ވިޔަފާރި

މަޑުއްވަރީގައި ހޯމްސްޓޭއަށް 50 ކޮޓަރި ހާއްސަކުރަނީ


މ. މަޑުއްވަރީގައި އަންނަ އަހަރު 50 ކޮޓަރި ހޯމް ސްޓޭއަށް ހާއްސަކޮށް ހުޅުވާލެވޭނެކަމަށް މަޑުއްވަރީ ކައުންސިލުން ހާމަކޮށްފިއެވެ.

މަޑޫއްވަރީ ކައުންސިލުން މިކަން ހާމަކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމާއި އެކު އެކައުންސިލުން ބޭއްވި ބައްދަލުވުމުގައެވެ. މިބައްދަލުވުމުގައި މަޑުއްވަރީގައި ލޯކްލް ޓުއަރިޒަމް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމުގައި މަޑުއްވަރީ ކައުންސިލުގެ ރައީސް އިސްމާއިލް ނާފިއު އަދި ބައެއް ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މިބައްދަލުވުމުގައި މަޑުއްވަރީ ކައުންސިލުން ވަނީ އަންނަ އަހަރު އެރަށުގައި 50 ކޮޓަރި ހޯމްސްޓޭއި ޓުއަރިޒަމްއަށް ހާއްސަ ކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.

މުލަކު އަތޮޅު މަޑުއްވަރީއަކީ ރާއްޖޭގެ ކުދި އާބާދީ އޮންނަ ރައްތަކުގެ ތެރެއިން ރަށެކެވެ. މިރަށުގައި މިވަގުތުވެސް އެއް ގެސްޓު ހައުސް ހިނގަމުން ދެއެވެ.

މުލަކު އަތޮޅު މަޑުއްވަރީގެ އިތުރުން އެއަތޮޅު ދިއްގަރުވެސް ހޯމްސްޓޭ ޓުއަރިޒަމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ އަހަރު ފުރަތަމަ ދުވަހުން ފެށިގެން އެރަށް ހޯމްސްޓޭއަށް ހުޅުވާލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ދާދި ފަހުން ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ މ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ރަށްތަކުގައި މިސިނާޢަތް ގޮސްފައިވާ ހިސާބު ބައްލަވާފައެވެ.

ހޯމްސްޓޭ ޓުއަރިޒަމްއަކީ ސަރުކާރުން މިހާރު ތަޢާރަފު ކުރުމަށް މަސައްކަތްކުރާ ފަތުރުވެރިކަމުގެ އެއް ޕްރޮޑަކްޓެވެ. ހޯމްސްޓޭގެ ތެރެއިން ފަތުރުވެރިން އައިސް މަޑު ކުރާނީ އާންމުން ދިރިއުޅޭ ގޭގޭގައި ފަތުރުވެރިންނަށް ހާއްސަ ކޮށްފައިވާ ކޮޓަރިތަކުގައެވެ. މިކޮންސެޕްޓު ތަޢާރަފު ކުރުމުގެ ގޮތުން ޓުއަރިޒަމް މިނިސްޓްރީން މިހާރު ދަނީ މިކަމާއި ގުޅޭ ގައިޑްލައިންތަށް ތައްޔާރު ކުރަމުންނެވެ.