުރުންވެސް ޖާގަ ހޯދާފައެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ބުނާގޮތުން ޓީމު ގޮވައިގެން ޑޭ ތަޖުރިބާތައްކުރާތީ ފެޑެރޭޝަނުން ހިތްހަމަނުޖެހުނީއެވެ. ނަމަވެސް އޮސްކާވަނީ ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސްއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެންމެ ފަހު ބަންގްލަދޭޝްގެ ލީގް އެޓީމުން ހޯދާފައިވާއިރު، މާލޭގައި ނިމިގެންދިޔަ އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި ބަންގްލަދޭޝްގް ބަޝުންދުރާ ކިންގްސް ވަނީ މޮޅު ކުޅުމެއް ދާއްކާފައެވެ. އަދި އެޓީމަށް ދެވަނަ ބުރުން ޖާގަ ގެއްލުނީ އިންޑިޔާގެ އޭޓީކޭ މޯހަން ބަގާންއާއި ވާދަކުރި ފަހު މެޗުން ބަލިވުމާއި ގުޅިގެންނެވެ.

އޮސްކާއަށް ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން އިނގޭއިރު، އޭނާވަނީ 2017-2018ވަނަ އަހަރު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކޯޗު ކޮށްދީފައެވެ. 2017ވަނަ އަހަރު ޕްރިމިއަރ ލީގާއި، އެފްއޭކަޕް އަދި ޕްރެޒިޑެންޓް ކަޕްވެސް ނިއުރޭޑިއަންޓް ވަނި ހޯދާފައެވެ. އަދި 2018ވަނަ އަހަރު އޮސްކާގެ ކޯޗުކަމުގެ ދަށުން ނިއު ރޭޑިއަންޓް ވަނީ މާލޭ ލީގްވެސް ހޯދާފައެވެ. އަދި އެއަހަރު އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައިވެސް ނިއު ރޭޑިއަންޓް ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދާފައެވެ.

އޮސްކާވަނީ ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނަށް ކޯޗުކޮށްދީފައެވެ. އޭގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގް، ހަމްޒާ މުޙައްމަދު، މުޙައްމަދު އުމެއިރު، ޢަލީ ފާސިރު ފާހަގަކޮށްލެވެއެވެ. އޮސްކާވަނީ 2017ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗްގެ މަގާމުވެސް ހޯދާފައެވެ.

މިފަހަރުގެ މުބާރާތް ކުރިއަށްދާނީ ލީގު އުސޫލުންނެވެ. އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމު ފައިނަލްގައި ކުޅޭ ގޮތަށެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތުމުގެ ސަބަބުން ޕާކިސްތާނަށް މިފަހަރުގެ މުބާރާތުގައި ވާދަނުކުރެވެއެވެ. އަދި ކޯވިޑް-19ގެ ސަބަބުން ދަތުރުފަތުރު ނުކުރަން ބޫޓާންގެ ސަރުކާރުން އެންގުމާއި ގުޅިގެން އެގައުމްގެ ފުޓްބޯޅަ ޓީމުން ވެސް ވަނީ މިފަހަރުގެ ސާފް ޗެންޕިއަންޝިޕްގައި ބައިވެރިނުވާން ނިންމާފައެވެ.