ކުޅިވަރު

ޓްރެއިނިންގެ ކޭންޕްގައި ކުޅޭ މެޗްތަކުގެ ބޭނުން ހިފަންޖެހޭ - ނިހާޓް


ޓްރެއިނިން ކޭންޕުގައި ލިބޭ މެޗްތަކުގެ ބޭނުން ވަރަށް ފުރިހަމައަށް ހިފެންޖެހޭކަމަށް ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ބުނެފިއެވެ. އަންނަ މަހުގައި މާލޭގައި ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ ޓީމްދަނީ ތަރުގައި ކޭންޕް ކުރަމުންނެވެ. ގައުމީ ޓީމް މާލެއިން ފުރާފައިވަނީ ގަތަރު ޓްރެއިނިންގް ކޭންޕްގައި އެކުވެރިކަމުގެ 3 މެޗް ކުޅުމަށެވެ. އަދި މީގެ ތެރެއިން އެއް މެޗަކީ މިފަހަރުގެ މުބާރާތުގައި ވާދަކުރާ ސްރީލަންކާއާއި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗެވެ. ނަމަވެސް ސްރީލަންކާގެ ކޯވިޑް-19ގެ ހަލަތާއި ގުޅިގެން އެޓީމަށް ވަނީ ގަތަރަށް އެތެރެވުމަށް ވިސާ ނުލިބިފައެވެ. މިއާއެކު ސްރީލަންކާއިން މިހާރުވަނީ ސައުދި އަރަބިއްޔާގައި ކޭންޕްކޮށްފައެވެ.

ގައުމީ ޓީމް ގަތަރުގައި ކުރަމުންދާ ކޭންޕްގެ ތެރެއިން ވާހަކަދައްކަމުން ގައުމީ ޓީމުގެ މިޑްފީލްޑަރު ހުސެއިން ނިހާން (ނިހާޓް) ބުނީ ވަރުގަދަ މުބާރާތެއްގެ ކުރިން ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރަން ލިބުމަކީ މުހިންމުކަމެއްކަމަށާއި ކެންޕްގެ ސަބަބުން ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާކަމަށެވެ. އަދި އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު ދަސްކުރަން ވެސް ކޭންޕްގެ ސަބަބުން ވަރަށް ބޮޑަށް ފަސޭހަވާ ކަމަށް ނިހާން ބުންޏެވެ. އަދި ޓްރެއިނިން ކޭމްޕްގެ ތެރެއިން ލިބޭ ޕްރެކްޓިސް މެޗުތަކަކީ ޓީމްގެ ފެންވަރު ދެނެގަންނަން ލިބޭ ވަރަށް ރަގަނޅު ފުރުސަތެއްކަމަށް ވެސް ނިހާން ބުޏްނެވެ. މިއާއެކު ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ޕްރެކްޓިސް މެޗްތަކުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފަންޖެހޭކަމަށް ވެސް ނިހާން ބުންޏެވެ.

"2018 ގައި ތަށި ނަގާފައި މި ފަހަރު އަހަރެމެން ޕާރފޯމް ކުރަން ލިބުނީ ސާފް ޗެމްޕިއަންޝިޕް. ދެން، ސާފް ޗެމްޕިއަންޝިޕް ޕާފޯމްކުރަން މި ލިބުނީ އަމިއްލަ ފަސްގަނޑުގައި. ހުރިހާ ޕްލޭޔަރުން (ކުޅުންތެރިން) ވެސް ދެކެނީ. ސަޕޯޓަރުން ކުރިމަތީ މުބާރާތް ކުޅެން ލިބުމަކީ އަހަރެެމެންނަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް (ފުރުސަތެއް) ކަމަށް. ޓީމުގެ ފަރާތުން މުބާރާތް ނެގުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން ތައްޔާރަށް މި ތިބީ،" މާޒިޔާ އަށް ކުޅެމުން އަންނަ މިޑްފީލްޑަރު ބުންޏެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހު އެއް ވަނަ ދުވަހުގެރޭ ނޭޕާލާ ކުޅުމަށް ފަހު ދެ ވަނަ މެޗުގައި ހަތް ވަނަ ދުވަހުގެރޭ ބަންގްލަދޭޝްއާ ބައްދަލުކުރާނެއެވެ. ތިން ވަނަ މެޗުގައި 10 ވަނަ ދުވަހު ހަވީރު ލަންކާއާ ކުޅުމަށް ފަހު ލީގު ބުުރުގެ ފަހު މެޗުގައި އަންނަ މަހު 13 ވަނަ ދުވަހުގެރޭ ކުޅޭނީ އިންޑިއާއާއެވެ.