ވިޔަފާރި

ޔޫރަޕަށް ބޭރުކުރާ މަހުން ޑިއުޓީ އުނިކުރުމަށް މަސައްކަތް އެބަކުރެވޭ: މިނިސްޓަރ


ޔޫރަޕަށް މިހާރު އެކްސްޕޯޓް ކުރަމުންދާ މަހުގެ ޑިއުޓީ އުނި ކުރުމަށް މަޝްވަރާ ކުރެވި، މިހާރު އެކަމާއި ގުޅޭ ހުށަހެޅުންތަކެއް ލިބިފައި އެބަހުރިކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ފިޝަރީޒް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަން މިކަން ހާމަކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ބިލެއްދޫ ދައިރާގެ މެންބަރު އަހުމަދު ހަލީމް، މަހަށް ހަމައަގު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން، ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަހަށް ހަމައަގު ހޯދޭނީ ރަނގަޅު މާކެޓުތަކަށް ފޮނުވިގެން ކަމަށެވެ.

އެގޮތުން ދިވެހިރާއްޖެއިން މިހާރު ޔޫރަޕަށް ފޮނުވާ މަހުގެ ޑިއުޓީގެ ގޮތުގައި %22 ނަގާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި މިކަމާއި ގުޅިގެން ދާދި ފަހުންވެސް ދިވެހި ވަފުދަކާއެކު މަޝްވަރާ ކުރެވުނުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މިމަޝްވަރާތަކުގެ ތެރެއިން މިހާރު ޑިއުޓީ ދައްކަން ނުޖެހޭ ޤައުމުތަކެއް ކަނޑައެޅުމަށް އެބޭފުޅުން ހުށަހާޅާފައިވާ ކަމަށާއި އަދި އެމަސައްކަތް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ދާދި ފަހުންވެސް ޔޫރަޕިއަން ޔޫނިއަންއާއި ދިވެހި ވަފުދަކުން ވާހަކަ ދެއްކި ކަމަށެވެ. އެމީހުން މިހާރު ޕްރޮޕޯޒްކޮށްފައި އެބަހުރި ތިމާވެށީގެ ކަންކަމުގައި ސަސްޓެއިންޑްކޮށް މަސައްކަތްކުރާ ގައުމުތަކާއި ދެމެހެެއްޓެނެވި ތަރައްގީއަށް މަސައްކަތްކުރާ ގައުމުތަކަށް އިސްކަން ލިބޭ ގޮތަށް ޑިޔުޓީ އެކްޒެމްޕްޝަން ފަރުމާކުރުމަށް އެބަހުށަހަޅުއްވާ. އެމަސައްކަތް ދިވެހި ސަރުކާރާއި އެކު އެބަކުރެވޭ. އެމަސައްކަތް ކުރެވުނީމަ މިހާރު މިދައްކާ ޑިއުޓީ ނުދައްކާ އެހެން [ބައެއް] ގައުމުތަކެކޭ އެއްގޮތަށް އަޅުގަނޑުމެންނަށް އެކަން ކުރެވުނީމަ މަހުގެ އަގު މިހާރަށް ވުރެ މައްޗަށް ގެންދެވިދާނެ" މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ އިތުރުން ރަޝިއާއި އީސްޓަން ޔޫރަޕް އަދި ތުރުކީއަށް ވެސް މަސް އެކްސްޕޯޓު ކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިކަން ކުރެވުނީމަ މާކެޓަށް ލިބޭ އެކްސެސް ބޮޑުވެ މަސްގަންނަ ކުންފުނިތަކުން މިހާރަށް ވުރެ ބޮޑު އަގުގައި މަސްގަތުމުގެ ގާބިލްކަން އިތުރުވެގެންދާނެކަމަށެވެ.

މީގެ އިތުރުން މިއަދުގެ ޖަލްސާގައި މިނިސްޓަރ ވަނީ މަސްވެރިކަން މާކެޓު ކުރުމަށް ފިޝަރީޒް ޕްރޮމޯޝަން ބޯޑެއް އެކުލަވާލެވި، އެކަމުގެ މަސައްކަތް ކުރަމުންދާކަން ހާމަކުރައްވާފައެވެ.

ދިވެހި ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކޮށްފައި ވަނީ ޑިއުޓީ އަކާއިނުލައެވެ. ނަމަވެސް ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުން، މެދު އާމްދަނީ ލިބޭ ޤައުމަކަށް ރާއްޖެ ބަދަލުވުމާއެކު ޑިއުޓީ ނަގަން ވަނީ ފަށާފައެވެ.