ކުޅިވަރު

ކުލަބް މޯލްޑިވްސް މިއަހަރު ނޮވެންބަރު މަހަށް ތާވަލްކޮށްފި


ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ބާއްވާ އެންމެ ބާއްވާ އެންމެ ބޮޑު ފުޓްސެލް މުބާރާތް ކުލަބު މޯލްޑިވްސް ކަޕް މި އަހަރުގެ ނޮވެމްބަރު މަހުގައި ފަށަން ތާވަލުކޮށްފިއެވެ. ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އައިސްފައިވާ މިމުބާރާތް މިދިޔަ އަހަރު ނުބޭއްވުނީ މުޅި ދުނިޔޭގައި ފެތުރެމުންދިޔަ ކޯވިޑް-19އާއި ގުޅިގެންނެވެ. ރާއްޖޭގައި ކޯވިޑް-19ގެ ހަލަތު ރަނގަޅުވެ، ރާއްޖޭގެ އާބާދީގެ ވެކްސިންޖެހޭ މީހުންގެ ތެރެއިން މިހާރު ގިނަ ބަޔަކު ވެކްސިން ޖަހާފައިވުމުން، އެޗްޕީއޭއިންވަނީ ހާއްސަ ގައިޑްލައިނެއްގެ ތެރެއިން މުބާރާތްތައް ބޭއްވުމަށް ހުއްދަ ދީފައެވެ. މިއާއެކު ކުލަބް މޯލްޑިވްސް ކަޕް ބޭއްވުމަށްވެސް އެފަރާތްތަކުންދަނީ މަސައްކަތް ކުރަމުންނެވެ.

ކުލަބް މޯލްޑިވްސް ކަޕަކީ ކޮންމެ އަހަރަކުވެސް ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުން ވަރަށް ބޮޑަށް އިސްކަމެއް ދީގެން ވާދަކުރަމުންދާ މުބާރާތެކެވެ. ހާއްސަކޮށް ބައެއް އޮފީސްތަކުންނާއި ކުންފުނިތަކުން ބޮޑު ހޭދައެއްވެސް މިމުބާރާތް ކުރާކަން ފާހަގަކޮށްލެވެއެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި އެންމެ ފުރަތަމަ ކުލަބް މޯލްޑިވްސް ބާއްވަން މަސައްކަތް ކުރިނަމަވެސް، މާލެ ސަރަހައްދުގައި ކޯވިޑް-19 އެދުވަސްވަރު ހަލުވިކަމާއެކު ފެތުރުމާއި ގުޅިގެން މުބާރާތް ބޭއްވޭ ގޮތެއްނުވެ، މުބާރާތް ފަސްކުރިއެވެ. ފަހުން ޖުލައި މަހަށް މުބާރާތް ފަސްކުރިނަމަވެސް، މިދިޔަ އަހަރު މުބާރާތް ނުބޭއްވި އެންމެ ފަހުން ކެންސަލް ކުރިއެވެ. އަދި މިއަހަރު ކުލަބް މޯލްޑިވްސް މުބާރާތް ބޭއްވުމަށް މެއި މަހަށް ތާވަލް ކުރިނަމަވެސް ކޯވިޑް-19ގެ ޕެންޑެމިކާއި ގުޅިގެން މޭމަހުގައި މުބާރާތް ނުބޭއްވިގެން، މިއަހަރުގެ ނޮވެންބަރުމަހަށް މުބާރާތް ފަސްކުރިއެވެ.

ކުލަބް މޯލްޑިވްސް ކުރިއަށްދަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. ފިރިހެނުންނަށް ހާއްސަކޮށް ކުލަބް މޯލްޑިވްސް އަދި އަންހެނުންނަށް ހާއްސަކޮށްގެން އެއިޓީން ތަރޓީ ވުމަންސް ފުޓްސަލް ފިއެސްޓަރ ކުރިއަށް ގެންދެއެވެ. ފިރިހެން ޑިވިޝަންގައި ބައިވެރިވުމަށް ފުރުސަތު ދެނީ 32 ޓީމަށެވެ. އެންމެ ފަހުން މިމުބާރާތް ބާއްވާފައިވަނީ 2019ވަނަ އަހަރުއެވެ. އެއަހަރު ކުލަބް މޯލްޑިސް ކަޕްގެ ޗެންޕިއަން ހޯދާފައިވަނީ ޔުނައިޓެޑް ބީއެމްއެލްއިންނެވެ. އެ ޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި ވެމްކޯ 6 ލަނޑު 1 ލަނޑުން ބަލިކޮށްގެންނެވެ. އަދި އަންހެން ބައިގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެމްޕީއެލްއެވެ.