ވިޔަފާރި

ޤަތަރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުޤުވެރިވޭ


ޤަތަރުގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓު ކުރުމަށް ޝައުޤުވެރިވާކަމަށް ޤަތަރު ޗެމްބަރ އޮފް ކޮމާސްގެ ފުރަތަމަ ވައިސް ޗެއާމަން މުޙައްމަދު ބިން ތޮވާރު އަލް-ކުވާރީ، ވިދާޅުވެއްޖެއެވެ.

އެނާ މިކަން ހާމަކުރައްވާފައި މިވަނީ ރާއްޖޭގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ. މިބައްދަލުވުމުގައި، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ވަނީ ދެޤައުމުގެ ވިޔަވާރިވެރިންގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާގުޅޭ މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ދެޤައުމުގެ ދެމެދުގައި އިންވެސްޓު ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާ ކުރެއްވިއެވެ.

މި މަޝްވަރާގެ ތަކުގެ ތެރެއިން މިނިސްޓަރ ފައްޔާޒް ވަނީ ރާއްޖޭގެ ސަރުކާރުން ފޮރިން އިންވެސްޓްމެންޓަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަން ހާމަކުރައްވާފައެވެ. އަދި އިޤްތިސާދީ ރަނގަޅު ޕްލޭންތަކެއް އެކުލަވާލެވި، އިންވެސްޓްމެންޓް ފުޅާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ފަތުރުވެރިކަމާއި ކާނާ އުފެއްދުމުގެ ދައިރާގައި ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ޤަަތަރު ޗެމްބަރގެ ފަރާތުން ޤަތަރުގެ ވިޔަފާރިވެރިން ހޯދުމުގައި އެހީތެރިވުމަށް ތައްޔާރަށް އޮތްކަމަށް މުޙައްމަދު ބިން ތޮވާރު އަލް-ކުވާރީ ވިދާޅުވިއެވެ. އަދި އެކުވެރި ޤައުމުތަކުގައި އިންވެސްޓުކުރުމަށް އަބަދުވެސް ޤަތަރު ވިޔަފާރިވެރިން ތައްޔާރަށް ތިބިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި މިނިސްޓަރ ފައްޔާޒް ވަނީ ޤަޠަރުގެ ޗެމްބަރއިން މިފަދަ ފުރުސަތެއް ދެއްވީތީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ޤަތަރު ވިޔަފާރިވެރިންނާއި ރާއްޖޭގެ ވިޔަފާރިތަކާއި ބައްދަލުވުމެއް ބޭއްވުމާއި ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.