ކުޅިވަރު

ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގައި ވާދަކުރާ ގައުމީ ސްކޮޑު އިއުލާންކޮށްފި


ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ވާދަކުރާ ގައުމީ ކްރިކެޓް ސްކޮޑު އިއުލާނުކޮށްފިއެވެ. މިސްކޮޑް އިޢުލާންކޮށްފައިވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން ރޭ ބޭއްވި ހާއްސަ ހަފްލާއެއްގައެވެ. އަންމަ މަހުގައި ފެށުމަށް ހަމަޖެހިފައިވާ ޓީ20 ކްރިކެޓް ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކުގައި ވާދަކުރުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ކުރިއަށްގެންދާއިރު، ކޯވިޑް-19އާއި ގުޅިގެން މިދިޔަ އަހަރު ސީބީއެމްއަށް ވެސް ކުރިއަށްގެންދެވިފައިވަނީ ވަރަށް މަދު މުބާރާތެކެވެ. އަދި މިއަހަރުވެސް ކޯވިޑް-19އާއި ގުޅިގެން އެސޯސިއޭޝަންގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

ބައިނަލްއަގުވާމީ ކްރިކެޓްގައި އެންމެ ފަހުން ރާއްޖެއިން ވާދަކޮށްފައިވަނީ 2019ވަނަ އަހަރު ނޭޕާލްގައި ކުރިއަށްދިޔަ ސައުތް އޭޝިއަން ގޭމްސްގައެވެ. ކޮލިފައިންގައި ރާއްޖެ ވާދަކުރާނީ ގަތަރު، ސައުދީ އަރަބިއާ، ކުވައިތު އަދި ބަހްރެއިންއާއެވެ. މި ޒޯންގެ ކޮލިފައިން މެޗުތައް ކުރިއަށްދާނީ ގަތަރުގެ ދޯހާގައެވެ. މެޗުތައް ތާވަލުކޮށްފައިވަނީ އަންނަ މަހު 19-30 އަށެވެ. ގައުމީ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައި ވަނީ މުޙައްމަދު މަހްފޫޒްއެވެ. އަދި ވައިސް ކެޕްޓަނަކީ ޔޫސުފް އަޒްޔާން ފަރުހަތުއެވެ.

ކްރިކެޓް ޓީމާ މުހާތަބުކޮށް ވާހަކަ ދެއްކެވިއިރު، ސީބީއެމްގެ ރައީސް މުހައްމަދު ފައިސަލް ވަނީ މުހިއްމު ކަންތައްތަކެއް ފާހަގަކުރައްވައިފައެވެ. ހާއްސަކޮށް ފައިސަލް އަލިއަޅުއްވާލެވީ މޮޅު ކުޅުންތެރިއަކަށް ވުމަށްޓަކައި ޑިސިޕްލިން ހިފެހެއްޓުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި ޓީމުގެ ކޯޗު އަޙުމަދު ނީޝަމް ނާސިރު އާއި އެސިސްޓަންޓް ކޯޗު އިސްމާޢީލް ނިހާދު ކުރި މަސައްކަތަށް ސީބީއެމް އިން ވަނީ ޝުކުރު އަދާކޮށްފައެވެ. ގައުމީ ކްރިކެޓް ޓީމުގެ މެނޭޖަރަކަން ހަމަޖައްސާފައިވަނީ ޢަލީ މުޙައްމަދު މަނިކު (އަލިބެ) އެވެ. އޭނާ އަކީ 2005 ވަނަ އަހަރު ރާއްޖެއިން ފުރަތަމަ ފަހަރަށް ބައިނަލްއަގުވާމީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދިއިރު، ޓީމުގެ މެނޭޖަރުގެ ޒިންމާ އަދާކުރި ފަރާތެވެ.