ޚަބަރު

އިންޑިއާގެ ކަނޑުއުޅަނދު މޮނީޓަރ ކުރާ ނިޒާމު ރާއްޖެއަށް ހިލޭ


އިންޑިއާގެ، ދުރުރާސްތާ ކަނޑު އުޅަނދު ޓްރެކިންގް ނިޒާމު (އެލް.އާރް.އައި.ޓީ) ރާއްޖެއިން ހިލޭ ބޭނުން ކުރުމާގުޅޭ އެއްބަސްވުމެއްގައި ރާއްޖެއާއި އިންޑީއާއާ ދެމުދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގައި ބޭއްވި ރަސްމީއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކޮށް ތިމާވެށި ޙިމާޔަތް ކުރުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ކަނޑު ދަތުރުފަތުރުގެ ދައިރާއިން އިތުރަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިމަނާފައިވެއެވެ. މީގެ ދަށުން ތަމްރީނު ޕްރޮގްރާމްތަކާއި، މިދާއިރާއިން މީހުން ބިނާކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް ވަނީ އެއްބަސްވެފައެވެ.

މިއެއްބަސްވުމުގެ ދަށުން ރާއްޖެއަށް އިނޑިއާގެ ލޯންގް ރޭންޖް އައިޑެންޓިފިކޭޝަން އެންޑް ޓްރެކިންގް އޮފް ޝިޕް (އެލް.އާރް.އައި.ޓީ) ނިޒާމާއި، އެޤައުމުގެ މިނިޒާމުގެ ދަށުން ޤާއިމު ކުރެވިފައިވާ އިންޑިއާގެ ޤައުމީ ޑޭޓާ ސެންޓަރުގެ އިތުރުން އެނިޒާމުގު ޓެސްޓު ފެސިލިޓީ، އެއްވެސް އަގަކާ ނުލައި ބޭނުން ކުރެވޭނެއެވެ. އިނޑިއާގައި 2009ވަނަ އަހަރު ޤާއިމުކުރި ޑޭޓާ ސެންޓަރު ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުންކުރާ އެލް.އާރް.އައި.ޓީ ނިޒާމާ ގުޅުވާލާފައެވެ. އަދި މިއީ 24 ގަޑިއިރު މިސަރަހައްދުގެ ކަނޑު ދަތުރުފަތުރުގެ ކަންކަން ބަލަހައްޓާ މޮނިޓަރ ކުރަމުންދާ ނިޒާމެކެވެ.

މިނިޒާމުގެ ސަބަބުން ޝިޕިންގް ކުންފުނިތަކަށްވެސް ބޯޓު ފަހަރު ހަރަކާތްތެރިވާ ގޮތް އެނގިގެންދެއެވެ. އަދި މިނިޒާމުގެ ތެރެއިން، ބޯޓުފަހަރު ފަރަށް އެރުން ފަދަ ހާދިސާތަށް ވަގުތުން އެނގިގެންދާނެ ކަމަށް އިންޑިއާ ހައިކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖެއަކީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންގެ މެންބަރު ޤައުމެކެވެ. މިނިޒާމަކީ މެންބަރު ޤައުމުތަކުން ބޭނުން ކުރުން ލާޒިމް ކުރާ ނިޒާމެކެވެ. އިނޑިއާގެ މިނިޒާމު 2014ވަނަ އަހަރުން ފެށިގެން އަވައްޓެރި ސްރީ ލަންކާއިންވެސް ދަނީ ބޭނުން ކުރަމުންނެވެ.