ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ހިންގުމުންދާ މޯލްޑިވްސް އޭއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން އެކުންފުނީގެ މުވައްޒަފުންގެ މުސާރަ 20 އިންސައްތައާ ހަމައަށް ބޮޑުކޮށްފިއެވެ.
އެމްއޭސީއެލްގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން އެކުންފުނިން ނިންމާފައިވާއިރު، އެކުންފުނީގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރަން ހަމަޖެހިފައިވަނީ %5 އާއި %20 އާއި ދެމެދުގެ އަދަދަކަށެވެ. އެގޮތުން ބޮޑެތި މުސާރަ ލިބޭ މީހުންނަށް %5 އިތުރުކޮށްދޭއިރު ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށް %20 އިތުރުކޮށްދިނުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މުސާރަ ބޮޑު ކުރުމުގައި ސީނިއާ މެނޭޖްމެންޓުގެ މުސާރައަށް ބަދަލު ގެނެސްފައި ނުވާކަމަށް އެމްއޭސީއެލްއިން ހާމަ ކުރެއެވެ.
އެމްއޭސީއެލްއިން މުސާރަ ބޮޑު ކުރުމަށް ނިންމާފައިވާކަން ހާމަކޮށްފައިވާއިރު މިއީ، ކޯވިޑުގެ ތެރޭ އެކުންފުނީގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކުރުމަށް ގެނައި ބަދަލެއް ކަމަށް އެކުންފުނިން ހާމަކުރެއެވެ. މީގެ އިތުރުން އެމްއޭސީއެލްއަކީ ސަރުކާރު ކުންފުނިތަކުގެ ތެރެއިންވެސް އެންމެ ބޮޑު މުސާރަ ދޭ ކުންފުންޏަކަަށް ވާ ހިނދު، މިއީ މުސާރައިގެ މިންގަނޑު ހިފެހެއްޓުމަށް ގެންނަންޖެހޭ މުހިންމު ބަދަލެއް ކަމަށް އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ.
އެމްއޭސީއެލްގެ މުވައްޒަފުންނަށް މުސާރައިގެ އިތުރުން އިތުރުކަންކަންވެސް ހަމަޖެހިފައިވެއެވެ. އެގޮތުން ހެލްތު އިންޝުއަރެންސާއި ހިލޭ ދަތުރުފަތުރާއި ހިލޭ ޕާކިން އާއި ސްޓާފް ލޯން ސްކީމާއި ސްޓާފް ޗިލްޑްރެން ލޯން ސްކީމާއި ސްޓާފް ޑެވެލޮޕްމަންޓް ސްކީމް ފަދަ ފައިދާތައް ލިބޭނެއެވެ.