ކުޅިވަރު

ޕޮގްބާ ޔުވެންޓަސްއަށް ބަދަލުވުން ގާތް: އޭޖެންޓް


މެންޗެސްޓަރ ޔުނައިޓެޑްގެ މިޑްފިލްޑަރ ޕައުލް ޕޮގްބާ މި ސީޒަނަށްފަހު އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވުން ގާތްކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

މެންޗެސްޓަރ ޔުނައިޓެޑާއިއެކު ޕޮގްބާ ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އައު ކޮންޓްރެކްޓެއްގައި ސޮއިކުރުމުގެ މަޝްވާރާތައް އަދި ފެށިފައި ނުވާއިރު އޭނާ އެކުލަބުގައި މަޑުކުރުމަކީ ދުރުކަމެއްކަމަށް އޭޖެންޓް ރައިއޯލާވަނީ ބުނެފައެވެ.

މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޕޮގްބާ އާއި ކޯޗު ސޮލްޝަޔާއާއި ދެމެދު މައްސަލަ ޖެހި އޭނާ އެކުލަބު ދޫކޮށްލާނެކަމަށް މީގެ ކުރިންވެސް ބެލެވުނެވެ. މިގޮތުން 2020ގެ ޑިސެމްބަރުގައި ޕޮގްބާ އެކުލަބު ދޫކޮށްލަން ތައްޔާރުވިއެވެ. ނަމަވެސް ފަހު ވަގުތު ޔުނައިޓެޑްގައި އޭނާ މަޑުކުރަން ޖެހުނީ ޔުވެންޓަސްއިން ރަނގަޅު ހުށަހެޅުމެއް ނުލިބުމުންނެވެ.
ޕޮގްބާގެ އޭޖެންޓް ރައިއޯލާ ބުނީ ޔުވެންޓަސްއަކީ ޕޮގްބާއަށް ވަރަށް ޚާއްސަ ކުލަބެއްކަމަށާއި، ޔުނައިޓެޑް ދޫކޮށްލާނަމަ ޕޮގްބާ ފެނުން އެންމެ ގާތީ ޔުވެންޓަސްއިންކަމަށެވެ.

ޔުނައިޓެޑްގެ ޔޫތް ޓީމުން ވިދާލި ޕޮގްބާ ޔުވެންޓަސްއަށް ފުރަތަމަ ބަދަލުވީ 2012ގައެވެ. އޭގެ ފަހުން ޕޮގްބާ އެނބުރި ޔުނައިޓެޑަށްއައީ 2016ވަނަ އަހަރެވެ.