އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރު ކުރުމަށް އެމްއެމްޕީއާރުސީން ރޯޑް ޝޯވްއަކާއެކު އިންޑިއާގައި ބާއްވާ ފަތުރުވެރިކަމުގެ ފެއާއެއްގައި ބައިވެރިވުމަށް ނިންމައިފިއެވެ.
އިންޑިއާއަށް އަމާޒުކޮށް މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމްއެމްޕީއާރުސީން މިހާރުވަނީ މި ދެ ޙަރަކާތުގެ ތެރެއިން ފުރަތަމަ ހަރަކާތް ބާއްވާފައެވެ. އެގޮތުން އެމްއެމްޕީއާރުސީން ވަނީ އިންޑިއާގެ އަޙްމަދުއާބާދުގެ ނޮވޮޓެލް ހޮޓެލްގައި ރޯޑް ޝޯވއެއް ކުރިއަށް ގެންގޮސްފައެވެ. މިރޯޑްޝޯވގައި އެމްއެމްޕީއާރުސީއާއެކު ބައިވެރިވާ ރިސޯޓްތަކަކީ އަންސަނާ ރިޒޯޓު އެންޑް ސްޕާ މޯލްޑިވްސް، އަދާރަން ރިޒޯޓްސް، ވަން އެބަލް ޓްރެވަލް މޯލްޑިވްސް އަދި ކިހާ މޯލްޑިވްސް ރިޒޯޓެވެ.
މީގެ އިތުރުން މި މަހުގެ 29ވަނަ ދުވަހުން އޮކްޓޫބަރު 1ވަނަ ދުވަހާ ހަމައަށް ފަތުރުވެރިކަމާގުޅޭ އިންޑިއާގެ އެންމެ ބޮޑު އެއް ފެއަރ، ޓްރެވަލް އެންޑް ޓުއަރިޒަމް ފެއަރ - ޓީޓީއެފްގައި އެމްއެމްޕީއާރުސީއާއި އިންޑަސްޓްރީގެ ފަރާތްތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މުމްބާއީގެ ނެހްރޫ ސެންޓަރ ވޯލީގައެވެ. ޓީޓީއެފް އަކީ 1989ވަނަ އަހަރުން ފެށިގެން އިންޑިއާއިން އިންތިޒާމްކޮށް ބާއްވާ އެންމެ ބޮޑު އެއް ފެއަރއެވެ.
މި ފެއަރގެ މި އަހަރުގެ އެޑިޝަންގައި އެމްއެމްޕީއާރުސީ އާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕާޓްނަރުންގެ ތެރެއިން ޤައުމީ އެއަރލައިން - އައިލޭންޑް އޭވިއޭޝަން ސާރވިސަސް، ދިގުފަރު އައިލެންޑް ރިޒޯޓް، ޓާޓާބައި މޯލްޑިވްސް، ވަން އެބަވާ ޓްރެވެލް މޯލްޑިވްސް، ކިހާ މޯލްޑިވްސް، އައިލެންޑް ލައިފް ޓްރެވަލް އަދި އެޓްމޮސްފެއަރ ހޮޓެލްސް އެންޑް ރިޒޯޓްސް ބައިވެރިވެއެވެ.
މި ފެއަރއަކީ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ގުޅުން ބަދަހިކުރުމަށް ފުރުސަތު ލިބޭ ފެއަރއެއް ކަމަށް އެމްއެމްޕީއާރުސީން ހާމަކުރެއެވެ.
މި ދެހަރަކާތުގެ ޒަރިއްޔާއިން އިންޑިއާގެ މާކެޓުގައި ރާއްޖެއަކީ ފަތުރުވެރިން ޒިޔާރަތްކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި ޕްރޮމޯޓުކުރެވޭނެއެވެ. އަދި އިންޑިއާ ފަތުރުވެރިންގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓައި އިންޑިއާގެ ޓްރެވަލް އެޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންނަށް ރާއްޖޭގެ އެންމެ ފަހުގެ މައުލޫމަތު ހިއްސާކުރެވޭނެއެވެ. މި ގޮތުން ރާއްޖޭގެ ރިސޯޓު، ހޮޓެލް، ގެސްޓްހައުސް އަދި ލިވަބޯޑު ތަކުގެ މައުލޫމާތާއި، ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތައް އިސްތިހާރުކުރާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.
މި ދެ ހަރަކާތުގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 300އަށްވުރެ ގިނަ ފަރާތްތަށް އެއް ފުރާޅެއްގެ ދަށުން ބައްދަލުކޮށް، ގުޅުން ބަދަހި ކުރުމަށް ފުރުސަތު ލިބޭނެއެވެ. މި ދެހަރަކާތުގައި ރާއްޖެއިން ބައިވެރިވުމުގެ ސަަބަބުން ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އިންޑިއާ ފަތުރުވެރިން އައުމަށް ހަދާ ބުކިންތަށް އިތުރުވާނެ ކަމަށް ބެލެވެއެވެ.
އިންޑިއާ އަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެގޮތުުން މިމަހުގެ މިހާތަނަށް ރާއްޖެއަށް 8 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު މީގެތެރެއިން %22.6އަކީ އިންޑިއާ ފަތުރުވެރިންނެވެ.