ވިޔަފާރި

އިންޓަރޕޯލް އެންސީބީ އާއި މީރާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި


މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި އިންޓަރޕޯލް ނެޝަނަލް ސެންޓްރަލް ބިއުރޯ ފޮރ މޯލްޑިވްސް (އެން.ސީ.ބީ)އާ ޓެކުހާގުޅޭ ކުށް ހުއްޓުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގައި ބޭއްވި ރަސްމީއްޔާތެއްގައި މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މީރާގެ ފަރާތުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުޙުﷲ ޖަމީލެވެ. އަދި އެން.ސީ.ބީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން މީރާއިން ވިދާޅުވީ، މިއެއްބަސްވުމަކީ މީރާއާއި އެންސީބީއާ ދެމެދުގައިވާ ގުޅުން ވަރުގަދަކޮށް، ޓެކުހާ ގުޅޭ ކުށްތައް ހުއްޓުވުމަށް ކުށްކުރާ ފަރާތްތަކާ ގުޅޭ އެކި މައުލޫމާތު އެންސީބީ މެދުވެރިކޮށް މީރާއަށް ފޯރުކޮށްދިނުންކަމަށެވެ. މިއެއްބަސްވުމުގެ ދަށުން ކުށްކުރާ ފަރާތްތަކުގެ ކުށުގެ ރިކޯޑުތައް ދެނެގަތުމުގެ އިތުރުން އެފަދަ ފަރާތްތަކުން ރާއްޖެއިން ބޭރުގައި
ޙަރަކާތްތެރިވާނަމަ އެ ކަމުގެ މައުލޫމާތުތައް ވެސް މީރާއަަށް ލިބޭނެއެވެ.

މީގެ އިތުރުން، ރާވައިގެން ކުށްކުރާ ޖަމާޢަތްތަކުގެ އެކިއެކި އުކުޅުތައް ދެނެގަތުމަށް އެންސީބީގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް މިރާއިން ބުނެއެވެ.

މި އެއްބަސްވުމުގެ އިތުރަށް މީރާއިން ވަނީ ޓެކުހާއި ބެހޭ މަޢުލޫމާތު ހިއްސާ ކުރުމުގެ ބައިނަލްއަޤްވާމީ މުޢާހަދާތަކުގައިވެސް ބައިވެރިވެފައެވެ. މިމުޢާހަދާތަކުގެ ސަބަބުން މަލްޓިނޭޝަނަލް ކުންފުނިތަކުން ރާއްޖޭގައި ކުރާ ވިޔަފާރިތަކާގުޅޭ މަޢުލޫމާތު މީރާއަށް ލިބި އަދި މީރާއިން ބަލަމުންދާ މައްސަލަތަކުގައި ބައިނަލްއަޤްވާމީ ގޮތުން އެހީތެރިކަން ލިބިގެންދާނެއެވެ.