ކުޅިވަރު

ލިވަޕޫލް ޕްރިމިއަރ ލީގް ތާވަލްގެ އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ އެއްވަނައަށް ލިވަޕޫލް ޖެހިލިައިފިއެވެ. ލިވަޕޫލުން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފައިވަނީ ކްރިސްޓަލް ޕެލަަސްގެ މައްޗަށް 3 ލަނޑު 0 ލަނޑުން ކުރި ހޯދައިގެންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗް ކާމިޔާބުކުރުމާއިއެކު ލިވަޕޫލްއަށްވަނީ 5 މެޗުން 13 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައިވާ ސިޓީ އާއި ތިން ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް، އަދި ހަތަރުވަނައިގައި އޮތް ޗެލްސީ އަދި ފަސްވަނައިގައި އޮތް އެވަޓަންއަށް 10 ޕޮއިންޓް ލިބިފައިވެއެވެ.

ލިވަޕޫލްގެ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމަށް ލީޑު ނަގައިދިނީ ސާޑިއޯ މާނޭއެވެ. މިލަނޑު މާނޭ ކާމިޔާބުކޮށްދިނީ މެޗްގެ 43ވަނަ މިނެޓްގައެވެ. މުޙައްމަދު ސަލާހު ބޮލުން ޖެހި ބޯޅަ ކްރިސްޓަލް ޕެލަސްގެ ގޯލްކީޕަރު ވިސެންޓޭ ގައީޓާ އަތުގައި ޖެހިފައި ނުކުތް ވަގުތު މާނޭ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފައެވެ. މިއީ މާނޭ ލިވަޕޫލަށް ޖަހައިދިން 100 ވަނަ ގޯލެވެ. އޭނާ އަކީ ލިވަޕޫލަށް 100 ގޯލު ހަމަކުރި 18 ވަނަ ކުޅުންތެރިޔާއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ލިވަޕޫލުން އެއް ލަނޑު ކުރީގައި އޮވެގެން ނިންމާލިނަމަވެސް، މެޗްގެ ދެވަނަ ހާފްގައި ލިވަޕޫލުންވަނީ ދެ ގޯލް ޖަހާފައެވެ. މިމެޗްގައި ކްރިސްޓަލް ޕެލަަސްއަށް ވެސް ލަނޑު ޖަހާނެ މަދު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ލިވަޕޫލުން މެޗްގެ ދެވަނަ ހާފްގައި ޖެހި ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސަލާހާއި ބަދަލް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނަބީ ކެއިޓާއެވެ. ނަބީ ކެއިޓާ ކުޅެން އަރާފައިވަނީ ތިއާގޯ އަލްކަންޓާރާއަށް އަނިޔާވެގެން އޭނާ ބޭލުމާއި ގުޅިގެންނެވެ.

މިދިޔަ ހަފްތާގައި ޕްރިމިއަރ ލީގްގެ 100 ގޯލް ހަމަކޮށްފައިވާ ސަލާ، ރޭގެ މެޗްގައި ޖެހި ދެ ގޯލާއެކު އޭނާވަނީ މިހާރު 101 ގޯލް ޖަހާފައެވެ.