ކުޅިވަރު

އަޝްފާގް އަލީ އަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއް - ޗެތުރީ


ސާޗް ޗެންޕިއަންޝިޕްގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންޔާ ޢަލީ އަޝްފާގްގެ ނަން ފާހަގަކޮށް އޭނާއަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ. އޮކްޓޯބަރު އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް އިންޑިޔާއިން މިފަހަރު ފޮނުވަނީ އެގައުމްގެ އޭ ޓީމެވެ. އެއީ އެންމެ ފަހުގެ ސާފް ޗެންޕިއަންޝިޕް ގެއްލުމާއި ގުޅިގެންނެވެ. 2018ވަނަ އަހަރުގެ ސާފް ޗެންޕިއަންޝިޕް އިންޑިޔާ ބަލިކޮށް ރާއްޖެއިން ހޯދީ 2 ލަނޑު 1 ލަނޑުންނެވެ.

ސައުތު އޭޝިއަން ފުޓްބޯޅަ ފެޑެރޭޝަނަށް ދިން ހާއްސަ އިންޓަރވިއުއެއްގައި ސާފް ޗެމްޕިއަންޝިޕްގެ މޮޅު ކުޅުންތެރިންގެ ވާހަކަދައްކަމުން އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނީ އިންޑިޔާއިން ސާފް މުބާރާތް ވަރަށް ގިނަ ފަހަރު ހޯދާފައިވާކަމަށާއި އެހެންކަމުން އިންޑިޔާގެ ކުޅުންތެރިންގެ ވާހަކަދައްކަން ބޭނުންނުވާކަމަށެވެ. އިންޑިޔާގެ ކުޅުންތެރިންގެ ވާހަކަނުދައްކާނަމަ، ދެން މިސަރައްހައްދުގެ އެންމެ މޮޅު ކުޅުންތެރިޔާއަކީ ޢަލީ އަޝްފާގްކަމަށް ސުނިލް ޗެތުރީ ބުންޏެވެ. ސުނިލް ޗެތުރީބުނީ އަޝްފާގަކީ އާދަޔާ ޚިލާފު މޮޅު ކުޅުންތެރިއެއްކަމަށާއި އަޝްފާގް މޮޅަށް ކުޅުނު ދުވަސްވަރުގައި އޭނާއަކީ ތަފާތު ކުޅުންތެރިއެއްކަމަށެވެ. އަބަދުވެސް އިންޑިޔާއާއި ދެކޮޅަށް އަޝްފާގް ކުޅޭއިރު، އޭނާއަކީ ހުއްޓުވަން ވަރަށް އުނދަގޫ ކުޅުންތެރިއެއްކަމަށާއި އަޝްފާގަކީ ހުނަރުން ފުރިގެންވާ ކުޅުންތެރިއެއްކަމަށް އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީ ބުންޏެވެ.

ޗެތުރީ ވަނީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި ކުޅުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި އިންޑިއާގެ ލެޖެންޑް ބައިޗުން ބުޓިއާ އާއި ދަގަނޑޭގެ ނަން ހިމަނައިފައެވެ. އަދި އެ ތަނުން އެއް ކުޅުންތެރިއަކު ނަގާނަމަ އިހުތިޔާރު ކުރާނީ ބުޓިއާ ކަމަށް ޗެތުރީ ބުންޏެވެ. އޭއެފްސީ ކަޕްގެ ގުރޫޕް ޑީގައި ކުޅުނު ބެންގަލޫރު އެފްސީ ޓީމާއެކު މާލެއައި ޗެތުރީ ބުނީ ކޯވިޑް-19ގެ ޕެންޑަމިކްގެ ތެރޭގައި މިފަދަ ބޮޑު މުބާރާތެއް ހޯސްޓް ކުރުމަކީ ވަރަށް އުދަގޫކަމެއްކަމަށާއި ނަމަވެސް އުއްމީދު ކުރަނީ ހުރިހާކަމެއް ރަނގަޅަށް ގޮސް، ސްޕޯޓަރުން ބޭނުންވާކަހަލަ ވާދަވެރި މުބާރާތެއް ކުރިއަށްދާނެކަމަށެވެ.

ޗެތުރީ އަކީ ސާފް ޗެމްޕިއަންޝިޕް ތާރީހުގައި ދެ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުުޅުންތެރިޔާއެވެ. އެއް ވަނައިގައި އޮތް ދަގަނޑޭ 20 ގޯލު ޖަހާފައިވާއިރު، ޗެތުރީ އަށް ޖެހުނީ 13ގޯލެވެ. މިފަހަރުގެ ސާފް ޗެންޕިއަންޝިޕް ކުރިއަށްދާނީ ލީގް އުސޫލުންނެވެ. އެއީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ކުޅޭ ގޮތަށެވެ. މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު ހަތަރު ވަނަ ދުވަހު ބައްދަލުކުރާނީ ބަންގްލަދޭޝްއާއެވެ. ދެ ވަނަ މެޗުގައި އެމަހުގެ ހަތް ވަނަ ދުވަހު ސްރީލަންކާއާ ބައްދަލުކުރާއިރު، ތިން ވަނަ މެޗުގައި ނޭޕާލާ ކުޅޭނީ އަންނަ މަހު 10 ވަނަ ދުވަހުއެވެ. އަދި ލީގު ބުރުގެ ފަހު މެޗުގައި 13 ވަނަ ދުވަހު ކުޅޭނީ ރާއްޖެއާއި ދެކޮޅަށެވެ.