ކުޅިވަރު

ޔޫތު ޓީމަށް ދިވެހި ކޯޗުން ހޯދަނީ


ޒުވާން ޤައުމީ ޓީމަށް ދިވެހި ކޯޗުން ހޯދުމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ. ޒުވާން ދިވެހި ކޯޗުން ހޯދުމަށް ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިޢުލާންކޮށްފައިވަނީ މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫތު ގޭމްސްއަށް ކޯޗުން ހޯދުމަށެވެ. ވީއޭއެމްއިން ވަނީ ޒުވާން ޓީމުގެ ހެޑް ކޯޗްގެ އިތުރުން އެސިސްޓެންޓް ދެ ކޯޗުން ހޯދުމަށް ވެސް އިއުލާނުކޮށްފައެވެ. އިޢުލާންގައިވާ ގޮތުން ކޯޗުންގެ މަގާމުތަކަށް ކުރިމަތިލާ ކޯޗުންނަކީ އެ އެސޯސިއޭޝަނުގައި ރަޖިސްޓްރީވެފައިވާ ކޯޗެއްކަމުގައި ވާން ޖެހޭނެ ކަމަށާއި، އަދި އެއީ އެފްއައިވީބީ ކޯޗިން ލެވަލް އެކެއްގެ ސެޓްފިކެޓް ހާސިލުކޮށްފައިވާ ކޯޗަކަށްވެސް ވާން ޖެހޭނެ ކަމަށެވެ. އަދި ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ވޮލީބޯޅަ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ކޯޗެއް ކަމުގައި ވާން ޖެހޭނެ ކަމަށްވެސް މި އިއުލާންގައި ވަނީ ބުނެފައެވެ.

ވީއޭއެމްއިން ބުނީ މިމަގާމްތަކަށް ކުރިމަތިލެވޭނީ ހަމައެކަނި ދިވެހި ކޯޗުންނަށްކަމަށާއި މި ކޯޗުންތަކުގެ މުސާރަ ކަނޑައަޅާނީ ދެ ފަރާތް އެއްބަސްވާ ގޮތަކަށެވެ. މިމަގާމްއަށް ކުރިމަތި ލުމުގެ ފުރުސަތު މި މަހުގެ 23 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އީމެއިލްއަކުން އެސޯސިއޭޝަންއަށް އެގުމަށް އެދިފައިވާކަމަށެވެ.

ކޯވިޑް-19އާއި ގުޅިގެން ގިނަ މުބާރާތަކެއް މިދިޔަ އަހަރާއި މިއަހަރު ކެންސަލްކޮށްފައިވާއިރު، މިއަހަރުވެސް ވީއޭއެމަށް އަދި މިއަހަރު އެއްވެސް މުބާރާތެއް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ނަމަވެސް މިއަންނަ އަހަރު ވީއޭއެމުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ބައިވެރިވުމަށް ވަނީ ނިންމާފައެވެ. ޒުވާން ޓީމު އެންމެ ފުރަތަމަ ވާދަކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސްގައެވެ. އަދި އެއަށްފަހު މިއަންނަ އަހަރުގެ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ޒުވާން ޓީމު ބައިވެރިވިވުމަށް ވަނީ ހަމަޖެހިފައެވެ.