ކުޅިވަރު

2018ވަނަ އަހަރުގެ ޓީމަށް ވުރެއް މިހާރުގެ ގައުމީ ސްކޮޑް ވަރުގަދަ - އިއްބެ


އެންމެ ފަހުން ސާފް ޗެންޕިއަންޝިޕް ހޯދި ޓީމަށް ވުރެއް މިފަހަރުގެ ސްކޮޑް ވަރުގަދަކަމަށް ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް ވަހީދު ހަސަން (އިއްބެ) ބުނެފިއެވެ. މިއަންނަ މަހުގެ އެއްވަނަ ދުވަހު މާލޭގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމު މިހާރުދަނީ ގަތަރުގައި ކޭންޕް ކުރަމުންނެވެ. މިފަހަރު ގައުމީ ޓީމު ނިކުންނާނީ 2018ވަނަ ރާއްޖެއިން ކާމިޔާބުކުރި ސާފް ޗެންޕިއަންޝިޕްގެ ތަށި ދިފާޢުކުރާށެވެ. 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕްގެ ތަށި ހޯދިއިރުގައި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ)އަކީ އެޓީމުގައި މޮޅަށް ކުޅެފައިވާ ކުޅުންތެރިއެވެ.

މިހާރު ގަތަރުގައި ކުރަމުންދާ ފަރިތަކުރުންތަކުގެ ތެރެއިން ވާހަކަދައްކަމުން މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ)ބުނީ 2018ވަނަ އަހަރު ސާފް ޗެންޕިއަންޝިޕް ހޯދި ޓީމަކީވެސް ވަރަށް ވަރުގަދަ ޓީމެއްކަމަށާއި އެޓީމުގައި ޒުވާން ކުޅުންތެރިންނާއި ތަޖްރިބާކާރު ކުޅުންތެރިން ހިމެނޭކަމަށެވެ. ނަމަވެސް މިފަހަރު ސާފްގައި ވާދަކުރާ ޓީމް، 2018ވަނަ އަހަރުގެ ޓީމަށްވުރެ ވަރުގަދަވާނެކަމަށް ގަބޫލް ކުރާކަމަށްވެސް އިއްބެ ބުންޏެވެ. އަދި ކުރީގެ ޓީމަށް މިހާރު އިތުރުވެފައިވަނީ ތަޖްރިބާކާރު އަދި ޓީމަށް ވަރަށް ފައިދާ ކުރާނެ ކުޅުންތެރިންކަމަށްވެސް އިއްބެ ބުންޏެވެ. 2018ވަނަ އަހަރު ގައުމީ ޓީމަށް އިރުޝާދުދިން ކޯޗު ޕީޓަރ ސެގާޓާއި ޖެހުނު މައްސަލައަކާއި ގުޅިގެން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ޢަލީ އަޝްފާގަށް ޓީމުން ފުރުސަތު ދީފައެއް ނުވެއެވެ. އަދި ގަތަރު ކޭންޕްގެ ތެރެއިން ތަޖްރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރުވަނީ ސާފް ޗެންޕިއަންޝިޕަށް ބަންގްލަދޭޝްއަށް ދިޔަ ޓީމުން އުނިކޮށްފައެވެ. ނަމަވެސް މިއަހަރުގެ ސްކޮޑްގައި ޢަލީ އަޝްފާގާއި މުޙައްމަދު އުމެއިރާއި، އައްސަދު ޢަލީ (އަޑުބަރޭ)އަށް ވެސް ވަނީ މިފަހަރުގެ ސަކޮޑުން ޖާގަ ދީފައެވެ.

ހުނަރުވެރި މިޑްފީލްޑަރު އިބްރާހީމް ވަޙީދު ޙަސަން (އިއްބެ)ބުނީ ތަށި ދިފާއު ކުރުމަށް މިފަހަރު ގައުމީ ޓީމުން ނިކުންނައިރު، ތަށި ހޯދުމަށްވުރެއް ދިފާއު ކުރަން ކުރަންޖެހޭ މަސައްކަތް އިތުރުވާނެކަމަށާއި އަމިއްލަ ފަސްގަނޑުގައި މުބާރާތް މިފަހަރު ކުޅެން ލިބުމަކީ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ. އަދި މިހާރު ގަތަރުގައި ކުރަމުންދާ ކޭންޕް ނިމޭއިރު، ޓީމު އެއްކޮށް ތަށި ނެގޭ ވަރަށް ފިޓްވާނެކަމަށް ގަބޫލް ކުރާކަމަށްވެސް ހުނަރުވެރި މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ބުންޏެވެ.

"އޭއެފްސީ ކަޕްއަށްއަށް ތައްޔާރުވާން މާޒިޔާއިންވެސް ޓީމު އެއްކޮށް ކޭންޕް ކުރިއިރުގައި، އޭގެ ފައިދާ ވަރަށް ބޮޑަށް ފެނުނު. އެހެން ވީމަ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވާން ހުރިހާ ކުލަބްތަކެއްގެ ކުޅުންތެރިން އެއްކޮށް ކޭންޕް ކުރުމުން އޭގެ ފައިދާ ވަރަށް ބޮޑަށް ފެނޭ. އަސްލު ވަރަށް ފަސޭހަ އެންމެން އެއްތަނެއްގައި ތިބުމުން. ހޮޓަލުގައިވެސް އެންމެ އެއް ފްލޯއެއްގައި ތިބޭއިރު އަބަދުވެސް އެއް ކުޅުންތެރިއަކާއި އަނެއް ކުޅުންތެރިއެއް ދިމާވެ ވާހަކަވެސް ދެކެވޭ. އެއް ކުޅުންތެރިއަކާއި އަނެއް ކުޅުންތެރިއަކާއި އޮންނަ ގުޅުންވެސް ވަރުގަދަވެ، ޓްރެއިނިންތަކުންވެސް އެކަން ވަރަށް ބޮޑަށް ފެނިގެންދޭ. ޓީމް ދުވަހެއް ދުވަހަކަށް ވަރުގަދަވާތަން ފެނިގެންދަނީ." އިބްރާހިމް ވަހީދު ހަސަން ބުންޏެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ތަށި އުފުލާލިއިރު، އިއްބެ އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. ސެމީ ފައިނަލުގައި ނޭޕާލް އަތުން 3 ލަނޑު 0 ލަނޑުން ރާއްޖެ މޮޅުވިއިރު، އިއްބެ ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފައެވެ. ބޯ ވިއްސާރައިގެ ތެރޭގައި އެ ދުވަހު ކުޅުނު މެޗުގެ ފަހު ވަގުތާ ހަމައަށް ރާއްޖެ ޓީމުން ހިތްވަރުގަދަ ކުޅުމެއް ދެއްކިއިރު، އިއްބެ ދެ ގޯލު ޖެހީ ވެސް މެޗުގެ ފަހު ކޮޅުގައެވެ.