ކުޅިވަރު

ރާއްޖެ ނޭޕާލް މެޗުގެ 70 އިންސައްތަ ޓިކެޓް ވިކިއްޖެ


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި މާދަމާ ރޭ ރާއްޖެ އާއި ނޭޕާލް ކުޅޭ މެޗްގެ ޓިކެޓްގެ 70 އިންސައްތަ ޓިކެޓް މިހާރު ވިކިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ. މާދަމާ ހަވީރު ފެށުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕް މުބާރާތުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ބަންގްލަދޭޝް އަދި މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗްގައި ބައްދަލުކުރާނީ ނޭޕާލް އާއި ދިވެހިރާއްޖެއެވެ.

މުބާރާތުގެ މެޗްތަކުގެ ޓިކެޓް އެފްއޭއެމްއިން އިއްޔެ ވިއްކަން ފަށާފައިވާއިރު، ޓިކެޓް ގަތުމަށް ގިނަ ބަޔަކުވަނީ ކިއުގައި ޖެހިފައެވެ. އަދި ކިއުގައި ތިބެގެން ގިނަ ބަޔަކު ވަނީ ޓިކެޓް ވެސް ގަނެފައެވެ. މިއީ މިމުބާރާތުގެ ހުރިހާ މެޗެއް މާލޭގައި ކުޅޭ ފުރަތަމަ ފަހަރުއެވެ. 2008ވަނަ ރާއްޖެއިން މިމުބާރާތުގެ މެޗްތައް ބާއްވާފައިވަނީ އަވަށްޓެރި ސްރީ ލަންކާއާއި ގުޅިގެންނެވެ. ނަމަވެސް މިފަހަރު މުބާރާތުގެ ހުރިހާ މެޗެއް ކުޅެ ނިގެންދާނީ މާލޭގައެވެ.

ދެ މެޗްގެ ޓިކެޓް އެއްފަހަރާ އެފްއޭއެމްއިން އިއްޔަގައި ވިއްކަން ފަށާފައިވާއިރު، ކޮންމެ މެޗްއަކަށް އެފްއޭއެމްއިން ވަނީ 5 ހާސް 432 ޓިކެޓް ޕްރިންޓް ކޮށްފައެވެ. ރޭއާއި ހަމައަށް ރާއްޖެ މެޗްގެ 2ހާސް 100 ޓިކެޓް ވަނީ ވިކިފައެވެ. އަދި މާދަމާ ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗްގެ ޓިކެޓް ރޭއާއި ހަމައަށް ވިކިފައިވަނީ 432 ޓިކެޓެވެ. މިވަގުތު ދަނޑަށް ވަންދަން ހުއްދަ ލިބިފައި ވަނީ 5ހާސް 800 މީހުންނެވެ. މެޗުތަކުގެ ޓިކެޓް ކޮންމެ ދުވަހެއްގެ ހެދުނުނު 10ކުން ފެށިގެން ހަވީރު 6 ޖަހަންދެން އަދި ރޭގަނޑު 8 ކުން 11 ޖަހަންދެން ޓިކެޓް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.